14:30


ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން، އޮޑިޓަރ ޖެނެރަލްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތައް ކޮށްފައި ވަނީ، ކޮރަޕްޝަންގެ ތެރެއިން ރާއްޖޭން ބޭރުގައި ބަހައްޓައިފައި ހުރި ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާތަކެއް ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމު ވިދާޅުވެއްޖެ އެވެ.


އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ނުސްވެރިންނަށް ދެއްވަމުން އޮޑިޓަރ ޖެނެރަލް މިއަދު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތުން، ކޮރަޕްޝަންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރު ގައުމު ތަކެއްގައި ބަހައްޓަފައިވާކަން އެނގިވަޑައިގަންފައިވާ ކަމަށެވެ. އަދި އެކި މީހުންގެ ނަންނަމުގައި ނަގުދު ފައިސާ ރާއްޖޭން ބޭރުގައި ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށާއި، އެ ފައިސާތައް ހުރި ގައުމުތަކުން، އދ.ގެ މުއާހަދާއެއްގެ ދަށުން އެ  ފައިސާތައް މި އަހަރު ތެރޭގައި ރާއްޖެ ގެންނަވާނެ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ވެސް ނައީމް ދެއްވި އެވެ.


ނައީމް އަދި ވިދާޅުވީ ކްރެޑިޓް ކާޑް ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމާއި، ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ މައްސަލައިގައި އެދަތުރުފުޅުގެ ބިލަށް އޮޑިޓް އޮފީހުން ފައިސާ ދައްކައިފައި ވަނިކޮށް، އަމިއްލަފުޅަށް މާކުރިން ފައިސާ ދެއްކެވި ކަމަށް ހެއްދެވުމަށް އެ ރަސީދު ކެންސަލް ކުރައްވައި އަލުން ރަސީދު ހެއްދެވި ކަމަށް ބުނާ މައްސަލައިގައި، މާލިއްޔަތު ކޮމިޓީންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަނީ އެ ތަންތަނުގައި ތިއްބެވި މެންބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ގޮތަށް ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ އެމަނިކުފާނު ނެރުއްވައިފައިވާ އޮޑިޓް ރިޕޯޓް ސީދާ އަމާޒުވާ މެންބަރުން ކަމަށް ވެސް ވިދާޅުވި އެވެ.


ނައީމް ވިދާޅުވީ، ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުން، އެ ބޭފުޅުންނަށް، ލިބިވަޑައިގަންނަވާ އާމްދަނީ އާއި މާލީ ޒިންމާތަކާބެހޭ މައުލޫމާތު ހިމެނޭ ރިޕޯޓެއް ކޮންމެ އަހަރަކު އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން އެ މަޢުލޫމާތު ހުށަހަޅުއްވައިފައި ނުވާތީ އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުއްވުމަށް ޝަރީއަތަށް ފޮނުއްވުމަށް ޓަކައި، މިއަދު ޕީޖީ އޮފީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. ނަމަވެސް މިހަފްތާ ނިމުމުގެ ކުރިން އެ ރިޕޯޓު ފޮނުއްވާ ފަރާތްތަކުގެ މައްސަލަ އަނބުރާ ނަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއަހަރުގެ ތެރޭގައި އޮޑިޓް އޮފީހުން 200 ރަށަށް ޒިޔާރަތްކޮށް އެރަށްރަށުގައި ފައިސާގެ ކަންތައް ގޮސްފައިވާގޮތް އޮޅުން ފިލުވާފައިވާ ކަމަށާއި، އެ ރަށްރަށުގެ މާލީ ތަފްސީލްތައް އެނގޭގޮތަށް އެރަށް ރަށާއި ބައެއް މިނިސްޓްރީތަކާއެކު މިއަހަރުގެ މެދުތެރޭގައި 250 އަށްވުރެ ގިނަ އޮޑިޓް ރިޕޯޓް ނެރުއްވާނެ ކަމަށް ވިދާޅުވެ، އޮޑިޓް ރިޕޯޓްތައް ނެރުން ލަސްވެފައިވާ މައްސަލައާބެހޭ މައުލޫމާތު ވެސް ދެއްވި އެވެ.


ހިޔާނާތުގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އޮޑިޓަރ ޖެނެރަލް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހެޅުމަށް އެޖެންޑާ ކޮށްފައިވާއިރު، ހަމަ އެފަދަ މައްސަލައެއްގައި އޮޑިޓް ޖެނެރަލާ ދެކޮޅަށް ދައުވާ ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް މިއަދު ވަނީ މައްސަލަ ފޮނުވައިފަ އެވެ.