21 Aug 2013, 23:33
އަންނަ މަހު ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް 242،000 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 239،593 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެގޮތުން ކޮމިޝަންނުން ވޯޓް ކަރުދާސް ޗާޕްކޮށްފައި ވަނީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެއް ޕަސެންޓް އިތުރަށް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ޗާޕް ކުރި ވޯޓު ކަރުދާސްކޮޅުތައް ވަރަށް ރައްކާތެރިކަމާ އެކު އެ ކޮމިޝަން ބަލަހައްޓަމުން އަންނަ ކަމަށެވެ.
ފުއާދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުހައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް މާދަމާ އާންމު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަނަނަ ކަމަށެވެ.