21 Aug 2013, 23:17
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ޔޫތު ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި މިރޭ ސްޕޯޓްސް ކްލަބް ވިޝަންއާ ވާދަކޮށް ފަސޭހަކަމާއެކު ކްލަބް އޯލް ސްޓާ މެޗު ކާމިޔާބުކޮށްފި އެވެ.
އަންހެން ޑިވިޝަން ފެށުމުގެ ގޮތުން މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު އޯލް ސްޓާއިން ކާމިޔާބުކުރީ 25-12، 25-17، އަދި 25-20 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޯލް ސްޓާގެ އައިމިނަތު އިބްރާހީމް އެވެ.
ޖުމުލަ ހަތަރު ޓީމު ވާދަކުރާ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން ކުޅޭ އެއް ބުރަށް ފަހު އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅޭ ސެމީން މޮޅުވާ ޓީމަކަށެވެ.
މި މުބާރާތުގައި މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކްލަބް ސްޕައިކާ އާއި ޕޮލިސް ކްލަބެވެ.