21 Aug 2013, 23:19
(17 އޯގަސްޓްގެ އަދަދާއި ގުޅޭ)
އުފާވެރި މޫނު ތަކާއި އެކު ހީހީފައި ވާހަކަ ދެއްކި އެންމެންނަށް އިޔަންގެ ވާހަކަ އިވިގެން އައީ ކުއްލި ހިމޭންކަމެކެވެ. މިއާ ހެދިކާ އަނގައަށް ލާން، ހިއްލައިލި އަތާއެކު ގަނޑުވެފައި އިންއިރު ހަމީދު އާއި ޝާފިޔާ ވެސް އެއީ ބައިންދާފައި އިން ދެ ބުދު ފަދައެވެ. "ވާއު!" ތަނުގެ ހިމޭންކަން ފުނޑު ފުނޑުކޮށްލީ މިއާގެ ބައްޕަ ނަޝީދުގެ އަޑެވެ. "އެކްޒެކްލީ." ޒަމީހާ އިނދެފައި ނަޝީދު އާއި އެއްބައިވެލިއެވެ. "ދަރިފުޅު އެގޮތް ބޭނުން ވަންޏާ އަވަސް ކުރަންވީ." ހަމީދު ވާހަކަދެއްކުމުގެ ކުރީން ޝާފިޔާއަށް ބަލައިލި އެވެ. ޝާފިޔާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލި ނަމަވެސް އިޔަންގެ މޫނަށް ފުންކޮށް ބަލައިލެވުނެވެ. އެކައިވެނީގެ ފަހަތުގައި އިޔަންގެ ކޮންމެވެސް އެހެން މަޤްސަދެއް ވާނެ ކަމުގައި ހިތް ބުނެލީ ކީއްވެ ކަމެއް ނޭނގެއެވެ.
"ބައްޕަ ވަރަށް އުފާކޮށްފިން. ތީ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ." ހަމީދުއަށް ލިބުނު އުފާވެރިކަން ސިއްރެއް ނުކުރެވުނެވެ. ދުވަހަކު ހިނިތުން ނުވާ ވަރަށް ހިނިތުން ވުމުން، އެމޫނުވެސް ވިދައިލި އެވެ. އަނގައިން ނުބުނެވިފައި އިނީ މިއާ އެކަންޏެވެ. "އެކަމަކު މިއާ ގަބޫލު ވާނެތަ؟" ޝާފިޔާ މިއާގެ ހިތުގައި އޮތް ގޮތް ހާމަކޮށްލާނެ ފުރުސަތެއް ހޯދައިދިނެވެ. "މިއާ ކީއްވެތަ ޤަބޫލު ނުވާންވީ؟" ޒަމީހާ މިއާއަށްވުރެ ކުރީން ޖަވާބު ދީފިއެވެ. "އޯލްރައިޓް ދެން. ހިނގާ ތާރީހެއް ކަނޑަ އަޅަން." އިޔަން އިތުރަށް ބުނެލި އެވެ.
ވާހަކަ އެންމެ އޮލަވި ވަގުތު އިޔަން ފޯނެއްގެ ބަހަނާގައި އެތަނުން ބޭރަށް ޖެހިލި އެވެ. ދެކޮޅު ހޯދައިލާފައި ގޮސް ޒަމީހާގެ ކޮޓަރިއަށް ދެމިގަނެގެން ފުރަތަމަވެސް ދިޔައީ ޑްރެސިންޓޭބަލް މަތީ އޮތް ފޯނާއި ދިމާއަށެވެ. އިޔަން ކޯލް ލޮގް ބަލައިލި އިރު ބޭރުގެ ނަންބަރަކަށް ގުޅާފައި އިނީ އެންމެ ނަންބަރަކަށެވެ. އަވަހަށް ނަންބަރ ފޯނުގައި ނޯޓް ކޮށްލައިފައި ޒަމީހާގެ ލެޕްޓޮޕްވެސް ހާވައިލަން ހީކޮށްލިއެވެ. އިޔަން ވީޑިއޯ ޕްލޭކޮށްލާފައި އަދިވެސް އެއްފަހަރު ބަލައިލި އެވެ. މީހަކަށް ފެނުމުގެ ކުރީން އެތަނުން ނިކުންނަން ގޮސް ދޮރު ހުޅުވައިލެވުނީ މިއާގެ ކުރިމައްޗަށެވެ.
"އިޔަން! މަންމަ ކޮޓަރީގައި ކީއްކުރަނީ؟" މިއާ ބަލައިލީ ޖާސޫސީ ލޮލަކުންނެވެ. "އަމް....." އިޔަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. "އަޅާނުލާ." މިއާ ހުއްޓިވެސް ނުލައި އެދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރި އަށެވެ. އިޔަން ބަލަން ހުރެލާފައި ގޮސް ކޮޓަރިއަށް ވަދެ ކޯޑަށް ވިސްނައިލުމުން އެނގުނީ އެއީ ނިއުޒިލޭންޑްގެ ނަންބަރެއް ކަމެވެ. އަނެއްކާ ޒޯހާ ހައްޔަރު ކޮށްފައި އޮތީ އޭނާގެ ގޭގައި ހެއްޔެވެ؟ އިޔަން ބޭނުންވީ އަދިވެސް އެއްފަހަރު ވީޑިއޯ ބަލައިލާށެވެ. ފަހަރުގައި އެއީ ސްޓޯރ ރޫމް ކަމަށްވެސް ވެދާނެއެވެ.
ފުރުސަތަކަށް ބަލަބަލާ އިޔަން ހުއްޓާ އެރޭ ބާރަ ޖެހިއެވެ. އެކަމަކު ދެވަނަ ފަހަރަށް ޒަމީހާގެ ލެޕްޓޮޕާއި ހަމައަށް ވާސިލްވުން ވީ ނާދިރު ކަމަކަށެވެ. ދެން އޭނާ ނިންމީ އެނަންބަރަށް ގުޅާށެވެ. އެކަމަކު ގުޅައިގެން ލިބިދާނެ ގެއްލުމެއް އޮވެދާނެ ކަމަށްވެސް ބަލަން ޖެހެއެވެ. ޒަމީހާއަށް އޭނާގެ މަޤްސަދު ކިރިޔާވެސް ރޭކާލައިފިނަމަ އެއް ފިޔަވަޅު ކުރިއަށް އަޅާނެއެވެ. އިޔަން އެކި ގޮތްގޮތަށް ވިސްނާފައި އެންމެ ފަހުން ގުޅިއެވެ. އެކޮޅުން ފޯނު ނެގި ކުއްޖާ ހުރީ އަނގައިން ނުބުނެއެވެ. "ފޯން ކަނޑައިނުލާ އެންމެ ފަހަރަކު އަހަރެންގެ ވާހަކަ އަޑު އަހާ. އަހަރެންނަކީ އިޔަން. އަދި ކަލޭގެ އަތްދަށުގައި ހައްޔަރުވެފައި އޮތް އަންހެންކުއްޖަކީ އަހަރެންގެ އަނބިމީހާ. އަހަންނަކަށް ނޭނގެ ޒަމީހާ ތިކަން ކުރަން ކަލެއަށް ދިނީ ކިހާ ފައިސާއެއް ކަމެއް. އެކަމަކު އަހަރެން އޭނާ ދޭން ބުނި ވަރަށްވުރެ ދެ ގުނަ އިތުރަށް ކަލެއަށް ފައިސާ ދޭނަން. ހަމައެކަނި ކޮށްދޭންވީ ކަމަކީ ތި އެޑްރެސް އަހަރެންނަށް އަންގާލަ ދިނުން." އިޔަން ވަރަށް ވިސްނުން ތެރިކަމާއެކު ވާހަކަ ދެއްކިއެވެ.
އިޔަން ފޯން ބޭއްވީ ފައިސާ ހަވާލު ކުރާނެ ތަނެއް ކަނޑަ އަޅައި ގަޑި ކިޔާފައެވެ. މައިކަލްއަށް ގުޅައިލުމުން ހުރީ އެހީވާން ތައްޔާރުގައެވެ. މިކޮޅުގައި ޒަމީހާ ނޭނގުމެއްގައި ހުއްޓައި އޭނާ ފައިސާ ހަވާލުކޮށްފައި ޒޯހާ އަމިއްލަ ބާރުގެ ދަށަށް ގެންނާނެއެވެ.
ލޮލުގައި ނިދީގެ އަސަރެއް ނެތުމުން އިޔަން ބަދިގެއަށް ގޮސް ކޮފީއެއް ހަދާލައިގެން އައެވެ. ސިޓިންރޫމާއި ކޮޓަރިތަކުގެ އަލި ފަނޑުކޮށްލާފައި ވާއިރު މީހެއްގެ ހިލަމެއްވެސް އޭރު ނެތެވެ. އިޔަން ބެލްކަނީގައި ކޮފީ ބޯން ހުއްޓައި ހިމަފޮދުވާރޭ ވެހެން ފެށިއެވެ. އިރުކޮޅަކުން އަޑުފަތްގަނޑެއް އިވިގެން ބަލައިލި އިރު މިއާ ކޮޓަރި ހޮޅިބުރި ހުރީ ދިއްލައިފައެވެ. އިޔަން ކަންބޮޑުވެފައި ގޮސް ޓަކި ޖަހައިލިއެވެ. "މިއުޅެނީ ހުރިހާ ފޮތްތަކެއް ބިންމައްޗަށް ފައިބައިގެން." މިއާ ދޮރު ހުޅުވާފައި އިޔަން ފެނިގެން ކުއްލިއަކަށް ހިމޭންވިއެވެ. މިއާ އެއްޗެއް ނުބުނަނީސް އިޔަން އެތެރެއަށް ކަޅިއެއް އެއްލާފައި ވަދެގެން ދިޔައެވެ. ކޮފީ ޖޯޑު މޭޒުމަތީ ބަހައްޓާފައި ފޮތްތައް ނަގަން އެހީވާން ފެށުމުން މިއާވެސް އައިސް އަލުން ބައިވެރިވި އެވެ.
"މިހާ ލަސްވެފަ ހުއްޓާ ކިހިނެއްތަ ފޮތްތައް ފައިބަން ދިމާވީ؟" އިޔަން ވާހަކަ ކުރި ލައްވަން ބޭނުންވީ އިތުރު ވާހަކައެއްވެސް ދެއްކުމުގެ ގޮތުންނެވެ. "އަތުން ޖެހުނީ." މިއާ ބަލަން އިނީ ތިރިއަށެވެ. "މިއާގެ ޑައިރީތަ؟" އިޔަންއަށް ފެނުނު އާދަޔާ ހިލާފް ފޮތެއް ނަގައި ގަނޑު އުކައިލުމާއެކު ބުނެލިއެވެ. ދެވަނަ ސިކުންތުގައި މިއާ އައީ ބިރެއް ފެނިގެން ތެޅިގަތް ކުއްޖެއް ފަދައިން ފުންމައިގެންފައެވެ. އަވަހަށް އެފޮތް ޖަހައިގެންފައި ގެންގޮސް ލީ އަލަމާރި ތެރެއަށެވެ. "ހެހެހެ... ބޮޑު ސިއްރެއް ދޯ." އިޔަން ހީލިއެވެ. "އިޔަން އަހަރެން ވާހަކައެއް ބުނަން ބޭނުން." މިއާ އެނބުރިފައި ބުނެލިއެވެ. "އަހަރެންވެސް ދައްކަން ޖެހޭ މުހިންމު ވާހަކައެއް އެބައޮތް." އިޔަން ފޮތްތައް މޭޒުމަތީ ބަރިއަކަށް ބަހައްޓާފައި މިއާގެ މޫނަށް ބަލަން ފެށިއެވެ. "އިޔަން! އައެމް ޕްރެގްނެންޓް." މިއާ އެޖުމްލަ ބުނެލާފައި ދުވެފައި ގޮސް މޫނު ޖެހީ އަލަމާރީގައެވެ. އިޔަންއަށް ލިބުނު ސިހުމުގައި އަނގައިން ނުބުނެވިފައި ހުއްޓާ މިއާގެ ހިމޭން ގިސްލުމުގެ އަޑު ބޭރު ވާން ފެށިއެވެ.
"ކިހިނެއް؟" ބޮލުގައި ހިފަހައްޓާލައި ދޫކޮށްލައިފައި އިޔަންއަށް އަހައިލެވުނީ މިހެންނެވެ. އޭނާއަށް އެނގިފައި އޮތްގޮތުން ވިއްޔާ މިއާ ކުޑައިރުއްސުރެ އޭނާގެ ހުވަފެންތައް ދެކެމުން އަންނާތީ ދެވަނަ ފިރިހެނަކާއި ގުޅުމެއް ނުބާއްވައެވެ.
"މިއާ! މިފަރާތް ބަލައިބަލަ!" އިޔަން ގޮސް މިއާގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރާލަން މަސައްކަތް ކުރިއެވެ. "އިޔާ އަހަރެން ވަރަށް ބިރުގަނޭ. މީހަކަށް އެނގޭ ދުވަހަކުން ކިހާ މަލާމާތެއް ކުރާނެ. ބައްޕަ އާއި މަންމަވެގެން އަހަރެން މަރައިލާކަށްވެސް ފަހަކަށް ނުޖެހޭނެ. އަހަރެންގެ ސަބަބުން މިގޭގެ ނަން ވެއްޔާއި މޮޑެވިގެންދާނެ." މިއާ ރޮމުން ރޮމުން މަގަތަށް އެނބުރުނު އިރު ހުރީ އިސްޖެހިފައެވެ. އެދެލޮލުން ބޮޑެތި ކަރުނަތިކިތައް ފައިބައިގެން ކޯތާފަތް ތެންމަމުން ދިޔައެވެ.
"ތި ރުއިން ހުއްޓާލަފަ އަހަރެންނަށް ކިޔައިދީބަލަ!" އިޔަން މިއާގެ ކޮނޑާއި ހިސާބުން ހިފަހައްޓާލައިގެން ގެންގޮސް އެނދުގައި ބެއިންދިއެވެ. ކައިރިއަށް ގޮނޑިއެއް ދަމާލައިގެން ކުރިމަތިވާ ގޮތަށް އިޔަން އިށީންފަހުން މިއާ އަދިވެސް އިނީ ކަރުނަ އޮހޮރުވާށެވެ. ތުންފަތުގައި ދަތް އަޅައިގެން އިނުމުން އަޑު ކޮންޓްރޯލް ވާކަން އެކަންޏެވެ. "އޮނެސްޓްލީ... އަހަރެން ހީކުރީ މިއާ އަހަރެން ނޫން ފިރިހެނަކާއި އެއްވެސް ގުޅުމެއް ނުބާއްވާކަމަށް." އިޔަން އެޖުމްލަ ބުނެލީ ދުރު ބަލައިލަމުންނެވެ. "ފުރަތަމަ ތިހެން.. އެކަމަކު އިޔަން އެބުނާ އަންހެންކުއްޖަކާއި އެކީ ފިލައިގެން ދިޔަ ވާހަކަ މަންމަ ފަރާތުން އެގުނީމަ.. އަހަރެންގެ ހިތް ހަލާކުވި. މުޅި ދުނިޔެމަތިން ފޫހިވި. ސާހިލް އަހަރެންގެ ހަޔާތަށް އެއީ އެހެން މީހެއްގެ އޯގާތެރިކަމަށް ނުހަނު ބޭނުންވެފައި ހުއްޓައި. އޭނަ އަހަންނަށް އިހްސާސް ކޮށްދިނީ އަހަރެންނަކީވެސް އެހެންމީހުން ލޯބިވާނެ ކުއްޖެއްކަން. އަހަރެންގެ ކިބައިގަވެސް މީހުން ލޯބިވާނެ ސިފަތަކެއް ހުރިކަން. ހީ މޭޑް މީ ފީލް ސްޕެޝަލް.... އެނާޒުކް ފައްތަރުގައި އަހަރެން ހުއްޓާ ސާހިލް އޭގެ ނާޖާއިޒް ފައިދާ ނެގީ. މާފަހުން އެނގުނީ އޭނަ އުޅެނީ މީހަކާއި އިނދެގެން ކަމާއި ދެ ކުދީންވެސް ހުންނަކަން." މިއާ ރޮވިފައިވާ އަޑަކުން އެވާހަކަތައް ކިޔައިދިނުމުން އިޔަންއަށް އަމިއްލަ ނަފްސް ވެސް ކުށްވެރި ކުރެވުނެވެ. ދިއުމުގެ ކުރީން އެންމެ ފަހަރަކުވެސް މިއާ އާއި ވާހަކަ ދައްކާފައި އޭނާ ދެކޭ ގޮތް ކިޔައިދެވުނު ނަމައެވެ.
"ދެން އޭނަ ކައިރީ ތިވާހަކަ ބުނިންތަ؟" އިޔަން ސުވާލު ކޮށްލިއެވެ. "އޭނަ ބުނީ އެބޯޓްކޮށްލާށޭ. އެކަމަކު އަހަރެން ވަރަށް ބިރުގަނޭ." މިއާ އަނެއްކާވެސް ރޮއިގަތެވެ. "ކާމް ޑައުން!" އިޔަން އަވަހަށް މިއާގެ އިސްތަށިގަނޑުގައި ފިރުމައިލާފައި މަސަލަސް ކުރަން މަސައްކަތް ކުރިއެވެ. "އިޔަން ހަމަ އަސްލުވެސް އަހަރެންނާއި މެރީ ކުރާނަންތަ؟ އަހަރެން މި ބަދުނާމުން ސަލާމަތް ކޮށްދޭނަންތަ؟" މިއާ ކުއްލިއަކަށް ރުއިން ހުއްޓާލައިފައި ކުރި ސުވާލަކުން ބިންގަނޑުވެސް ގުޑައިގެން ދިޔަހެން ހީވިއެވެ. "އަހަރެންނަށް އިނގޭ އަހަރެން ބޭނުންނަމަ މިކަން ސިއްރެއްގެ ގޮތުގައިވެސް ބޭއްވުނީސްކަން. އެކަމަކު އަހަރެން އެގޮތް ބޭނުން ނުވީ. އަހަރެން ބޭނުމެއް ނުވޭ އިޔަންއަށް އެއްވެސް ކަމެއް އޮޅުވައިލާކަށް. އެކަމަކު މިހާ ހިސާބުން އަހަރެން އިޔަންއަށް އިހުތިޔާރު ދެން... އަހަރެން އިހުތިޔާރު ދެން ކައިވެންޏަށްފަހު އިޔަން ބޭނުން ދުވަހަކުން ވަރި ކުރުމުގެ. އެން ނޯ ވޮރީސް. މީގަ އިޔަން ބޭޑް ގައި އަކަށް ހަދާކަށް އަހަރެން ޕްލޭންއެއް ނުކުރަން. ވަރީގެ ސަބަބަކަށް ވާނީ ޚުދު އަހަރެން. ޕްލީޒް އިޔަން! ފޯ އޯލްޑް ޓައިމްސް ސޭކް... ބުނޭ އަހަރެންނާއި އިންނާނަމޭ...." މިއާ ކަރުނަ ފުހެލައިފައި އިޔަންގެ އަތުގައި ހިފައި އާދޭސް ކުރިއެވެ.
"ދެން ބޭބީ؟" އިޔަން ފިކުރު ބޮޑުވެފައި އަހައިލިއެވެ. "ބޭބީ އެއީ އަހަރެން އެހެން ފިރިހެނަކާއި އެފެއަރއެއް ހިންގައިގެން ލިބުނު ކުއްޖަކަށް ހެދީމަ ވީނު. އެކަމަކު ފެމެލީ ސީކްރެޓްއަކަށް އެކަން ހަދާނީ. ނޫނިއްޔާ އަނެއްކާވެސް ވާނީ ބޭޒާރު ދޯ." މިއާ ވާހަކަ ދައްކަމުން އެހިސާބަށް ދިޔައިރު އިނީ ކުރިއަށްވުރެ ހަމަޖެހިލައިފައެވެ. "ތީ ހަމަ ރަނގަޅަށްވެސް ޒަމީހާ އާންޓްގެ ދަރިއެއް." އިޔަންއަށް ބުނެލެވުނެވެ.
"މިއާ ތީ ވަރަށް ސްޕެޝަލް ކުއްޖެއް. ކުރިންވެސް އަދި މިހާރުވެސް. އަބަދުވެސް ދެކުނީ ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައި. އެހެންވެގެން ހަމައެކަނި މިއާއަށްޓަކައި އަހަރެން މިކައިވެނި ކުރަން ތައްޔާރުވީ. ޖަސްޓް ރިމެމްބަރ ދިސް އިނގޭ." އިޔަން މިއާގެ ކޮލުގައި ޖަހާލައިފައި ނިކުންނަން ދާން ތެދުވިއެވެ. "ދެން ކީއްވެ ކުރިން އެއްބަސްވީ؟" މިއާ ކުރިއްސުރެ އޮޅުން ފިލުވަން ބޭނުންވެފައި އިން ސުވާލު ހުށަ އަޅައިލި އެވެ. "އަހަންނަށް އެނގޭ އިޔަން އަހަރެންދެކެ ލޯބި ނުވާކަން. ދެން ކީއްވެ؟" މިއާ އިނީ އިޔަން ދޭ ޖަވާބެއް އަހަން ކެތްމަދުވެފައެވެ. ހަޤީޤަތް އެނގޭ އިރުވެސް އެހެން ޖަވާބަކަށް އުންމީދު ކުރެވެނީއެވެ. "ރަނގަޅު ވަގުތު ޖެހުނީމަ ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން." އިޔަންގެ ޖަވާބަކީ އެއީއެވެ. ނަސީބަކުން މިއާވެސް އެވަގުތު އިތުރަށް އޮޅުން ފިލުވަން ބާރެއް ނުދައްކައެވެ.
"އަދި އެއް ވާހަކަ.. އަހަރެން ހަނދާންވޭ ކުރިން އައި ފަހަރު މިއާ ތީ ކޮމްޕެނީގެ ޕްރެޒިޑްންޓްއޭ ޒަމީހާ އާންޓް ބުނި ހަނދާނެއް.. އެކަމަކު މިހާރު ނާރސްއެއް ގޮތަށް ވޯކް...." އިޔަންގެ ޖުމްލަ ފުރިހަމަ ނުވަނީސް މިއާ މެދުކަނޑައިލި އެވެ. "ޝީ ވޯޒް ޕުލިން ޔޯ ލެގް." މިއާ ހީގަތެވެ. "ކުޑައިރު އަބަދު އިޔަން ކިޔާ ވާހަކައެއް ކަމަށް ވަނީ ކޮމްޕެނީގެ ވައިސް ޕްރެޒިޑެންޓްއަށް ވާނެ ވާހަކަ. އެކަމަކު ހިޔާލު ބަދަލުވެގެން ޑޮކްއަކަށް މިވީ އެންމެފަހުން." މިއާ އޮޅުންފިލުވައި ދިނެވެ. އިޔަން ލުއި ހުނުމަކާއެކު ނިކުމެގެން ދަމުން މޭޒުމަތީ ހުރި ކޮފީ ޖޯޑު ނެގިއެވެ.
ކޮޓަރިއަށް ވަދެފައި ނިއްކުރީގައި އަތް ހާކައިލެވުނެވެ. ހިތަށް އެރިއެވެ. މައްސަލައެއް ނެތެވެ. މިކައިވެންޏަކީ ހަމައެކަނި މިއާ އަށްޓަކައި އޭނާ ކުރާ ކައިވެންޏެކެވެ. ބަދަލުގައި ޒަމީހާ އެދުނު އިތުރު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އަދި ޒޯހާވެސް ދާދި އަވަހަށް އޭނާގެ ބާރުގެ ދަށަށް އަންނާނެއެވެ.
ހެނދުނު އިޔަން އަވަހަށް ހޭލިއެވެ. ތައްޔާރު ވެލައިގެން ތިރިއަށް ފޭބިއިރު އެއްބަޔަކު ސައިބޮއިގެން ދާން ނިކުންނަނީއެވެ. "މޯނިން!" އިޔަން ނިތްއަރުވައިލީ މިއާ އަށެވެ. ޝާފިޔާއަށްވެސް އެތަން ފެނުނެވެ. ހަމީދު އާއި ނަޝީދު އޭރު ނިކުމެގެން ދެއެވެ. "ފަސްޓް ޑޭ ހަނ؟" މިއާ ހިނިތުންވެލިއެވެ. "ނަރވަސް؟" އަނެއްކާވެސް ވާހަކަ ދެއްކީ މިއާއެވެ. އިޔަން ޖަވާބު ދިނީ ދެފަރާތަށް ބޯ ހޫރުވައިލާފައެވެ.
އިރުކޮޅަކުން ސައިން ނިމިގެން ދެމީހުން އެކުގައި ހިނގާލައިފައި ދިޔައިރު ނިކަން ގުޅެއެވެ. އިޔަން ކާރު ނެރެފައި ދެމީހުން އަރައިގެން ހޮސްޕިޓަލަށް ދާން ނައްޓައިލި އެވެ. މައިކަލް ގުޅީ ކާރުން ފައިބައިގެން އެމީހުން ވަންނަން ދަނިކޮށެވެ. އިޔަން އަވަހަށް އެއްފަރާތަކަށް ޖެހިލައިފައި ފޯން ނެގީ އުފާވެރި ޚަބަރު އަޑު އަހައިލުމަށެވެ. "އައެމް ސޯ ސޮރީ އިޔަން. ހީކުރި ގޮތަކަށް ކަންތަކެއް ނުދިޔަ." އެކޮޅުން މައިކަލް ދިން ޚަބަރަކުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. "ކޮބާ ތީގެ މާނައަކީ؟" އިޔަން ބޭނުންވީ ހުރިހާ ކަމެއް އޮޅުން ފިލުވާށެވެ. "ޒޯހާ ހީކުރީ މެއިޑް ފަހުންވެސް ހުރީ އިޔަންގެ އާންޓް އާއި އެއްކޮޅަށް ކަމަށް. އެހެންވެ ކަންނޭނގެ އެކްސްޗޭންޖިން ސްޕޮޓަށް އަންނަން ބެލިއިރު ޒޯހާ ފިލައިފި." މައިކަލް ކިޔައިދިނެވެ. "ކޮބާ މެއިޑް؟" އިޔަން ކުއްލިއަކަށް އަހައިލިއެވެ. މެއިޑާއި ފޯނު ހަވާލު ކުރުމުން ދެއްކީ މައިކަލްވެސް ބުނި ވާހަކަ ތަކެވެ. އަދި އިޔަން ދިން ފައިސާވެސް ބޭނުން ނޫން ކަމުގައި އޭނާ ބުންޏެވެ.
"ކިހިނެއްވީ؟" އިޔަން ފޯން ބާއްވާފައި ގޮސް ހަމަވުމުން ހުއްޓި ހުރި މިއާ އަހައިލި އެވެ. އިޔަންއަށް ޖަވާބު ނުދެވިގެން ދެފަރާތަށް ބޯ ހޫރުވައިލާފައި ހިނގުން ބާރުކޮށްލި އެވެ.
(ނުނިމޭ)