21 Aug 2013, 22:37
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ޔޫތު ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު ނައިފަރު އިފްތިތާހުގެ އިސްދަރިވަރުންގެ ޖަމިއްޔާ އަތުން ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށް ފެލިދޫ ޒުވާނުންގެ އެކުވެރިންގެ ދިރުން ފެށުން ރަނގަޅުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ސެޓްތައް ފެލިދޫ ޓީމުން ގެންދިޔައީ 25-20، 25-16، އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފެލިދޫ ޒުވާނުންގެ އެކުވެރިންގެ ދިރުމުގެ އަލީ ހުޒާމް އެވެ.
ވީއޭއެމް އިން އިންތިޒާމް ކޮށްގެން ޖުމްލަ ހަ ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު، އެންމެ ގަދަ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ގިރާވަރާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އެވެ.