21 Aug 2013, 22:38
ނުކަނޑާ ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ގެންގުޅުނު ދެ މީހަކު އެކުށް ކުރިތާ ފަސް އަހަރު ފަހުން، ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހ. ރިޝާ މަންޒިލް ހުސައިން ފަޒީން މުހައްމަދާއި މ. ފެންގަސްދޮށުގޭ އިބްރާހިމް ނަސީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މިއަދު ކުރީ، 2008 ވަނަ އަހަރުގެ ތެރޭ ނަސީމް ދުއްވާ ކާރެއްގެ ޑިކީ ތެރެއިން، ނުކަނޑާ ހުރި 24 ފުޅި ބަނގުރާ ފެނިފައި ވާތީ އާއި އެ ދެ މީހުން ތިބި ގުދަނެއްގެ ތެރެއިން ނުކަނޑާ ހުރި 42 ފުޅި ބަނގުރާ ފެނުނު މައްސަލައިގަ އެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އެދެ މީހުން ވެސް ވަނީ އިންކާރުކޮށްފަ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވާފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ.
ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ އެ ފުޅިތައް އެ ދެ މީހުންނާ ހަވާލުކުރީ ކޮން ބައެއްކަން އެ ދެ މީހުންނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި އެ ދެ މީހުން ބަނގުރާ ފުޅިތައް ގެންގުޅުނުކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި އެހެންކަމުން ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމުގެ ކުށުން އެ ދެ މީހުން ކުށްވެރިވާތީ ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.