21 Aug 2013, 22:34
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުލްﷲގެ ސިއްހީ ހާލަތާ މެދު އިންޑިއާގެ ފޮރިން މިނިސްޓަރު ސަލްމާން ޚޫރްޝިދް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑރ. އަބްދުއްސަމަދުގެ ސިއްހީހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު އަވަސް ޝިފާ އަކަށް އެދިވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީ އަށް މިއަދު ފޮނުއްވި ސިޓީފުޅެއްްގައި ސަލްމާން ވިދާޅުވެފައިވާ ކަމަށެވެ.
"ދެގައުމުގެ ގުޅުމާ ގުޅޭ ކަންކަމުގައި ޑރ. ސަމަދާއި ސަލްމާން ހުރްޝިދް ގަވައިދުން ވާހަކަފުޅު ދައްކަވާ ކަން މިފުރުސަތުގައި ފާހަގަކުރަމެވެ،" ޑރ. ސަމަދާއި ސަލްމާން ހުރުޝީދާ ދެ ބޭފުޅުންގެ އޮތް ގާތް ގުޅުމާ ބެހޭ ގޮތުން އިންޑިއާގެ ފޮރިން މިނސްޓްރީން ފޮނުވި ސިޓީގައިވެ އެވެ.
ޑރ. ސަމަދްގެ ހާލު ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ކައިރިން ބަލަމުން އަންނަ ކަމަށް ވެސް ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާއަކީ އަވަށްޓެރި ގައުމުތަކުގެ ތެރެއިން ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮތް ގައުމެކެވެ. ރާއްޖެ އަށް ދިމާވި ބޮޑެތި ގިނަ ކަންތައްތަކެއްގައި އިންޑިއާ އިން ވަނީ އެހީތެރި ވެދީފަ އެވެ.