ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ރާއްޖެ އަކީ އެންމެ ކޮރަޕްޝަން މަދު 10 ގައުމުގެ ތެރޭގައި ހިމަނުއްވާނެ ކަމަށް އެ ކޯލިޝަންގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ގުޅުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ހަސަން ސައީދު ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި ކޮރަޕްޝަން ނައްތާލުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެގޮތުން ރާއްޖެ އަކީ އެންމެ ކޮރަޕްޝަން މަދު 10 ގައުމުގެ ތެރޭގައި ހިމަނުއްވާނެ ކަމަށެވެ.

"އިންވެސްޓަރުންގެ ކޮންފިޑެންސް ގާއިމް ކުރުމަށް ޓަކައި އަޅުގަނޑުމެންގެ ފަސް އަހަރުގެ ނިމުމަކަށް އައުމުގެ ކުރިން ދިވެހި ރާއްޖެއަކީ ދުނިޔޭގެ އެންމެ ކޮރަޕްޝަން މަދު 10 ގައުމުގެ ތެރެއިން ގައުމަކަށް ހެދުން،" ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.

ކޮރަޕްޝަން ހުއްޓުވަނީ ކިހިނެއްތޯ؟ އަދި އެކަން ކުރަން އަޅަނީ ކޮންކަހަލަ ފިޔަވަލުތަކެއްތޯ "ސަން" އިން ސުވާލުކުރުމުން ޑރ. ހަސަން ވިދާޅުވީ އެބޭފުޅުންގެ ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރާއްޖެ އަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ އެކްސްޕާޓުންނާއި ދުނިޔޭގެ އެންމެ ކޮރަޕްޝަން މަދު ގައުމުތަކުގެ އެކްސްޕާޓުން ގެންނަވައިގެން އެ މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ ސަރުކާރުގައި ކުރާ ހުރިހާކަމެއް ވެސް ކުރާނީ ދެފުށް ފެންނަ ގޮތަށް ކަމަށް ހަސަން ވިދާޅުވި އެވެ.

ޑރ. ހަސަން ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި އިގްތިސާދު ވަރަށް ބޮޑަށް ފުޅާ ކުރައްވާނެ ކަމަށާއި އެގޮތުން ގިނަގުނަ އިގްތިސާދީ ނިޒާމުތައް ތައާރަފްކުރެއްވުމާއި ރާއްޖެ ތިން ސަރަހައްދަކަށް ބައްސަވާ ލައްވައިގެން ތަރައްގީ ގެންނަވާނެ ކަމަށެވެ. އަދި ދަނޑުވެރިކަން ފުޅާކޮށް ރާއްޖެ އަށް ބޭނުންވާ ތަކެތި ރާއްޖެ އިން އުފެއްދޭނެ އިންތިޒާމާއި ޓްރާންޝިޕްމަންޓް ބަނދަރުތައް ގާއިމުކުރުން ފަދަ ކަންކަން ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ނައިބު އަނިލް އާދަމް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި ޓޫރިޒަމް އިންޑަސްޓްރީ އިން ރާއްޖެ އަށް ލިބޭ އާމްމުދަނީ އިތުރުކުރުމަށާއި އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންގެ ދަތުރުތައް އިންޓަނޭޝަނަލް ކުރައްވާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިވެހިން ތަމްރީނުކު ރުމަށާއި މަތީފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ޓޫރިޒަމް ޓާގެޓްކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ސަން އިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ހަސަން ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި ޑޮލަރުގެ އަގު 12.85ރ. އަށް ދައްކުރާނީ ރާއްޖޭގައި ޑޮލަރު ހިފަހައްޓައިގެން ކަމަށެވެ. އަދި ރާއްޖޭގެ އެއާޕޯޓް ނެތް ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް ހިންގޭނެތޯ ސުވާލުކުރުމުން ޑރ. ހަސަން ވިދާޅުވީ އެގޮތަށް އެއާޕޯޓްތައް ހިންގޭނެ ކަމަށާއި އެގޮތުން ބައެއް އެއާޕޯޓްތަކުން ގެއްލުންވި ނަމަވެސް ޖުމުލަކޮށް އެ ޕްރޮޖެކްޓުން ފައިދާވާނެ ކަމަށެވެ.

އެބައްދަލުވުމުގައި ހަސަންގެ ވާހަކައިގައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 1999 ވަނަ އަހަރު އިކޮނަމިކް މިނިސްޓަރެއްގެ މަގާމްގައި ހުންނެވި އިރު ލ. އަތޮޅުގައި މަލްޓި މީޑިއާ ސިޓީއެއް ގާއިމް ކުރުމަށް ބޭރުގެ ފަރާތަކުން އައިކަމަށާއި އެހެންނަމަވެސް އެ ޕްރޮޖެކްޓް ފެއިލް ވެގެންދިޔައީ "އެއަށް ދައްކަން ޖެހޭ ރޯޔަލްޓީ ސަރުކާރަށް ދެއްކުމުގެ ބަދަލުގައި ވަކިބައެއްގެ އެކައުންޓަށް ދާގޮތަށް ހުށައެޅުމުން" ކަމަށެވެ.

އެކަމާ ގުޅިގެން އަބްދުﷲ ޔާމީންގެ ރަސްމީ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ (ޓީވީމުއާ) ސަން އަށް ވިދާޅުވީ އެއީ ސިޔާސީ ގޮތުން ދައްކަވާ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަނީ ޕީޕީއެމް އިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.