21 Aug 2013, 19:46
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމުން މިހާރު ވަކިކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފައިވާ މުހައްމަދު ފަހުމީ ހަސަންގެ މައްސަލަ ކޮޅެއްގައި ޖައްސަވައިދެއްވުމަށް އެކޮމިޝަންގެ އާ ރައީސް ޑރ. މުހައްމަދު ލަތީފު އެދިވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ސީއެސްސީގެ ރައީސް ޑރ. ލަތީފު ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފަހުމީ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައިވާ އިރު ވެސް ފަހުމީ އޮފީހަށް ނުކުންނެވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ކޮމިޝަންގެ މެމްބަރުކަމުން ވަކިކޮށްފައިވާ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް، ކޮމިޝަނަށް ނުކުންނަވަމުންދާ މައްސަލަ ކޮޅެއްގައި ނުޖެހި އޮތުމުގެ ސަބަބުން، މިފަދަ މުހިއްމު މުއައްސަސާއެއްގެ ހިންގުމަށް ބުރޫއަރާ، މުޅި ސިވިލް ސާވިސް އަށް ވެސް އެކަމުގެ ދަތިތައް ފޯރާ، ރައްޔިތުންނަށް ލިބެންވާ ހިދުމަތާ ހަމައަށް ވެސް އޭގެ އަސަރު ފޯރަމުންދޭ،" ޑރ. ލަތީފުގެ ސިޓީގައި ފާހަގަކުރައްވާފަ އެވެ.
ޑރ. ލަތީފު ވިދާޅުވީ ދައުލަތުގެ އެކި އެކި ބައިތަކުގައި ޖެހޭ މައްސަލަތައް ހައްލުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީ އިން ލާޒިމްކުރާ ކަމަކަށްވީ ހިނދު، ފަހުމީގެ މައްސަލައަށް އަވަސް ހައްލެއް ހޯދަވަދަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް ފަހުމީ އެމަގާމުން ދުރުކޮށް، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުން ވަކިކޮށްފައި ވަނީ އެ ކޮމިޝަންގެ އަންހެން މުއައްޒަފަކާ ޖިންސީ ގޮތުން ފުރައްސާރަކުރި ކަމަށް ކުރެވުނު ތުހުމަތުތައް މަޖިލީހުން ތަހުގީގުކޮށް، އެކަމާ މެދު ގޮތެއް ނިންމުމަށްފަހުގަ އެވެ.