މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކު މިނިވަންކުރުމަށް މިސްރުގެ އެޕީލްސް ކޯޓުން ހުކުމްކޮށްފި އެވެ.

ކޯޓުން މިގޮތަށް ހުކުމްކޮށްފައިވީ ނަމަވެސް، މިރޭ ނުވަތަ މާދަމާ ވެސް މުބާރަކް ދޫކޮށްލާނެ ކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ މައްސަލާގައި އަނެއްކާ ވެސް ދައުލަތުގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރުން އެކަށީގެންވެ އެވެ.

މުބާރަކް މިނިވަންކުރުމަށް ހުކުމްކޮށްފައި ވަނީ މުބާރަކާ ދެކޮޅަށް ކުރެވުނު ކޮރަޕްޝަންގެ ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ނިންމުމުން ނެވެ.

މީގެ އިތުރުން މުބާރަކާ ދެކޮޅަށް ކޮށްފައިވާ މީހުން މެރުމުގައި ބައިވެރިވުމުގެ ދައުވާގެ މައްސަލަ ވެސް މިހާރު އޮތީ އިސްތިއުނާފު މަރުހަލާގަ އެވެ. އެ މައްސަލައަކީ 2011 ވަނަ އަހަރު މުބާރަކުގެ ވެރިކަމުގައި ކުރި މުޒާހަރާތަކުގައި މީހުން މެރުމަށް މުބާރަކު އަމުރުކުރެއްވި ކަމަށް ބުނެ ކުރެވޭ ދައުވާތަކެކެވެ.

އެ މައްސަލާގައި މިދިޔަ އަހަރު ދަށު ކޯޓަކުން ވަނީ މުބާރަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް މުބާރަކުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމުން، އެޕީލްސް ކޯޓުން ވަނީ އެމައްސަލަ ބަލައިގެންފަ އެވެ.

އިސްތިއުނާފުގެ އަޑުއެހުންތައް މިއަހަރުގެ މޭ މަހުގައި ފަށާފައިވާ އިރު، މުބާރަކު ވަނީ މައްސަލަ ނިމުމުގެ ކުރިން ޖަލުގައި ހިފެހެއްޓޭނެ އެންމެ ދިގު މުއްދަތު ޖަލުގައި ފުރިހަމަކޮށްފަ އެވެ. މިހެން ކަމުން މިމައްސަލާގެ އިސްތިއުނާފު ނިމެންދެން މުބާރަކަކީ މިނިވަނެކެވެ.