ޒިނޭގެ ކުށުގައި ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާގެ ގައިގައި ހައްދު ޖެހުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލް ކުރުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމުން) މަރުހަބާ ކިޔައިފި އެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފޭދޫ ކުއްޖާގެ ދިފާއުގައި ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިލްތިމާސް ކުރުމާއެކު، މައްސަލައިގެ ތެރެއަށް ތަދައްހުލްވެ، އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ތަހުގީގީ ރިޕޯޓެއް ޝަރީއަތަށް ހުށަހެޅި ކަމަށެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެ ކުއްޖާގެ މައްޗަށް ޒިނޭގެ ހުކުމް ކުރުމާއެކު ގާނޫނު އަސާސީ އާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކަށް ރިޔާއަތްކޮށް ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ކޯޓު މަރުހަލާގައި ވެސް އެޗްއާރްސީއެމްގެ މެންބަރުން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް އެ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ފޭދޫ ކުއްޖާގެ ބެލެނެވެރިއެއްގެ ހައިސިއްޔަތުން ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީން ކޮށްފައިވާ މަސައްކަތް ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކުޑަ ކުއްޖާއަށް އިންސާފު ލިބިދިނުމަށް އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ރިޔާއަތްކޮށްފައިވާ ކަމީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން އެޅުނު ހަރުދަނާ ފިޔަވަޅެއްކަންފާހަގަކޮށް އެ ކަމަށް އެޗްއާރްސީއެމުން މަރުހަބާ ކިޔާފައިވެ އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މައްސަލައިގެ ތަހްގީގުގައި ފޭދޫ ކުއްޖާ ދީފައިވާ ބަޔާނަށް ޖުވެނައިލް ކޯޓުގައި އިންކާރުކޮށްފައިވާ ކަމާއި، ޒިނޭގެ ކުށަކަށްވާ އިއުތިރާފަކީ، އެ އިތިރާފުގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ހުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން ރުޖޫއަވެވޭނެ އިއުތިރާފެއްކަން ފިގުހު އިލްމުވެރިން އިއްތިފާގުވެފައިވާ ކަމަށެވެ.

ޖުވެނައިލް ކޯޓަށް އެ ކުއްޖާ ދީފައިވާ ބަޔާނުގައި ފުށުއެރުންތައް ހުރި ކަމަށާއި ޒިނޭއަކީ ކޯޗެއްކަން ތަފްސީލްކޮށް ކިޔާދޭން އެ ކުއްޖާ އަށް ނޭނގުނު ކަމަށް ވެސް ހައިކޯޓުން ކުރި ހުކުމްގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެ ކުއްޖާއަކީ "ޕޯސްޓް ޓްރޮމެޓިކް ސްޓެރެސް ޑިސްއޯޑާ" ހާލަތުގައިވާ ކުއްޖެއްކަމަށާއި އެ މައްސަލައިގެ ތަހުގީގު ކުރެވުނު އިރުގައި އާއި ޝަރީއަތް ކުރެވުނު އިރު އަދި މިހާރުވެސް އެ ކުއްޖާއަކީ ޝަރީއަތެއް ހިންގުމުގެ ސަލާހިއްޔަތު ނެތް ކުއްޖެއް ކަމަށް ބެލޭނެ ކަމާއި އެކަން ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކުން ވެސް އެނގޭކަން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އެ ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ ދޮންބައްޕަ އޭނާ އަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ އެ ދައުވާ ކޮށްފައި ވަނީ އެހެން މީހަކާ އެކު އެ ކުއްޖާ ޒިނޭ ކުރިކަމަށް ތަހުގީގުގައި އިއުތިރާފުވެފައި ވާތީ ކަމަށެވެ.

ޖުވެނައިލް ކޯޓުން ބުނެފައި ވަނީ ޒިނޭ ކުރުމުގެ ކުށް އެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ޒިނޭ ކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާތީ ކަމަށެވެ.

އެ ކުއްޖާގެ ދޮންބައްޕަ އާއި މަންމަގެ މައްޗަށް ދައުލަތުން ވަނީ ބޮޑު ޖަލު ހުކުމެއް އަންނަ ދައުވާތަކެއް އުފުލާފާ އެވެ.