ދެހާސް އެގާރަވަނަ އަހަރު އައިޖީއެމްއެޗްގައި ވިއްސުމުގެ ތެރޭގައި ބޯ ބުރިކޮށްލައިގެން ކުއްޖަކު ނެގި މައްސަލައާ ގުޅިގެން އެ ކުއްޖާ ވިއްސުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ މައްޗަށް ފަރުދީ ގޮތުން ދައުވާ ކުރެވޭނެ ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ބޯ ބުރިކޮށްގެން ތުއްތު ކުއްޖާ ނެގި މައްސަލައިގައި އެ ކުއްޖާގެ މަންމަ ދ. ބަނޑިދޫ އިރަމާގޭ ޝަރީފާ ހަނީ އޭނާ ވިއްސުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ މައްޗަށް ދައުވާ ކުރުމުން، ފަރުދީގޮތުން ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ ޑޮކްޓަރުން ނެންގެވި އިޖުރާއީ ނުކުތާގައި ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.

ސިވިލް ކޯޓުން ވެސް ކަނޑައަޅާފައި ވަނީ ފަރުދީގޮތުން ދައުވާ ކުރުމުގެ ހައްގު ޝަރީފާ ހާނީ އަށް ލިބިގެންވާ ކަމަށެވެ.

އެ ހަތަރު ޑޮކްޓަރުންގެ މައްޗަށް ޝަރީފާ ހާނީ ކުރި ދައުވާގައި އެދިފައި ވަނީ ކުއްޖާގެ ބޯ ބުރިކޮށްގެން ނެގުމުން އެކަމުގެ ބަދަލެއްގެ ގޮތުން 3.2 މިލިއަން ރުފިޔާ ހޯދުމަށެވެ.

ޑޮކްޓަރުންގެ އިތުރުން މާލޭ ހެލްތުސާވިސަސް ކޯޕަރޭޝަންގެ މައްޗަށް ވެސް ޝަރީފާ ހާނީ ވަނީ އެ ދައުވާ ކޮށްފަ އެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ބަލި މީހުން އެ މީހުންގެ ނަފްސު ޑޮކްޓަރުންނާ ހަވާލުކުރަނީ ފަރުވާތެރިވާނެ ކަމަށް އިތުބާރުކޮށްފައި ކަމަށެވެ. އެހެންކަމުން އެކަމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ފަރުދީގޮތުން ދައުވާކުރުމަކީ އޮންނަންޖެހޭ ހައްގެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމްގައި ބޯ ބުރިކޮށްލައިގެން ތުއްތު ކުއްޖާ ނެގި މައްސަލައިގައި ޑޮކްޓަރުންގެ އިހުމާލުވެފައިވޭތޯ ބަލައި ކޯޓުން ގޮތެއް ނިންމުމަށް ގާނޫނީގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުން އެ މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އައްބާސް ޝަރީފްގެ އިތުރުން އަބްދުލްޣަނީ މުހައްމަދު އެވެ.