ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ މެންބަރު އައްޔަން ކުމުގެ މައްސަލަ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް މެންބަރަކު އަލުން އައްޔަން ކުރަން ޖެހިފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީގެ ގާނޫނުގައި ބުނާ ގޮތުން ޖޭއެސްސީގައި ހުންނަވާ މެންބަރަކު ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނާ އިންތިހާބެއްގައި ވާދަ ކުރައްވާ ނަމަ އެ މެންބަރެއްގެގޮނޑި ގެއްލޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އެ މަޖިލީހުން ޖޭއެސްސީ އަށް މެންބަރަކު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް އިއްޔެގެ ޖަލްސާގައި ތަޅުމަށް ހުށަހެޅި ނަންތަކުގެ ތެރެއިން އެއް ވެސް ނަމެއް ފާސްނުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ޖޭއެސްސީގެ މެންބަރު ކަމަށް ހުށަހެޅުއްވާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާގެ ނަމާއި ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު (އަޒީ)ގެ ނަމާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ނަމެވެ. މިނިވަން މެންބަރެއް ކަމުގައިވާ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންގެ ނަން ހުށަހެޅުމުން އޭނާގެ ނަން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހަމްޒާ ޖޭއެސްސީ އަށް އައްޔަން ކުރަން ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 39 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާގެ ނަން ފާސް ނުކުރުމަށެވެ. އޭނާ ޖޭއެސްސީ އަށް އައްޔަން ކުރަން ފެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ކާނަލް އައްޔަން ކުރަން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާގެ ނަން ފާސް ނުކުރުމަށެވެ. އޭނާގެ ނަން ފާސް ކުރުމަށް 18 މެންބަރުން ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި އެންމެ މެންބަރަކު އިންނެވި އެވެ.

ޖޭއެސްސީ އަށް އަޒީ އައްޔަން ކުރަން ފެނޭތޯ އެހުމުން 42 ވުރެ ގިނަ މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާގެ އައްޔަން ކުރަން ނުފެންނަ ކަމަށެވެ. ޖޭއެސްސީ އަށް އަޒީ އައްޔަން ކުރުމަށް ފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.

ޖޭއެސްސީގައި ތިއްބަވަނީ ދިހަ މެންބަރުންނެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި އާންމުގެ ތެރެއިން ޖޭއެސްސީއަށް ހޮއްވަވާފައިވާ ޝެއިހް ޝުވައިބް އަބްދުއް ރަހުމާނާއި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެންބަރު ލަތީފާ ގާސިމާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަން އަދިވެސް ޖޭއެސްސީގެ ބައްދަލުވުންތަކަށް ހާޒިރުވެ އެވެ.