މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)ގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ (ބީއޭސީ) އަށް ކޮމާޝަލް ރޭޑިއޯ ޗެނަލްތައް ތަމްސީލުކުރުމަށް ދެ މެންބަރުން އިންތިޚާބުކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ މިއަދު އޮތް އިންތިޚާބުން ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އަށް ހޮވާފައިވާ ވަނީ ރޭޑިއޯ އެފްއެމްގެ މެނޭޖިން ޑިރެކްޓަރު ފައްޔާޒް އިސްމާއިލާއި ވީއެފްއެމްގެގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު އިކުރާމް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ދި އެފްއެމްގެ ނިއުމާ އުގެއިލް އާއި އިކްރާމް ދެ ވޯޓުން އެއްވަރުވެފައި ވާތީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ދެފަރާތުން ވާދަކޮށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އަށް ތިން ވޯޓު ލިބިގެން ހޮވާފައި ވަނީ މުހައްމަދު އިކުރާމް ކަމަށެވެ.

ކޮމާޝަލް ރޭޑިއޯ ޗެނަލް ތަމްސީލުކުރުމަށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އަށް ހޮވި ދެ ބޭފުޅުންނާ ބައްދަލުކުރައްވައި އެކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ކޮމިޓީ އަށް ބްރޯޑްކާސްޓް ދާއިރާގެ ސްޓޭކްހޯލްޑަރުން ހަމަޖެހުމުން ކޮމިޓީ އެކުލަވާލާ ނިމެނޭ ކަމަށާއި ކޮމެޓީ އަށް ހޮވި ފަރާތްތަކުގެ އެހީތެރިކަމާއި ލަފާޔާ އެކު ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ އަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭ ހިމެނެނީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލާ އިސްލާހުކުރުމުގައި ކޮމިޝަނަށް ލަފާ ދިނުމާއި ބްރޯޑްކާސްޓިން ސިނާއަތު ތަރައްގީކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށް ލަފާދިނުމާއި ބްރޯޑްކާސްޓް ސިނާއަތަށް ދިމާވާ މައްސަލަތައް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމެވެ.

ކޮމާޝަލް ރޭޑިއޯ ޗެނަލްތަކުން ނިސްބަތްވާ ހަތަރު ފަރާތުން އިންތިޚާބުގައި ވަނީ ބައިވެރިވެ ވޯޓުލާފަ އެވެ. އިންތިޚާބުގައި ބައިވެރިވުމަށް ހުރިހާ ކޮމާޝަލް ރޭޑިއޯއަކަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ދައުވަތު ދީފަ އެވެ.