21 Aug 2013, 16:05
މިއަދު ހެނދުނު ހާޓު އެޓޭކެއް ޖެހިވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
އެމިނިސްޓްރީގެ އޮފިޝަލަކު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ މިއަދު ސަން އަށް މައުލޫމާތު ދެމުން ވިދާޅުވީ ސަމަދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް އިތުރު ތަފްސީލް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
ޑރ. ސަމަދަށް ހާޓު އެޓޭކެއް ޖެހިވަޑައިގެންފައި ވަނީ މައުޓް އެލިޒަބަތު ހޮސްޕިޓަލުގައި ޑަޔަލަސިސް ޓްރީޓްމަންޓެއް ހެއްދެވުމަށް ފަހު މިއަދު ހެނދުނު ރިކަވާވަމުން އަންނަނިކޮށް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.
ޑރ. ސަމަދަކީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން މީގެ ކުރިން ބައިޕާސް އޮޕަރޭޝަނެއް ވެސް ހައްދަވާފައިވާ ބޭފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ސަމަދު އަދިވެސް އޮންނެވީ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ހުންނެވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.