ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކާ ދެކޮޅަށް، ސަރުކާރަށް ތާއީދުކުރާ ބަޔަކު ވިހަ ގޭހުން ހަމަލާދީ 200 އަށް ވުރެ ގިނަ މީހުން މަރާލައިފި ކަމަށް އެމީހުން ބުނެފި އެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު އެކްޓިވިސްޓުން ބުނި ކަމަށް ޑެއިލީ މެއިލްސް އިން ބުނީ "އަސަދުގެ ބާރުތަކުން ދިން ނާވް ގޭހުގެ ހަމަލާއެއްގައި 213 އަށް ވުރެ ގިނަ މީހުން މަރުވި" ކަމަށެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ރަށްބޭރުގައިވާ އައިނު ތަމާރާއާއި ޒަމަލްކާއާއި ޖުބޫރު އަވަށަށް އަސަދުގެ ބާރުތަކުން ރޭފަތިހު ހަމަލާ ދިނީ ގޭސް އެކުލެވޭ ރޮކެޓް ތަކަކުން ކަމަށް، އިދިކޮޅު އެކްޓިވިސްޓުން ބުނެ އެވެ. ނަމަވެސް އެކަން އަދި މިނިވަން އެހެން ބައެއްގެ ފަރާތުން ކަށަވަރު ކުރެވިފައެއް ނުވެ އެވެ. ކަށަވަރު ކުރެވިއްޖެ ނަމަ އެހަމަލާ ވާނީ ސޫރިޔާގެ އަހުލީ ހަނގުރާމަ ފެށި ފަހުން ދިން އެފަދަ އެންމެ ނުރައްކާތެރި ހަމަލާއަށެވެ.

ގޭހުން ހަމަލާދިން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ސަރުކާރުން އިންކާރު ކުރެ އެވެ. ސޫރިޔާގެ ގައުމީ ޓީވީން ބުނެފައި ވަނީ އެވާހަކައަކީ ސޫރިޔާ އަށް މިހާރު ގޮސްތިބި އދ.ގެ އިންސްޕެކްޓަރުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުން ކަމަށެވެ.

އދ.ގެ އިންސްޕެކްޓަރުން ސޫރިޔާ އަށް ދިޔައީ ހަނގުރާމައިގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ކުރިން ކޮށްފައިވާ ތުހުމަތުތަކަކާ ގުޅިގެން އެކަން ތަހުގީގުކުރުމަށެވެ.