21 Aug 2013, 16:00
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ އދ. ކުޑަރަށް ރިސޯޓާއި ހއ. އަލިދޫ ރިސޯޓަށް ނޭރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ ދެ ރަށަށް އެރުމަށް މަސައްކަތްކޮށްފައި ވަނީ އެ ދެ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ހަތް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކާފައި ނުވާތީ އެ ދެ ރިސޯޓް އަނބުރާ ސަރުކާރަށް ނެގުމަށެވެ.
ސިވިލް ކޯޓުން އެފަދަ ވަގުތީ އަމުރެއް ނެރެފައި ވަނީ ޔޮޓު ޓުއާސްގެ ފަރާތުން އެ މައްސަލަ އެ ކޯޓަށް ހުށަހެޅުމަށް ފަހު އެފަދަ ވަގުތީ އަމުރަކަށް އެދުމުންނެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ސިވިލް ކޯޓުން އެ އަމުރު ނެރެފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި އެ އަމުރަށް ބަދަލުގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން ބަޔަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ފަނޑިޔާރަށް ގަބޫލު ކުރެވިއްޖެ ހަލާތެއްގައި ވަގުތީ އަމުރެއް ނެރެވިދާނެ ކަމަށެވެ.
ސިވިލް ކޯޓުގެ އަމުރަށް ތާއީދުކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ.
ޔޮޓް ޓުއާސް އަށް އަލިދޫ ކުއްޔަށް ދީފައި ވަނީ 2005 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. ކުޑަރަށް ކުއްޔަށް ދީފައި ވަނީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އެވެ.