17 Nov 2010, 05:38
ހުޅަނގުގެ ގައުމުތަކާއި މުސްލިމުންނާ ދެމެދުގައި އަނދައަނދާ އޮންނަ "ގިނި" މަޑުކޮށްދީ "އާ ފެށުމަކުން" ފެށުމުގެ އުއްމީދު އެބައޮތް ކަމުގެ ޔަގީންކަން އޭނާ މުސްލިމުންނަށް ދެއްވެވި އެވެ. އެކަން ހާސިލްކުރުމަށްޓަކައި އެތައް ކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ. އެއީ 2009 ވަނަ އަހަރު މިސުރުގެ ކެއިރޯ ޔުނިވާސިޓީގައި ރައީސް ބަރަކް އޮބާމާ ދުނިޔޭގެ މުސްލިމުންނާ މުހާތަބު ކުރައްވައި ބަންޑުން ކުރެއްވެވި ބަސްފުޅުތަކެވެ. މުޅި ދުނިޔެ އޮތީ އެ ތަގުރީރަށް ކަންފަތްދީގެނެވެ. އެއީ ތާރީހީ ވަގުތުކޮޅެކެވެ؛ އޭގެ ފަހުން މިހާރު 18 މަސް ދުނިޔޭގެ ކަލަންޑަރުން ކެނޑިގެން ހިނގައްޖެ އެވެ. އޮބާމާ ވެވަޑައިގެންނެވި ވައުދުތަކާއި އަހުދުތަކުން ފުއްދުނީ ކިހާ ވަރެއް ހެއްޔެވެ؟ ދުނިޔެއަށް، މުސްލިމުންނަށް ހާސިލުވީ ކޯނޗެއް ހެއްޔެވެ؟
2010 ގެ ކުރީކޮޅު ގުއަންޓަނާމޯބޭ ޖަލު ބަންދުކުރުން:
ރައީސް އޮބާމާގެ ހުރިހާ ވައުދުތަކަށް ބަލާއިރު އެންމެ ބޮޑު ނާކާމިޔާބީއަކީ، ގުއަންޓަނާމޯ ބޭ ނުވަތަ ގިޓްމޯ ޖަލު ބަންދުކުރަން ވީ ވައުދު ފުއްދައި ނުދެއްވުނު ކަން ކަށަވަރެވެ. މިއަދުވެސް، އެ ޖަލުގައި 176 އެބަތިއްބެވެ. އަދި ގިޓްމޯ ޖަލުން ގައިދީން ބަދަލުކުރުމަށް އޮބާމާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކޮންގްރެސް އިން އަޅާފައިވާ ޤާނޫނީ ހުރަސްތަކާ ހުރެ، އެތައް ދުވަހެއް ވަންދެން ގައިދީން ގިޓްމޯ ޖަލުގައި ތިބެންޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. ވައިޓް ހައުސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އޮބާމާގެ ފުރަތަމަ ރިޔާސީ ދައުރުގައި ގިޓްމޯ ޖަލު ބަންދުކުރުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ފުރަތަމަ ވައުދު ފެއިލްވީ އެވެ.
ފަލަސްތީނު ބިމުގައި ޔަހޫދީން އާބާދު ކުރުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ނިންމުން
"އެ އާބާދީތައް ހުއްޓުވުމުގެ ވަގުތު އައިސް ޖެހިއްޖެ!" ހުޅަނގު އައްސޭރީގަ އާއި ޖެރޫސެލަމްގައި ޔަހޫދީ އާބާދުތައް އިތުރުކުރުމާމެދު އޮބާމާގެ ނިންމެވުން ކެއިރޯ ސްޕީޗުގައި ވަރަށް ސާފެވެ. ވިދާޅުވި ޖުމްލައަށް އިތުރު ކުރާނެ ލަފުޒެއް ވެސް ކަނޑައިލާނެ ލަފުޒެއް ވެސް ނެތެވެ.
މި ނިންމެވުމާ އެއްގޮތަށް އަމަލުކުރެވުނެވެ. އެެމެރިކާގެ ފިއްތުންތަކާ ހުރެ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށްޓަކައި ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދުތައް އިތުރުކުރުން 10 މަސް ދުވަހަށް މަޑުޖައްސައިލި އެވެ. ނަމަވެސް އެއީ ކުޑަ ދުވަސްކޮޅަކަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޔަހޫދީ އާބާދުތަކުގެ މަސައްކަތް ވަނީ އަލުން ފަށައިގެންފަ އެވެ. އަދި އެމެރިކާއިން ތަކުރާރުކޮށް އިޒްރޭލަށް "ހަދިޔާ" ދީގެން އެކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ވަނީ ފަނުފުލުހުން ގޮސްފަ އެވެ. އެމެރިކާއިން ބުނަނީ އެކަމާ ހިތާމަ ކުރާ ކަމަށެވެ. ހަމައެކެނި ނަމަކަށެވެ. އިޒްރޭލާ ދެކޮޅަށް ބާރުގެ ބޭނުން ނުކޮށް، ހަމައެކަނި ކުޅިބަލަން އޮތީ އެވެ.
ހުރިހާ ތަނެއްގައި ޑިމޮކްރެސީ ކުރިއެރުވައި ތަރައްގީކުރުން
އޮބާމާ ވިދާޅުވީ، ތާއީދު ކުރައްވާނީ ޑިމޮކްރެސީ އަށް ކަމަށެވެ. ޑިމޮކްރެސީގެ ރީތި ނަމޫނާތަކެއް އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ފެނިގެން ދިޔަ ނަމަވެސް، އެ އާދަތައް މުސްލިމް ގައުމުތަކުގައ ދިރުވުމަށްޓަކައި އޮބާމާގެ ސަރުކާރުން ގެންގުޅޭ އުސޫލްތައް ދޯދިޔާ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ޑިމޮކްރެސީއާ އިދިކޮޅު ރިޔާސަތުތަކަށް އެހީވެ، ތާއީދުކުރާ މަންޒަރު ދަނީ ފެންނަމުންނެވެ. އެގޮތުން މިސުރަށް ދިނުމަށް އެމެރިކާ އިން ވިސްނާ ހަތަރު ބިލިއަން ޑޮލަރުގެ އެންޑޯމެންޓް ފަންޑުގައި ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ އެއްވެސް ޕްރޮގްރާމަކަށް އަމާޒުކޮށްފައި ނުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ދެ އެވެ. ހަމައެއާއެކު، ސުދާނުގައި ބޭއްވި ރިޔާސީ އިންތިހާބުގައި މަކަރު ހެދުންތައް ގިނަ ކަމަށް ލޯކަލް ރިޕޯޓުތައް ބުނި ނަމަވެސް، އެމެރިކާގެ ވައިޓް ހައުސިން އިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށްފަ އެވެ.
އީރާނާއެކު އާ މަގަކުން ކުރިއަށް ދިއުން
ރައީސް އޮބާމާގެ ސަރުކާރަށް ދެ އަހަރު ވީއިރު، އީރާނާމެދު އެގައުމުން ގެންގުޅޭ ސިޔާސަތު ކުރީގެ ވެރިކަމުގައި ޖޯޖް ބުޝް ގެންގުޅުއްވި ސިޔާސަތާ މާބޮޑު ތަފާތެއް ނެތެވެ. ސުލްހައިގެ ވާހަކަތަކުން ނަތީޖާ އެއް ނެރެވިފައި ނުވާއިރު، އީރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ ގިނަވަމުން ނެވެ. އީރާނާއެކު ސުލްހައިގެ މަގުން ހިނގުމަށް އެމެރިކާއިން ދެކޭ ހުވަފެން އަދި އޮތީ ހަގީގަތަކަށް ނުވެ އެވެ.
އޮބާމާގެ ވެރިކަމުގައި މުސްލިމުންނާއެކު އާ ފެށުމަކުން ފެށުމަށް ވީ ގިނަ ވައުދުތައް ފުރިހަމަވެފައިނުވާ ނަމަވެސް، އޮބާމާ ވަނީ މީގެ ކުރިން ހާސިލްކޮށްފައި ނުވާ އެތަކެއް ކަންތައްކެއް މުސްލިމުންނަށް ކޮށްދެއްވައިފަ އެވެ. ޕާކިސްތާނުގެ ތަރައްގީއަށްޓަކައި ފަސް އަހަރު ދުވަހުގެތެރޭ އެމެރިކާއިން ޚަރަދުކުރުމަށް ވައުދުވެފައިވާ 7.5 ބިލިއަން ޑޮލަރުގެ ތެރެއިން މިހާރު ވެސް ދެ ބިލިއަން ޑޮލަރު ވަނީ ޕާކިސްތާނަށް ހަދިޔާކޮށްފަ އެވެ. އަދި މުސްލިމް ގައުމުތަކަށް ސައިންސްގެ ދާއިރާއިން ކުރިއެރުން ހޯދައިދިނުމަށްޓައި އެމެރިކާ ސަރުކާރުން ވަނީ ކުރިން ނުކުރާއާ އަދަދަށް އިންވެސްޓްކުރަމުން ނެވެ.
އިރާގުން އެމެރިކާ ސިފައިން ބޭލުމަކީ އޮބާމާ އަށް ލިބުނު ކާމިޔާބީއެކެވެ.
އެހެންކަމުން، އޮބާމާގެ ވެރިކަމުގެ ނަތީޖާއަށް ބަލާއިރު، ގިނަ "ފެއިލްވުންތަކެއް" ހުރި ނަމަވެސް، މަޑުމަޑުން ދަނީ ކާމިޔާބީތައް ވެސް ހާސިލްވަމުން ނެވެ. އަދިވެސް ވެރިކަމުގައި ހުންނެވުމަށް އޮބާމާއަށް ދެ އަހަރު އެބަ އޮތެވެ. އެހެންކަމުން، ކެއިރޯ ވައުދުތައް ފުއްދުމަށްޓަކައި އޮބާމާ އަދި ވަގުތު އެބައޮތެވެ.