21 Aug 2013, 15:06
އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް 2014ގެ މެޗުތައް ބަލަން ދަނޑަށް ވަނުމުގެ ޓިކެޓް ރަސްމީކޮށް ފީފާއިން ވިއްކަން ފަށައިފި އެވެ.
ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފީފާ ވެބްސައިޓް މެދުވެރިކޮށް މިހާރު ޓިކެޓަށް އެޕްލައި ކުރެވެން ހުރިއިރު މިފަހަރުގެ މުބާރާތަށް ގާތްގަނޑަކަށް 3.3 މިލިޔަން ޓިކެޓް ވިއްކުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ.
މިފަހަރުގެ ވޯލްޑްކަޕް މެޗުތަކުގެ ޓިކެޓްގެ އަގުތަށް ފުރަތަމަ ބުރުގެ މެޗުތަކަށް 90 ޑޮލަރާއި 175 ޑޮލަރާ ދެމެދުގައި ހުރި އިރު މަރަކާނާ ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ ފައިނަލްމެޗުގެ ޓިކެޓްގެ އަގު 990 ޑޮލަރަށް އަރައެވެ.
ބްރެޒިލްގެ 60 އަހަރުން މަތީގެ އިސް ރައްވެހިންނާއި އެގައުމުގެ ކިޔަވާކުދިންނާއި، ބައެއް އިޖްތިމާއީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް 23 ޑޮލަރުގެ އަގެއްގައި ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ފީފާއާ ހަވާލާދީ ބީބީސީ ސްޕޯޓްސްގައި ވާގޮތުން 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް ވޯލްޑްކަޕް މެޗުތައް ބެލުމަށް 3.3 މިލިޔަން ފޭނުން ދަނޑަށް ވަދެފައިވާއިރު ސައުތު އެފްރީކާގައި އެންމެ ފަހުން އޮތް ވޯލްޑްކަޕްގެ މެޗުތައް ބަލަން ދެމިލިޔަނަށްވުރެ ގިނަ ޓިކެޓްވަނީ ވކިފަ އެވެ.
ފީފާއިން ބުނެފައިވާގޮތުން 10 އޮކްޓޫބަރުގެ 2013ގެ ކުރިން ޓިކެޓް ގަންނަން އެދޭ ފަރާތްތަކަށް ޓިކެޓް ވިއްކުމުގައި އިސްކަމެއްދޭއިރު، ފުރަތަމަ ބުރުގައި ވިއްކުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ ގިނަ މީހުން ޓިކެޓް ގަންނަން އެދިފައިވާނަމަ ޓިކެޓް ވިއްކާނީ ގުރުއަތުން ހޮވޭ ފަރާތްތަކަށް ޓިކެޓް ލިބޭ އުސޫލުންނެވެ.
އަދި ބާކީ ޓިކެޓް ހުރިނަމަ ވިއްކަން ފަށާނީ ނޮވެމްބަރު ފަހެއްގެ ފަހުން ކަމަށާއި އެބުރުގައި ޓިކެޓް ވިއްކާނީ ފުރަތަމަ އަންނަ މީހަކަށް ފުރަތަމަ ޓިކެޓް ވިއްކާ އުސޫލުންނެވެ. އަދި އޭގެ ފަހުން ޓިކެޓް ވިއްކާނަމަ ދެން ވިއްކާނީ، މުބާރާތުގެ ގުރު ނެގުމަށްފަހު، ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ފަހުންނެވެ.
ބްރެޒިލް ވޯލްޑްކަޕް 2014 ފެށުމަށް ހަމަޖެހިފައިވަނީ، 12 ޖޫން 2014ގައި ބްރެޒިލް ގެ ސައޮޕޯލޯގަ އެވެ. މުބާރާތް ފަށާ މެޗުގައި އެއްކޮޅުން ވާދަކުރާނީ ބުރެޒިލް އެވެ.