21 Aug 2013, 15:02
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ "ބަރަހަނާ ވީޑިއޯއެއް" ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ހައުސިން މިނިސްޓްރީގެ ކުރީގެ، އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ދޫކޮށްލައިފި އެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ފާއިޒުގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން މިއަދު ވިދާޅުވީ ފާއިޒް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
ހަސީން ވިދާޅުވީ ފުލުހުން ފާއިޒު ދޫކޮށްލާފައި ވަނީ ކޯޓުން އަންގައިގެން ނޫން ކަމަށާއި އަދި އޭނާ ދޫކޮށްލާފައި ވަނީ ގޭ ބަންދުގައި ބަހައްޓާ ގޮތަކަށް ވެސް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔަރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯއެއް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ފާއިޒް ހައްޔަތުކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ކަމުގެ ތުހުމަތުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯއެއް ނަގައިގެން ނާޖާއިޒު ފައިދާތަކެއް ހޯދަން އުޅޭ ކަމުގެ ތުހުމަތުގައި ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު) ވެސް ވަނީ ފުލހުންގެ އިދާރާ އަށް ހާޒިރުކޮށްފަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހޫމީ އާއި އޭނާގެ ކޮއްކޮ އަޒްބާން ފަހުމީ ވެސް ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. އަދި އަލްހާން އަޒްބާން ދިރިއުޅުއްވާ އެޕާޓްމެންޓް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.