21 Aug 2013, 14:52
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން މަގުތައް މަތީގައި ދިދަ ދަމުން ގެންދާ އިރު ގޭގެގެ މީހުންނަށް އުނދަގޫވާ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދާ ކަމުގެ ޝަކުވާތައް ލިބެމުންގެންދާ ކަމަށާއި ދިދަ ދަމަން މަގުތަކުގައި ހޮޅިޖަހާ ނަމަ ހުއްދަ ހޯދައިގެން އެކަން ކުރުމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މާލޭގެ މަގުތަކުގައި ބައެއް ޕާޓީތަކުން ދަމާފައި ހުންނަ ދިދަތަކަށް ގެއްލުންވާ ގޮތަށް ބައެއްް ފަރާތްކުން އަމަލުކުރަމުންގެންތީ އެކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ކެމްޕެއިން ކުރުމަށް ޕާޓީތަކުން ދިދަ ދެމުމަކީ އެ ކައުންސިލުން ހިތްވަރުދޭ ކަމެއް ކަމަށާއި ނަމަވެސް މަގުތައް މަތީގައި ދިދަ ދަމާ ނަމަ ދިދަތައް ދަމާ ގޭގެގެ މީހުންގެ ހުއްދަ ހޯދައިގެން އެކަން ކުރުމަށް އެ ކައުންސިލުން ބާރު އަޅާ ކަމަށެވެ.
"ނުރުހޭ މީހާގެ ގޭ ދޮރުމަތީގައި ދިދަ ދަމާ ނަމަ އެ ފަރާތަކުން މައްސަލަ އެބަޖައްސާ. ބައެއް މީހުން އެބައުޅޭ ބާރަށް ލަވަޖަހައިގެން އުނދަގޫވާ މީހުން. އަނެއްކޮޅުން ގޭގެގައި އެބައުޅޭ ވަކި ޕާޓީއެއްގެ ދިދަ ދަމައިގެން މައްސަލަ ޖައްސާ މީހުން. ދިދަ ދަމަން ހުއްދައެއް ނަގާކަށް ނުޖެހޭ. ނަމަވެސް އެ ހިސާބެއްގެ އުޅޭ ބައެއްގެ ނުވަތަ ގެއެއްގެ މީހުންގެ ރުހުން ހޯދައިގެން އެކަން ކުރުމަށް އަޅުގަނޑުމެން މިބާރު އަޅަނީ. ދިދަ ދަމަން ހޮޅިޖަހާ ނަމަ ހުއްދަ ނަގައިގެން އެކަންތައް ކުރުމަށް އަޅުގަނޑުމެން ވާނީ އަންގާފައި،" ސުޖާއު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޕާޓީތަކުން މަގުތައް މަތީގައި ދިދަ ދަމުން ގެންދާ އިރު ބައެއް ޕާޓީތަކުން ދަމާ ދިދަތައް ކަނޑަމުން ގެންދާ މައްސަލަތައް ވެސް ވަނީ އިތުރުވެފަ އެވެ. ސިޓީ ކައުންސިލުން ބުނީ އެއްވެސް ފަރާރަތަކަށް އުނދަގޫވާ ގޮތަށް ކަމެއް ކުރާ ނަމަ އެކަމެއް އެކައުންސިލުން ބަލާނެ ކަމަށެވެ.