ޒިނޭގެ ކުރުމުގެ ކުށުގައި ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާގެ ގައިގައި ހައްދު ޖެހުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ފާހަގަކޮށްފައިވާ މުޙިއްމު ނުކުތާތަކުގެ ތެރޭގައި، މައްސަލައިގެ ތަހްގީގުގައި އެ ކުއްޖާ ދީފައިވާ ބަޔާނަށް ޖުވެނައިލް ކޯޓުގައި އެ ކުއްޖާ އިންކާރުކޮށްފައިވާ ކަމާއި، ޒިނޭގެ ކުށަށްވާ އިއުތިރާފަކީ، އެއިތިރާފުގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ހުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން ރުޖޫއަވެވޭނެ އިއުތިރާފެއްކަން ފިގުހު އިލްމުވެރިން އިއްތިފާގުވެފައިވާކަން ހިމެނެއެވެ.

ޖުވެނައިލް ކޯޓަށް އެ ކުއްޖާ ދީފައިވާ ބަޔާނުގައި ފުށުއެރުންތައް ހުރި ކަމަށާއި ޒިނޭއަކީ ކޯޗެއްކަން ތަފްސީލްކޮށް ކިޔާދޭން އެ ކުއްޖާ އަށް ނޭނގުނު ކަމަށް ވެސް ހައިކޯޓުން ކުރި ހުކުމްގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެ ކުއްޖާއަކީ "ޕޯސްޓް ޓްރޮމެޓިކް ސްޓެރެސް ޑިސްއޯޑާ" ހާލަތުގައިވާ ކުއްޖެއްކަމަށާއި އެ މައްސަލައިގެ ތަހުގީގު ކުރެވުނު އިރުގައި އާއި ޝަރީއަތް ކުރެވުނު އިރު އަދި މިހާރުވެސް އެ ކުއްޖާއަކީ ޝަރީއަތެއް ހިންގުމުގެ ސަލާހިއްޔަތު ނެތް ކުއްޖެއްކަމަށް ބެލޭނެ ކަމާއި އެކަން ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކުންވެސް އެނގޭކަން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި އެ ކުއްޖާގެ ތަހުގީގު ބަޔާން ނެގިފައިވަނީ އަނިޔާ ލިބުނު ކުއްޖެއްގެ ގޮތުގައި ބަލައިގެން ކަމަށާއި ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ލިބެންޖެހޭ އަސާސީ ހައްގުތައް އޭނާއަށް ލިބިދީފައިނުވާކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ގައިވާ ގޮތަށް، މި މައްސަލަގެ އަޑު އެހެންތައް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާލައިގެނެއް ނޫނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އެ ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ ދޮންބައްޕަ އޭނާ އަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ އެ ދައުވާ ކޮށްފައި ވަނީ އެހެން މީހަކާ އެކު އެ ކުއްޖާ ޒިނޭ ކުރިކަމަށް ތަހުގީގުގައި އިއުތިރާފުވެފައި ވާތީ ކަމަށެވެ.

ޖުވެނައިލް ކޯޓުން ބުނެފައި ވަނީ ޒިނޭ ކުރުމުގެ ކުށް އެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ޒިނޭ ކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާތީ ކަމަށެވެ.

އެ ކުއްޖާގެ ދޮންބައްޕަ އާއި މަންމަގެ މައްޗަށް ދައުލަތުން ވަނީ ބޮޑު ޖަލު ހުކުމެއް އަންނަ ދައުވާތަކެއް އުފުލާފާ އެވެ.