ވިލާ ކޮލެޖާއި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީ އޮފް މެލޭޝިއާ (އޯޔޫއެމް) ގުޅިގެން ރާއްޖޭގެ ވިލާ ކޮލެޖުގައި ކުރިއަށް ގެންދާ މާސްޓާސް އަދި ޑިގްރީ ޕްރޮގުރާމުގެ ތިން ވަނަ ބުރުގެ ދަށުން ދަސްވެނިވި 77 ދަރިވަރަަކަށް މިއަދު ސަނަދު ދީީފި އެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދު އޮތް އެ ރަސްމިއްޔާތުގައި މާސްޓާސް އޮފް ބިޒުނަސް އެޑްމިނެސްޓްރޭޝަން (އެމްބީއޭ) އިން 13 ދަރިވަރަކު ދަސްވެނިވެ ސަނަދު ހޯދާފައިވާ އިރު 30 ދަރިވަރުން އެ ދާއިރާއިން ބެޗިލާސް ޑިގުރީ (ބީބީއޭ) ހާސިލް ކޮށްފައިވެ އެވެ. މާސްޓާސް އިން އެޑިއުކޭޝަން (އެމްއީޑީ) އިން 13 ދަރިވަރުން ސަނަދު ހާސިލުކުރި އިރު، ތައުލީމީ ދާއިރާގެ ދަށުން ބެޗިލާސް އިން އެޑިއުކޭޝަނަލު އެޑްމިނިސްޓްރޭޝަން (ބީއީއީއޭ) އިން ހަތް ދަރިވަރުން ދަސްވެނި ވެފައިވާ އިރު ތައުލީމީ ދާއިރާގެ ބެޗްލާސް އިން އެޑިއުކޭޗަން މެތެމެޓިކްސް (ބީއީމެތް) އިން ހަ ދަރިވަރުން ދަސްވެނިވި ސަނަދު ހާސިލުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ބެޗިލާސްއިން އިންފޮމޭޝަން ޓެކްނޮލިޖީގެ ރޮގުން 10 ދަރިވަރަކު ވެސް ވަނީ ސަނަދު ހާސިލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ އޯޔޫއެމްގެ ރައީސް އަދި ވައިސް ޗާންސެލަރު، ޕްރޮފެސަރު އެމެރިޓަސް ތަން ސްރީ އަންވަރު އަލީ އެވެ.

ރަސްމިއްޔާތުގައި ޑިގްރީ ޕްރޮގްރާމުތަކުން ޑިސްޓިކްޝަން ހޯދި ދަރިވަރުންނަށް އޯޔޫއެމްގެ ފަރާތުން ޔުނިވާސިޓީ ބުކް ޕްރައިޒުގެ ނަމުގައި ވަނީ އެވޯޑެއް ވެސް ދީފަ އެވެ. އެގޮތުން މި އެވޯޑު މިއަދު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 11 ދަރިވަރަކު ހާސިލުކޮށްފައިވާ އިރު ވިލާ ކޮލެޖުގެ ފައުންޑަރު ގާސިމް އިބްރާހިމް ވަނީ މިއަދު ދަސްވެނިވި ކުދިންގެ ތެރެއިން އެންމެ މަތީ މާކްސް ލިބުނު ދަރިވަރުންނަށް "ގާސިމް އިބްރާހިމް އެވޯޑު ފޮ އެކްސެލެންސް" ގެ ނަމުގައި ހަތަރު ދަރިވަރަކަށް އެވޯޑު ދީފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ފައުންޑާ ގާސިމް އިބްރާހިމް ވިދާޅުވީ ލިބޭ ފުރުސަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ކަންތައްތައް ހާސިލު ކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށާއި ނަމަވެސް ހިތްވަރާ އެކު މަސައްކަތް ކުރުމަށް ގާސިމު ވިދާޅުވި އެވެ.

"ކަމެއް ކާމިޔާބު ކުރުމުގައި ފުރުސަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިއްމު ކަމެއް. ދަރިވަރުން ދެކެމުންދާ ހުވަފެންތައް ކާމިޔާބު ކުރުމަށް ޓަކައި ހިތްވަރާ އެކު މަސައްކަތްކުރާށޭ. އަދި އެކަމުގެ ތެރޭގައި އެންމެ ހިތްހަމަޖެހޭ ކަންތައް ވެނުވެ ހިނގާދާނެ. އެކަމަށް ކަންބޮޑުވެ މާޔޫސް ނުވާށެ. ހިތްވަރާ އެކު މަސައްކަތް ކުރާށެ،" ގާސިމް ވިދާޅުވި އެވެ.