21 Aug 2013, 13:46
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި އިއްޔެ ކުޅުނު މެޗްތައް ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށް މުބާރަތުގެ ފެށުން އެ ދެޓީމުން ރަނގަޅުކޮށްފި އެވެ.
އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅުނު ފުރަތަމަ މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ގިރާވަރު ޔޫތު ސޮސައިޓީއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ގެންގޮސްފައިވަނީ 12-25، 14-25 އަދި 13-25 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ އިބްރާހިމް އިހުސާން އެވެ.
މުބާރަތުގެ ރޭ ކުޅުނު ދެ ވަނަ މެޗް ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ ވިޗެންޒާއާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-10، 25-9 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ މުހައްމަދު އަހުސަނެވެ.
ޖުމްލަ ހަ ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު، އެންމެ ގަދަ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ ގޮތަށެވެ.
މިފަހަރުގެ މުބާރަތުގައި ވާދަކުރާ ޓީމް ތަކަކީ ޕޮލިހާއި ސިފައިންނާއި ވިޗެންޒާ އާއި ގިރާވަރާއި ނައިފަރު އިފްތިތާހުގެ އިސްދަރިވަރުންގެ ޖަމިއްޔާ އަދި ފެލިދޫ ޒުވާނުންގެ އެކުވެރިންގެ ދިރުމެވެ.
ވޮލީ އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގެ އަންހެން ޑިވިޒަންގެ ކުޅުން މިރޭ ފަށާއިރު، އަންހެން ޑިވިޒަންގައި ޖުމްލަ ހަތަރު ޓީމް ވާދަކުރާ ކަމަށެވެ. އަދި އަންހެން ޑިވިޒަންގެ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން ކުޅޭ އެއް ބުރަށް ފަހު އެއްވަނަ ހޯދާ ޓީމެއް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅޭ ސެމީން މޮޅުވާ ޓީމަކަށް ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މުބާރާތުގައި ވާދަކުރާ އަންހެން ހަތަރު ޓީމަކީ ސްޕޯޓްސް ކްލަބް ވިޝަން އާއި އޯލް ސްޓާ އާއި ޕޮލިސް އަދި ކްލަބް ސްޕައިކާ އެވެ.