21 Aug 2013, 13:03
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެއް ބާނީ، ކްއީން އަހްމަދު ވަހީދު އެ ކްލަބާ މެދު އެންމެ ފަހުރުވެރި ވަނީ، ކްލަބާއެކު އޭނާގެ ދެ ދަރިންނަށް ލިބުނު ކާމިޔާބީއާ މެދުކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ނިއު އަށް 34 އަހަރު ފުރުން ފާހަގަ ކުރަމުންގެންދާ މުނާސަބަތުގައި އެ ކްލަބްގެ ވެބްސައިޓަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކްއީން ވަހީދު ވިދާޅުވީ، ނިއުރޭޑިއަންޓް ރާއްޖޭގެ ފުޓްބޯޅައިގައި އަބަދުވެސް އެންމެ އުހުގައި ވާދަކުރާތީ އެކަމާ ފަހުރުވެރިވާ ކަމަށާއި އެހެންނަމަވެސް އެންމެ ބޮޑަށް ފަހުރުވެރިވަނީ އޭނާގެ ދެ ދަރިން ކަމަށްވާ އަލީ އާޒިމްއާއި މުހައްމަދު ޝިޔާޒު (މޯހަން) އެ ކްލަބްގައި ހޯދި ކާމިޔާބީއާ ދޭތެރޭގައި ކަމަށެވެ.
"މި ކްލަބް ރާޖޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި އޮންނަކަމީ އަޅުގަނޑު ފަހުރުވެރިވާ އެއްކަންތައް. އެކަމަކު އަޅުގަނޑު އެންމެ ފަހުރުވެރިވަނީ، އަޅުގަނޑުގެ ދަރިފުޅު އަލީ އާޒިމްއާ ދޭތެރޭގައި. މި ކްލަބަށް ކުޅެ، ކްލަބްގެ މެނޭޖަރުކަމާއި ޗެއާމަންކަން ކޮށް އޭނާވަނީ އެފްއޭއެންގެ ރައީސްކަންވެސް ކޮށްފައި. އަދި މިހާރު އޭނާއަކީ އޭއެފްސީގެ އެކްސްކޯ މެންބަރެއް. އޭނާ ވަނީ ފުޓްބޯޅައިގައި މީހަކު ހޯދާފައިވާ ހުރިހާ ކާމިޔާބެއް ހާސިލް ކޮށްފައި. އަދި އެކަން އޭނާއަށް ހާސިލްވީ މި ކްލަބްގެ ސަބަބުން،" ކްއީން ވަހީދު ވިދާޅުވި އެވެ. "ހަމަ އެއާއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ރާއްޖޭގެ ކޯޗަކު ކްލަބަކާއެކު އެއްވެސް މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކުރުމުގެ ޝަރަފް ހޯދި ފުރަތަމަ ކޯޗަކީ އަޅުގަނޑުގެ ދަރިފުޅު މުހައްމަދު ސިޔާޒު. އޭގައިވެސް އަޅުގަނޑު އެންމެ އުފާވަނީ، މި ކްލަބްގެ ކޯޗެއްގެ ގޮތުގައި އޭނާ އެކާޔާބު ހާސިލްކުރުން."
ނިއުގެ އެންމެ ކާމިޔާބު އަހަރަކީ 1997 ވަނަ އަހަރުކަން ފާހަގަކުރަށްވަމުން ވަހީދު ވިދާޅުވީ، 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީފައިނަލަށް ވާސިލްވުމަކީވެސް އޭނާ ވަރަށް ހާއްސަ އުފަލެއް ލިބިދޭ ހަނދާންތަކެއް ކަމަށާއި، މިހާރު އެންމެ ބޮޑު އުންމީދަކީ މިއަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލްގައި ނިއު ކުޅޭތަން ދުށުން ކަމަށެވެ.
"އަހަރުތަކަކަށް ފަހު އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އަނެއްކާވެސް މިލިބުނީ، އަދި މިފަހަރުވެސް ކްލަބް ހޯދަމުން ގެންދާ ކާމިޔާބު ތަކާދޭތެރޭ އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ނިއު އޭއެފްސީ ކަޕްގެ ފައިނަލްގައި ކުޅޭތަން ދެކެން،" ނިއުގެ އެއް ބާނީ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ނިއު އަށް މިހާތަނަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިއަކީ އަލީ އަޝްފާގު (ދަގޭ) ކަމަށާއި، އެފަދަ މޮޅު ކުޅުންތެރިއަކު ރާއްޖޭގައި އުފެދިދާނެ ކަން ހިތަށްވެސް ގެނެވިފައި ނުވާ ކަމަށެވެ.
"ވަރަށް މޮޅު ކުޅުންތެރިން ނިއުއަށް ކުޅެފި. އޭގެތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކު ނަގަން އިހްތިޔާރު ދީފިއްޔާ އަޅުގަނޑު ނަގާނީ، އަލީ އަޝްފާގު. 80 އަދި 90ގެ އަހަރު ތަކުގެ ތެރޭގައި ހުވަފެނުންވެސް ނުދެކެން 'ދަގޭ' ވަރުގެ މޮޅު ކުޅުންތެރިއަކު ރާއްޖޭގައި އުފެދިދާނޭ ކަމަށް. އަޅުގަނޑު ދެކޭގޮތުގައި މި ޓީމަށް މިހާތަނަށް ކުޅުނު ބޭރު ކުޅުންތެރިންވެސް ހިމެނޭ ގޮތަށް ދަގަނޑޭއަކީ ނިއުއަށް މިހާތަނަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ." ވަހީދު ވިދާޅުވި އެވެ.
ނިއުއަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ކްއީން ވަހީދުގެ ނަޒަރުގައި އެ ކްލަބަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިއަކީ 90ގެ އަހަރު ތަކުގައި ނިއުއަށް ކުޅުނު ކޮންގޯގެ ޖޫނިއާ ވޯލްޑް ކަޕް ތަރި ޕެޓްރިކް ޗިކާޔާ އެވެ.
"ނިއުއަށް ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ޕެޓްރިކް ޗިކާޔާ. އެއި ނިއުއަށް އެކަންޏެއް ނޫން. ރާއްޖޭގައި މިހާތަނަށް ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ ޗިކާޔާ އަކީ. އޭނާ ވަނީ، ކުޅިބަލަންދާ މީހުންނަށް އަޖައިބު ކުރުވަނިވި ފުޓްބޯޅައިގެ ޖާދޫ ދައްކާފައި، އަދި ހާއްސަކޮށް އޭނާ ކުޅޭތަން ބަލަން އެދުވަސްވަރު މީހުން ދަނޑަށް ވަދޭ،" ވަހީދު ވިދާޅުވި އެވެ.
މީގެ ކުރިން ނިއުރޭޑިއަންޓް ހިންގަމުން އަންނަނީ އަބަދުވެސް ކްއީން ވަހީދު އާއިލާގެ ތެރެއިން ކަމަށްވާއިރު ނިއުގެ މިހާރުގެ މެނޭޖްމަންޓާ ދޭތެރޭގައި އޭނާ ވިދާޅުވީ ޗެއާމަން އަލީ ވަހީދަކީ، އޭނާގެ އާއިލާ ބޭފުޅެއް ނޫނަސް އެކަން އިހްސާސް ނުކުރެވޭ ކަމަށާއި، އަދި އެބޭފުޅުންގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ.
"ނިއުގެ ޗެއާމަން އަލީވަހީދު ވެސް އަދި މެނޭޖްމަންޓުން ވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް ބާއްވާ. އަދި ހުރިހާ ކަމެއް ނިންމުމުގައިވެސް އަލީ ވަހީދު އަޅުގަނޑުގެ ލަފައާއި އިރުޝާދު ހޯދާ. އަދި އަޅުގަނޑު އެދޭގޮތަށް ކަންތައްތައް ކޮށްދެއްވާތީ ވަރަށް ބޮޑަށް އުފާވޭ،" ނިއުގެ ބާނީ ވިދާޅުވި އެވެ. "އަޅުގަނޑަށް އެއްގޮތަކަށްވެސް އިހްސާސެއް ނުކުރެވޭ ޓީމް ހިންގަނީ އަޅުގަނޑުގެ އާއިލާ މީހުން ނޫނެކޭ."
ނިއުގެ ހަޔާތުގައި ވޭތުވެދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި އެ ކްލަބަށް ކުޅުނު ހުރިހާކުޅުންތެރިންގެ ތެރެއިން ޓީމެއ ނަގާނަމަ ކްއީން ވަހީދުގެ ނަޒަރުގައި ނިއުގެ ޑްރީން ޓީމުގައި ހިމަނާނޭ ކުޅުންތެރިންނަކީ:
ގޯލް ކީޕަރު: އިމްރާން މުހައްމަދު،
ޑިފެންޑަރުން: އިބްރާހީމް ރަޝީދު (އަންދަރޭ)، ހުސައިން ރަޝީދު (ކަޅުއޮއް)، އިބްރާހިމް ނޫރައްދީން، އަންވަރު އަލީ.
މިޑްފީލްޑަރުން: މޫސާ މަނިކު (ކުޑަމޫސަ)، މުހައްމަދު ކަލީމް، އަލީ އުމަރު، އިބްރާހީމް ފަޒީލު (އޮއްޕޮ).
ފޯވަޑުން: ޕެޓްރިކް ޗިކާޔާ، އަލީ އަޝްފާގު (ދަގޭ).