21 Aug 2013, 12:57
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް މއ. ކިނބި، ޑރ. މުހައްމަދު ލަތީފު އައްޔަން ކުރައްވާފައިވާކަން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށާއި ޖުޑިޝަލް ސާވިސް ކޮމިޝަނަށް އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައީސް ޑރ. މުހައްމަދު ވަހީދަށް ފޮނުއްވި ސިޓީއެއްގައި ސިވިލް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ލަތީފު އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވާ ކަން އަންގަވާފައިވާ ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ރައީސްގެ މަގާމް ހުސްވެފައި ވާތީ، އެ މަގާމަށް ލަތީފު އައްުޔަންކޮށްފައި ވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައި ގެންނެވި 60 މެންބަރުންގެ އިއްތިފާގުން ކަމަށް ވެސް ރައީސަށް ފޮނުއްވި ސިޓީފުޅުގައި މަޖިލީހުގެ ރައީސް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އަށް ވެސް މަޖިލީހުން ވަނީ ސީއެސްސީގެ ރައީސްގެ މަގާމަށް ލަތީފު އައްޔަންކޮށްފައިވާ ކަން އަންގަވައިފަ އެވެ. ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ހިމެނިވަޑައިގަންނަވާކަން ލިޔުއްވާފައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނަށް ލަތީފު އައްޔަންކޮށްފައިވާ ކަން އެ ކޮމިޝަންގެ އިތުރުން ލަތީފަށް ވެސް މަޖިލީހުން ވަނީ ސިޓީއަކުން އަންގައިފަ އެވެ.
އެ މަގާމަށް އޭނާ ހޮވަން ފާސްވީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޑީއާރްޕީގެ މެންބަރުން ވެސް ވޯޓު ދެއްވައިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުން މުހައްމަދު ފަހުމީ ހަސަން މަޖިލީހުން ވަކިކުރުމާ ގުޅިގެން އޭނާގެ ބަދަލުގައި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މ. އުނިމާގޭ ރީނީ އަބްދުއްސައްތާރު މަޖިލީހުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ރީނީ އެމަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ "އަޣުލަބިއްޔަތު"ން ވަނީ އެކަން ހުއްޓުވައިފަ އެވެ.