ގަވާއިދާ ހިލާފަށް ރާއްޖެ އަށް މުދާ އެތެރެކުރުން ހުއްޓުވުމަށް "ސިންގަލް ވިންޑޯ އިން" [އެއްދިމާލަކުން] ހިދުމަތް ދެވޭނެ ނިޒާމެއް ތައާރަފުކޮށް އަންނަ އަހަރު ފަހުކޮޅުން ފެށިގެން ބޭނުން ކުރަން ފެއްޓޭވަރު ވާނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.


ސަންއެފްއެމް އޮން ލައިނަށް ދެއްވި އިންޓަވިއުއެއްގައި ކަސްޓަމްސް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހަންމަދު އަސްވާން ހޯމަ ދުވަހު ވިދާޅުވީ ކަސްޓަމްސްގެ ބައެއް މުވައްޒަފުންނާ ގުޅިގެން ރާއްޖެ އަށް ބައެއް ތަކެތި ގަވާއިދާ ހިލާފަށް އެތެރެކުރަމުން އަންނަ ކަމަށާއި އެގޮތަށް އެކަންތައްތައް ދިމާވަނީ ކަސްޓަމްސް އިން ތަކެތި "ކުލިއާ" ކުރުމުގައި އޮންނަ އުސޫލަކީ އުނދަގޫ ކަންތައްތަކެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.


"ކަސްޓަމްސް އަކީ އަސްލު ބިޔޮރޯކުރެޓިކް ޖަންގައްޔެއް. މީހުންނަށް ނޭނގުމުގެ ސަބަބުން އަސްލު އޮޅުންތައް ގިނަވެގެން އޭގެ އެޑްވާން ޓޭޖު މިނަގަނީ އޮފިސަރުން ވިޔަސް އެހެން މީހުން ވިޔަސް. ރާއްޖޭގައި މިހާރު ދެ މީހަކު ވިއްޔާމުން ވިޔަފާރިއެއް ކުރޭ، ކޮންމެ މީހަކު ކޮމްޕެނީއެއް ހަދާ. މީހުންނަކަށް ކަސްޓަމްސްގެ ޓާމިނޮލޮޖީއެއް ނޭނގޭ. އެހެންވެ މީގައި އެހީތެރިކަން މި ހޯދަނީ ކޮންމެ ވެސް ކަސްޓަމްސް ރައްޓެއްސެއް ނޫނިއްޔާ ކޮންމެވެސް ތަނަކުން،" އަސްވާން ވިދާޅުވި އެވެ.


ރާއްޖެ އެތެރެކުރާ ތަކެތި ކަސްޓަމްސް އިން ކުލިއާ ކުރުމުގައި މިހާރު ގިނަ ދުވަސްތަކެއްވާ ކަމަށާއި އެހެން ނަމަވެސް ސިންގަލް ވިންޑޯ[އެއްދިމާލަކުން] އަކުން ހިދުމަތް ދޭން ފެށުމުން މިކަމަށް ހައްލެއް އަންނާނޭ ކަމަށް އަސްވާން ވިދާޅުވި އެވެ. އަދި އޭރުން މިހާރު ކަސްޓަމްސްގެ ގިނަ ސެކްޝަންތަކަކުން ކުރާ ކަންތައްތައް އެއް ސެކްޝަނަކުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެން ސިންގަލް ވިންޑޯ މި އަންނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިމްޕުލިމެންޓް ކުރާނަން. އޭރުން އެތައް ތަނަކަށް ނުދުވެ އެންމެ ތަނަކުން މިކަން ނިމޭނެ. އަދި އެންމެ މީހަކު ގޮސް ކޮންޓައިނަރެއް ޗެކުކުރުމުގެ ބަދަލުގައި ކޮޓެއިނަރު އެއްކޮށް ޗެކްކުރެވޭ ސުކުރީން މެޝިނެއް މި ގެންނަނީ. ... އަޅުގަނޑުމެން މިބަލަނީ އެއް ދުވަހާއި ތިން ދުވަހާ ދޭތެރޭ މިކަން [މުދާ ކުލިއާ ކުރުން] ނިންމާލެވޭތޯ. އޭރުން އެންމެ ސިންގަލް ވިންޑޯ އަކުން ހުރިހާ ކަމެއް ނިމޭނެ،" އަސްވާން ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ރާއްޖެ އަށް ގަވާއިދާ ހިލާފަށް މުދާ އެތެރެ ކުރުމުގެ ސަބަބަކަށް ޓެރިފުން ނަގާވަރު ބޮޑުވުން ވެސް ވެދާނެ ކަމަށެވެ. އަދި ސަރުކާރުގެ ރެވެނިއުގެ ބޮޑު ބައެއް ވަންނަ މުއައްސަސާއެއްގެ ގޮތުގައި ކަސްޓަމްސް އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އަސްވާން ވިދާޅުވި އެވެ.



"ދައުލަތުގެ 20 ޕަސެންޓް [އާމްދަނީ] އަންނަނީ ކަސްޓަމްސް އިން. ކަސްޓަމްސް އާ ދިމާލުން ރެވެނިއުގެ ބޮޑު ޕަސެންޓެއް އައުމަކީ ވެސް ގޯސް ކަމެއް. ފެށުނީއްސުރެ މިކަން ހިގަމުން އަންނަނީ މިގޮތަށް. އަސްލު ޓެކްސްޓޭޝަންގެ ބޮޑު ބައެއް ކަސްޓަމުން ނަގާ ގޮތަކަށް ނޫން ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަނީ. އަސްލު ރާއްޖޭގައި އެކަނި ކަންނޭނގެ އެހެން އޮންނަނީ. ސަރުކާރުގެ ވިސްނުމަކަށް ފުރަތަމައިނުން ވެސްވީ ޓެރިފްސް ރޭޓްތައް ދަށްކޮށްފައި. ޓެކްސް [ނެގުމަށް ފަހު] މިތަނަކީ ރެވެނިއުގެ ބޮޑު ބައެއް ނުވަންނަ ތަނަކަށް ހެދުން. އެހެންވެ ޖީއެސްޓީ އާއި އެއްޗިހި އައިސް ރެވެނިއު އޮތޯރިޓީ އުފެދުނީ. އޭރުން މި މައްސަލަތައް ޖެހުން މަދުވާނެ." އަސްވާން ވިދާޅުވި އެވެ.