އަންކަރާ (އޮގަސްޓް 21): މިސްރުގެ ދިމުޤްރާތީ ސަރުކާރާ ދެކޮޅަށް އެގައުމުގެ ސިފައިންގެނައި ޢަސްކަރީ އިންޤިލާބަކީ އިސްރާއީލު ފަހަތުގައި އޮވެގެން މިސްރުގެ ޑިމޮކްރަސީ ނައްތާލުމުގެ މަޤްސަދުގައިގެނައި އިންޤިލާބެއް ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ތުހުމަތު ކުރެއްވުމުން މިސްރުގެ ވަގުތީ ސަރުކާރުންނާއި އެމެރިކާ އިން، އުރުދުޣާން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

އުރުދުޣާނަށް ރައްދު ދިނުމުގެ ގޮތުން މިސްރުގެ ވަގުތީ ސަރުކާރުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "މިސްރާ މެދު އުރުދުޣާން ގެންގުޅުއްވާ ދުޝްމަންކަމުގެ ސަބަބުން މިސްރުގެ ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށާ އުރުދުޣާންގެ ބޭނުމަކީ މިސްރުގެ ގައުމީ ވަޙްދަތު ހަލާކުކޮށްލުން" ކަމުގަ އެވެ. މިސްރުގެ ޑިމޮކްރަސީ ނައްތާލުމުގެ ފަހަތުގައި ވަނީ އިސްރާއީލުގެ ސަރުކާރާއި އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" ކަމަށް އުރުދުޣާން ތުހުމަތު ކުރެއްވި މައްސަލާގައި ވައިޓް ހައުސްއިން ވެސް ވަނީ ރުޅިވެރިކަމާ އެކު އުރުދުޣާނަށް ރައްދުދީފަ އެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ "މިސްރުގެ ޑިމޮކްރަސީ ނައްތާލުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުއިސްރާއީލުގެ ބޮލުގައި އެޅުވުމަކީ އިސްރާއީލަށް ކުރެވޭ އިހާނާތެއް ކަމަށާ އިސްރާއީލަށް އިހާނާތްކުރުމަކީ އެމެރިކާ އަށް ގަބޫލުކުރެވޭނެ ކަމެއް ނޫން" ކަމުގަ އެވެ. ތުރުކީގެ އިސްލާމީ ފިކުރުގެ ޒަޢީމް އަދި އެގައުމުގެ މިހާރު ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެފައި ވަނީ މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުރުސީގެ ދިމުޤްރާތީ ވެރިކަން ވައްޓާލުމަށް އެގައުމުގެ ސިފައިން ގެނައި ޢަސްކަރީ އިންޤިލާބުގެ ފަހަތުގައި އިސްރާއީލު ވާކަމުގެ ހެއްކާއި އެކަމާ ބެހޭ ޖާސޫސީ ލިޔެކިޔުންތައް ލިބިވަޑައިގެންފައިވާ ކަމުގަ އެވެ.

އިސްރާއީލުގެ އިތުރުން އެމެރިކާގެ ތާއީދާ އެކު ވިރާސީ ޢާއިލީ ރަސްކަންތައް ކުރަމުންގެންދާ ސައޫދީ އަރަބިޔާއާއި ގަލްފުގެ ޢަރަބި ގައުމުތައް ވެސް މިސްރުގެ ޢަސްކަރީ އިންޤިލާބަށް ފައިސާގެ އެހީތައް ދީފައިވާ ކަމަށާ މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސިފައިން، މިދިޔަ ހަފްތާގައި ހިންގި ޤަތްލު ޢާންމުތަކަށް ވެސް އިސްރާއީލާއި ގަލްފުގެ ޢަރަބި ގައުމުތައް ތާއީދުކުރި ކަމަށް އުރުދުޣާން ވަނީ ފާޅުގައި ތުހުމަތު ކުރައްވާފަ އެވެ.

މުރުސީގެ ދިމުޤްރާތީ ވެރިކަން ވައްޓާލުމަށް ގެނައި ޢަސްކަރީ އިންޤިލާބާ ގުޅިގެންނާ އަދި މުރުސީގެ ސަޕޯޓާރުންނާ ދެކޮޅަށް މިސްރު ސިފައިން ހިންގި ޤަތްލު އާންމުތަކާ ގުޅިގެން، މިސްރާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އިސްރާއީލުގެ ސަރުކާރުން އެމެރިކާއަށާއި ޔޫރަޕަށް ފިއްތުންތައް ކުރިމަތި ކުރުމަށް އިސްރާއީލުގެ ނޫސްތަކުން ވަނީ ހާމަކޮށްފަ އެވެ. މިސްރުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އިސްރާއީލުގެ ސަރުކާރުވަނީ ހިމޭންކަން އިޚްތިޔާރުކޮށްފަ އެވެ.
ނަމަވެސް 2012 ވަނަ އަހަރު މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބު، އެގައުމުގެ އިޚްވާން ޖަމާއަތަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. މުރުސީ ކާމިޔާބު ކުރެއްވުމުގެ ތަންކޮޅެއްކުރިން ދެއްވި ބަޔާންތަކުގައި އިސްރާއީލުގެ އޭރުގެ ޖަސްޓިސް މިނިސްޓަރާއި ޔަހޫދީ ބައެއް މުފައްކިރުން ވަނީ މިސްރުގެ ރިޔާސީ ރޭސް އިޚްވާން ޖަމާއަތުން ކާމިޔާބު ކުރި ނަމަވެސް އެމީހުންނަށް މިސްރުގެ ސިޔާސީ މަސްރަޙުގައި ކުރި ނުލިބޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ޑިމޮކްރަސީ އަކީ "ވޯޓުފޮށީގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫން" ކަމަށް ވިދާޅުވެ އިސްރާއީލުގެ އޭރުގެ ޖަސްޓިސް މިނިސްޓަރާއި ޔަހޫދީ ބައެއް މުފައްކިރުން އެދުވަސްވަރު ވާހަކަ ދެއްކެވި ކަމަށާ މިސްރުގައި ކަންތައް ވެގެންދިޔައީ ވެސް އެގޮތަށް ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

މިސްރުގެ ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނަސް މުރުސީގެ ވެރިކަން ވައްޓާލުމުން އުރުދުޣާން ވަނީ މިސްރުގެ ސިފައިންނަށާއި އިންޤިލާބީ ސަރުކާރަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވާފަ އެވެ. އަދި މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސިފައިން، މިދިޔަ ހަފްތާގައި ހިންގި ޤަތްލު ޢާންމުތަކާ ގުޅިގެން އުރުދުޣާން ވަނީ މިސްރުގެ ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ވަގުތީ ސަރުކާރަކީ ޓެރަރިސްޓް ސަރުކާރެއް ކަމަށް ސިފަކުރައްވައި ޤާހިރާގައި ހުންނަވާ ތުރުކީގެ ސަފީރު އަނބުރައި އަންކަރާއަށް ގެނަސްފައެވެ. (ނޫސްއެޖެންސީތައް)