ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ގަތަރުގެ "އަލް ޖަޒީރާ" އިން އެމެރިކާގައި ޓީވީ ނިއުސް ޗެނަލެއް ލޯންޗުކޮށްފި އެވެ.

"އަލް ޖަޒީރާ އެމެރިކާ"ގެ ނަމުގައި ލޯންޗުކޮށްފައިވާ މިޗެނަލްއިން ދުވާލަކު 14 ގަޑިއިރު ކަވަރޭޖް ގެނެސްދޭ އިރު، މިޗެނަލް އެމެރިކާގެ 48 މިލިއަން ގޭބީސީއަކަށް ފެންނާނެ ކަމަށް ބީބީސީ އިން ބުނެ އެވެ.

އަލް ޖަޒީރާ އެމެރިކާ ލޯންޗުކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ނައިބު ރައީސެއް ކަމަށްވާ އަލް ގޯ ހިންގަމުން އައި ޓީވީ ޗެނަލެއް ކަމަށްވާ "ކަރަންޓް ޓީވީ" ގަތުމަށް ފަހު ރީ ބްރޭންޑްކޮށްގެން ނެވެ. އަލް ޖަޒީރާ އިން ކަރަންޓް ޓީވީ ގަނެފައި ވަނީ މިދިޔަ ޖެނުއަރީ މަހު 500 މިލިއަން އެމެރިކާ ޑޮލަރަށެވެ.

މިޗެނަލް މިހާރު ލޯންޗުކޮށްފައިވާ ނަމަވެސް، ޗެނަލް ކެރީ ކުރުމަށް އަލް ޖަޒީރާ އާއި އެމެރިކާގެ ކޭބަލް އޮޕަރޭޓަރުންނާ ދެމެދު އަދި އެއްބަސްވުމަކަށް އާދެވިފައިނުވާ ކަން ފާހަގަކޮށްލެވެ އެވެ.

އަލް ޖަޒީރާ އެމެރިކާ އިން ބުނީ އެޗެނަލްގައި ދައްކާ އިޝްތިހާރުގެ ވަގުތު މަދުވާނެ ކަމަށާއި ގަޑިއެއްގެ ތެރޭގައި ދައްކާނީ ހަ މިނެޓުގެ އިޝްތިހާރު ކަމަށެވެ. އެމެރިކާގެ ޓީވީ ޗެނަލްތަކުން އާއްމު ގޮތެއްގައި ކޮންމެ ގަޑިއިރެއްގެ ތެރޭގައި 15 މިނެޓުގެ އިޝްތިހާރު ދައްކަ އެވެ.

އަލް ޖަޒީރާ އެމެރިކާ ލޯންޗުކޮށްފައި ވަނީ އެމެރިކާގެ 12 ސިޓީއެއްގައި މަރުކަޒުވެފައި ތިބޭ 900 ނޫސްވެރިންގެ ޓީމަކާ އެކުގަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 130 ގައުމެއްގެ 260 މިލިއަން ގޭބީސީއެއްގައި އަލް ޖަޒީރާގެ ނިއުސް ޗެނަލްތައް ބަލަ އެވެ.