21 Aug 2013, 12:02
ފުކުޝިމާ ނިއުކްލިއާ ޕުލާންޓުން ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ފެން ލީކުވާ މިންވަރު އިތުރުވެފައިވާތީވެ އެޕުލާންޓުގެ ނިއުކްލިއާ އެލާޓް ތިނަކަށް ޖައްސަން ބޭނުންވާ ކަމަށް ޖަޕާނުގެ ނިއުކްލިއާ އެޖެންސީއިން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ޖަޕާނުގެ އިންޖިނިއަރުން ވަނީ ފުކުޝިމާގެ ސްޓޯރޭޖް ޓޭންކަކުން ބިމުގެ ތެރެއަށް ރޭޑިއޯއެކްޓިވް ފެން ލީކުވަމުންދާ ކަމަށް ބުނެފަ އެވެ.
ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ ނިއުކްލިއާ ކާރިސާގެ ސްކޭލް ނުވަތަ "އިންޓަނޭޝަނަލް ނިއުކްލިއާ އެންޑް ރޭޑިއޮލޮޖިކަލް އިވެންޓް ސްކޭލް" (އައިއެންއީއެސް) ޖަޕާނުން އެންމެ ފުރަތަމަ ބުނެފައި ވަނީ ފެން ލީކުވަމުންދިޔަ މައްސަލައަކީ ލެވަލް އެކެއްގެ ކާރިސާއެއް ކަމަށެވެ.
އެހެން ނަމަވެސް މިއަދު ޖަޕާނުގެ ނިއުކްލިއާ ރެގިއުލޭޓިންގް އެޖެންސީއިން ބުނީ އައިއެންއީއެސްގައި މިކާރިސާ ލެވަލް ތިނެއްގެ ކާރިސާއަކަށް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށެވެ.
ފުކުޝިމާ ނިއުކްލިއާ ޕުލާންޓަށް ގެއްލުން ލިބިފައި ވަނީ 2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވީ ބިންހެލުމާއި ސުނާމީގައި މިޕްލާންޓަށް ލިބުނު ގެއްލުންތަކުގައި ޕުލާންޓުގެ ކޫލިންގް ސިސްޓަމް ހަލާކުވުމުން ނެވެ.
މިއީ އެދުވަހަށް ފަހު އައިއެންއީއެސްގައި ޖަޕާނުން ނިއުކްލިއާ ކާރިސާއެއް ސްކޭލްކުރި ފުރަތަމަ ފަހަރެވެ.
ފުކުޝިމާ ނިއުކްލިއާ ޕުލާންޓުގެ ކޫލިންގް ސިސްޓަމް ހަލާކުވުމާއެކު، އެޕުލާންޓުގެ ތިން ރިއެކްޓަރެއް ވަނީ ވިރެން ފަށާފަ އެވެ. ރިއެކްޓަރުތައް ފިނިކުރާނެ އިތުރު ގޮތެއް ނެތުމުން ޖަޕާނުން ނިންމީ ރިއެކްޓަރުތަކުގެ ތެރެއަށް ފެން ޕަންޕުކޮށްގެން ފިނިކުރާށެވެ.
މިހެން ހެދުމުން ދިމާވާ މައްސަލައަކީ އެތައް ހާސް ޓަނެއްގެ ރޭޑިއޯއެކްޓިވް ފެން ފުކުޝިމާ ޕުލާންޓު ހިމެނޭ ސަރަހައްދުގައި ރައްކާކުރަން ޖެހުމެވެ.
މީގެ ކުރިންވެސް މިގޮތަށް ރޭޑިއޯއެކްޓިވް ފެން ރައްކާކޮށްފައިވާ ޓޭންކުތަކުން ފެން ލީކުވެފައިވާ ނަމަވެސް މިއީ މިހާ ސީރިއަސް މިންވަރަކަށް ފެން ލީކުވި ފުރަތަމަ ފަހަރެވެ.
އިންޓަނޭޝަނަލް ނިއުކްލިއާ އެންޑް ރޭޑިއޮލޮޖިކަލް އިވެންޓް ސްކޭލްގައި ހިމެނެނީ ޖުމްލަ ހަތް ލެވަލް އެކެވެ. މިސްކޭލްގެ ލެވަލް އެކަކީ "ސަލާމަތީ މާބޮޑު ނުރައްކަލެއް ނެތް" ކާރިސާ އެވެ. އަދި ލެވަލް ހަތަކީ "ވަރަށް ބޮޑަށް ނުރައްކާތެރި" ކާރިސާ އެވެ.
މީގެ ދެ އަހަރު ކުރިން ބިންހެލުމުގައި ފުކުޝިމާގެ ތިން ރިއެކްޓަރެއް ވިރުނު ކާރިސާއަކީ އައިއެންއީއެސްގެ ލެވަލް ހަތެއްގެ ކާރިސާއެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވާ ކާރިސާއެކެވެ.