އަލްގައިދާ އަދި ތާލިބާނުންނަށް އެހީވެދޭ "ޓެރަރިސްޓް ޓްރެއިނިންގް ސެންޓަރެއް" ކަމަށް ތުހުމަތުކޮށް އެމެރިކާ އިން ޕާކިސްތާނުގެ މަދަރުސާއެއް ބްލެކްލިސްޓްކޮށް، އެ މަދަރުސާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ ގަންޖު މަދަރުސާއަކީ އަލްގައިދާ އަދި ތާލިބާނުންނަށް ހަގުރާމަވެރިން ހޯދާ، އެމީހުން ތަމްރީންކޮށްދޭ މަދަރުސާއެއް ކަމަށެވެ.

މިއީ އެމެރިކާގެ ޓްރެޝަރީ އިން މަދަރުސާއަކާ ދެކޮޅަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ފުރަތަމަ ފަހަރެވެ.

ބީބީސީ އިން ބުނީ އެ މައްސަލާގައި އަދި ގަންޖު މަދަރުސާ އިން ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

ޔޫއެސް ޓްރެޝަރީ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާގެ މުއައްސަސާތަކުގެ އިހުތިސާސަށް ވަންނަ ގަންޖު މަދަރުސާގެ ހަރުމުދާ ހިފެހެއްޓުމުގެ ބާރު އެގައުމަށް ލިބިގެންދާ އިރު އެމެރިކާގެ ރައްޔިތުންނަށް ގަންޖު މަދަރުސާއާ އެކު އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ކުރުން މަނާވެގެންދާނެ އެވެ.

އެމެރިކާގެ ބަޔާނުގައި ބުނެފައި ވަނީ ގަންޖު މަދަރުސާގައި ޖާނުން ފިދާވުމުގެ ހަމަލާތައް ދިނުމަށް ހަނގުރާމަވެރިންނަށް ތަމްރީން ދެވިގެންދާ އިރު ބޮން ހެދުން ފަދަ ކަންކަމުގެ ތަމްރީން ވެސް އެމަދަރުސާގައި ހޮވާލެވޭ މީހުންނަށް ދެމުން އަންނަ ކަމަށެވެ.

ބީބީސީ އިން ބުނީ ގަންޖު މަދަރުސާގެ ވެރިޔާ އަބޫ މުހައްމަދު އަމީން އަލް ޕެޝާވަރީ އަކީ އަލް ގައިދާ އަދި ތާލިބާނަށް ތާއީދުކުރުމުގެ ސިޔާސަތުތަކެއް ގެންގުޅުމުގެ ސަބަބުން 2009 ވަނަ އަހަރުން ފެށިގެން އެމެރިކާ އަދި އދ. އިން ޓެރަރިސްޓެއްގެ ގޮތުގައި ކުލެސިފައިކޮށްފައިވާ މީހެއް ކަމަށެވެ.