މިޞުރުގައި ޝަރްޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްގައި ރައްޔިތުންގެ ސާފު އަޣްލަބިއްޔަތުން އިންތިޚާބު ކޮށްފައި އޮތް އިސްލާމީ ސަރުކާރާ ދެކޮޅަށް ބަޣާވާތް ގެނައުމަށް ފަހު، ބާޣީން ގެންދަނީ އެ ޤައުމުގެ އިސްލާމީ ރައްޔިތުންގެ ލެއިން ފެންކުޅި ކުޅެމުންނެވެ. ބަޣާވާތުގައި މަޤާމުން ދުރު ކުރެވުނު ޝަރްޢީ ރައީސް ޑޮކްޓަރ އަލްޙާފިޡްމުޙައްމަދު މުރްސީ އަނބުރައި މަޤާމަށް ރުޖޫޢަ ކުރުމަށް ގޮވައިލައި މުޒާހަރާ ކުރަމުން ދާ އެތައް ލައްކަ ރައްޔިތުންނާ ދެކޮޅަށް، ލާދީނީ ބާޣީ ސަރުކާރުގެ ސިފައިން ހަނގުރާމަ ކުރަމުން ދަނީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތިއެވެ.

19 ޖުލައި އާ ހަމަޔަށް ދިޔަ އިރު، ސިފައިންގެ ހަމަލާތަކުން މަރު ވި ރައްޔިތުންގެ އަދަދު 1200 އަށް އަރައިފައިވާ ކަމަށް، ޚުދު މާފިއާ ސަރުކާރުން ވެސް ބުނެއެވެ. ނަމަވެސް ޙަޤީޤަތުގައި ޝަހީދު ކޮށްލެވުނު މީހުންގެ ޢަދަދު އުޅެނީ 3500 އަށް ވުރެ މަތީގައެވެ. ޒަޚަމް ވީ މީހުންގެ ޢަދަދު އުޅެނީ10000 އާއި 15000 އާ ދެމެދުގެ ޢަދަދެއްގައެވެ.

ބާޣީ ޓެރަރިސްޓުންގެ އަނިޔާވެރިކަން އެންމެ ފަހުން ފެނިގެން ދިޔަ އެއް ހާދިސާ އަކީ މިދިޔަ ހޮނިހިރު ދުވަހު ޤާހިރާގެ ރާމްސިސް މައިދާނުގައި ހުންނަ މަސްޖިދުލް ފަތަޙްގައި ހިންގި ޖަރީމާތަކެވެ. އޭގެ ކުރީ ހުކުރު ދުވަހު މުޒާހަރާ ކުރި މުސްލިމުންނާ ދެކޮޅަށް ސިފައިންނާއި ފުލުހުން ބަރު ހަތިޔާރާ އެކު ކުރިމަތިލައި މުޒާހަރާތައް ރޫޅައިލުމުން، މުޒާހަރާތަކުގެ ބައިވެރީންގެ ތެރެއިން 700 ވަރަކަށް މީހުން ރައްކައުތެރިކަން ހޯދީ ފަތަޙް މިސްކިތުގެ ތެރެއިންނެވެ. އެއާއެކު، ސިފައިންނާއި ފުލުހުން އެމީހުންނަށް ތާއީދު ކުރާ ލާދީނީ ގުންޑާއިންގެ ޖަމާޢަތްތައް ވެސް ގޮވައިގެން އައިސް މިސްކިތް ޙިސާރު ކުރިއެވެ. އެއް ދުވަސް ވާންދެން މިސްކިތް ވަށައިލައިގެން ތިބުމަށް ފަހު، ހޮނިހިރު ދުވަހުގެ އިރު އޮއްސިގެން ދިޔަ ވަގުތު ސިފައިން ވަނީ މިސްކިތުގެ ތެރެއަށް ބަޑި ޖަހައި، ގަދަބަދަވިކަމާ އެކު މިސްކިތަށް ވަދެގަނެ،މިސްކިތުގައި ތިބި މީހުންނަށް އަނިޔާކޮށް، ތަޅައި ރޯނާ ގަންނަވައި، އެތައް ބަޔަކު ހައްޔަރު ކޮށްފައެވެ. މިކަން ކުރުމަށް ޓަކައި ދެއްކި ދޮގުވެރި ބަހަނާއަކީ، މިސްކިތުގެ ތެރެއިން ބޭރުގައި ތިބި ފުލުހުންނާއި ސިފައިންނަށް ބަޑީން ޙަމަލާ ދޭން ފަށައިފި ކަމަށް ބުނެ ފެތުރި ޕްރޮޕެގެންޑާއެވެ.މި ކަންތައްގަނޑުގެ ތެރޭގައި، މުސްލިމުންނާ ދިމާކުރީ ހަމައެކަނި ބާޣީ ސިފައިންނާއި ފުލުހުންނެއް ނޫނެވެ. އެމީހުންނާ އެކު ތިބި ލާދީނީ ގުންޑާއިން ވެސް ގެންދިޔައީ މިސްކިތުން ނެރެވުނު މުސްލިމުންނާ ދިމާކޮށް، އަނިޔާ ކޮށް، ހުތުރު އެއްޗެހި ގޮވައި، ފުރައްސާރަ ކުރަމުންނެވެ.

މިޞުރުގެ ޓެރަރިސްޓް ސަރުކާރުން މިހާރު ތަޢާރަފު ކޮށްގެން އުޅޭ އެއް ސިޔާސަތަކީ މުޒާހަރާތަކުގެ ތެރޭގައި ތިބޭ އިޚްވާނުލް މުސްލިމޫން ޖަމާޢަތުގެ ލީޑަރުންގެ ބޭފުޅުންނާއި ގާތް ޢާއިލީ މެންބަރުން އަވަހާރަ ކޮށްލުމަށް ޓަކައި އަމާޒަށް ބަޑިޖަހާ ސްނައިޕަރުން ބޭނުން ކުރުމުގެ ސިޔާސަތެވެ. ކެނެޑާގެ ޓޮރޮންޓޯގައި ނެރޭ އިސްލާމީ މަޖައްލާއެއް ކަމަށް ވާ "ކްރެސެންޓް" ގެ އޮންލައިން އެޑިޝަނުގައި ބުނެފައި ވާ ގޮތުގައި، ބަޣާވާތަށް ފަހު، ޓެރަރިސްޓް ޢަސްކަރިއްޔާއިން ވަނީ މިގޮތުގެ މަތީން އިޚްވާނުގެ ލީޑަރުންގެ ދަރިދަރިކަލުން ނުވަތަ ދަރިދަރިކަނބަލުންގެ މަދުވެގެން އަށް ބޭފުޅަކު ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި މުޙައްމަދުލް ބަލްތާޖީގެ ޢުމުރުން 17 އަހަރު ވީ ދަރިކަނބަލުން އަސްމާ އަލްބަލްތާޖީ އާއި، އިޚްވާނުގެ ބާނީ އަދި މަޝްހޫރި އިސްލާމީ ޢާލިމް އަދި މުޙައްރިކު އައްޝަހީދު ޙަސަން އަލްބަންނާގެ ކާފަދަރިކަލުން ޚާލިދް އަލްބަންނާ ހިމެނިވަޑައިގަނެއެވެ.މި ލިސްޓަށް އެންމެ ފަހުން އިތުރު ވީ ބޭފުޅަކީ އިޚްވާނުލް މުސްލިމޫން ޖަމާޢަތުގެ މުރްޝިދް މުޙައްމަދު ބަދީޢުގެ ދަރިކަލުން ޢައްމާރު މުޙައްމަދު ބަދީޢެވެ. އޭނާ އަވަހާރަ ކޮށްލައިފައި ވަނީ ހޮނިހިރު ދުވަހު، ރާމްސިސް މައިދާނުގައި އޮތް އެއްވުމުގެ ތެރޭގައި ހުންނަވަނިކޮށެވެ. ސްނައިޕަރުންގެ ޙަމަލާއަކުންނެވެ.

ބަޣާވާތަށް ފަހު، ޓެރަރިސްޓްމާފިއާ ސަރުކާރުގެ އަނދިރި ޖަލުގޮޅިތަކަށް އިޚްވާނުލް މުސްލިމޫންގެ ލީޑަރުންނާއި މުޙައްރިކުންނާއި، ބަޣާވާތާ ދެކޮޅަށް ނުކުތް މުސްލިމުންގެ އެތައް ހާސް ބަޔަކު ވަނީ ކޮއްޕައިލެވިފައެވެ. މިޞުރުގެ ޖަލުތަކަކީ އެމެރިކާގެ ސީއައިއޭގެ އެންމެ ޒަމާނީ "ޓޯޗަރ ޓެކްނިކްސް" ބޭނުން ކޮށްގެން މީހުންނަށް ވޭންދެނިވި އަނިޔާ ކުރުމުގައި މަޝްހޫރު ތަންތަނެވެ. އެހެންކަމުން، ހައްޔަރު ކުރެވުނު އެތައްހާސް މުސްލިމުންނެއްގެ ޙާލަތާ މެދު ރޮއި ކަރުނަ އޮހޮރާ ބަޔަކު ރޮއި ކަރުނަ އޮހޮރާން ވީއެވެ.އެއިން މީހަކު ދެން ވަން ޙާލުގައި އެއިން ގޮޅިއަކުން ނުކުތުމަކީ ނާދިރު ކަމެކެވެ.

ޖަލަށް ލެވުނު އެތައް ހާސް މުސްލިމުންގެ ތެރެއިން 36 މީހަކު ޖަލުން ފިލާން އުޅުނު ކަމަށް ބުނެ މަރައިލި މައްސަލައެއް ވެސް މިހާރު ވަނީ ފެންމަތި ވެފައެވެ. މިކަމާ ގުޅިގެން ވެސް ޓެރަރިސްޓް ބާޣީ ސަރުކާރުން ހަދަނީ ދޮގެވެ. އެކަން އެނގޭ އެންމެ ބޮޑު އެއް ހެއްކަކީ އެ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ދެ ފަހަރު ދެގޮތަކަށް، ދެކޮޅު ނުޖެހޭ ގޮތަށް ދައްކަމުން ގެންދާ ފުށުއަރާ ވާހަކަތަކެވެ. އެ ވުޒާރާގެ އެއް ބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގައިފައި އޮވެދާނެ ކަމަށެވެ. އަނެއް ބަޔާނުގައި ބުނެފައި ވަނީ ޖަލުން ފިލާން އުޅުނު އިޚްވާނުގެ ޤައިދީންތަކަކާ ޖަލުގެ ފާރިސުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ޤައިދީން ޒަޚަމް ވީ ކަމަށާއި، މީހަކު މަރު ވެފައި ނުވާ ކަމަށެވެ.

އަނެއްކޮޅުން، ބާޣީ ޓެރަރިސްޓް ސަރުކާރުގެ މުގުލުގައި ހުންނެވި، ޢަސްކަރީ ކޮމާންޑަރ ޖެނެރަލް ޢަބްދުލްފައްތާޙު އައްސީސީ ވަނީ އިޚްވާނާ ދެކޮޅަށް އައު އިންޒާރެއް ނެރުއްވައިފައެވެ. "އަހަރެމެން އަމިއްލަ ނަފުސުތައް މަތަކޮށް ކެތްތެރިކަން އިސް ކޮށްގެން މި ތިބޭ ތިބުން ވަކި ހިސާބަކަށް ދިޔައިމާ ދެމިއެއް ނޯންނާނެ. އިތުރު ހަމަލާތަކެއް އަހަރެމެން ތަހައްމަލެއް ނުކުރާނަން. އަހަރެމެން ދެން އެމީހުންނާ ބައްދަލު ކުރާނީ ފުރިހަމަ ބާރާ އެކު. އެ ހަމަލަތައް ދޭ މީހުން ބޭނުން ވަނީ މިޞުރު ހަލާކު ކޮށްލާން." އާދީއްތަ ދުވަހުގެ ރޭ މިޞުރުގެ ސަރުކާރުގެ ޓީވީ މެދުވެރި ކުރައްވައި ދެއްވި ބަޔާނެއްގައި އައްސީސީ ވިދާޅުވިއެވެ.

މިދިޔަ ދެ ހަފުތާގެ ތެރޭގައި ޖެނެރަލް އައްސީސީ އާއި އޭނާގެ ޓެރަރިސްޓް މާފިއާ ސަރުކާރާއި ބާޣީ ލަޝްކަރު "އަމިއްލަ ނަފުސު މައިތިރި ކޮށްގެން، ކެތްތެރިކަން ކުރިޔަށް ނެރެގެން ތިބި" ވާހަކަ އެއީ އައްސީސީގެ މޮޅު ބުއްދިފުޅަށް ކިހިނެއް އައި ވާހަކައެއްތޯ، މި ސުވާލާ މެދު ބޮޑެތި ބަހުސްތައް ވެސް ކުރާން ވީއެވެ. އައްސީސީގެ ފިރްޢައުނީ ލަޝްކަރުތަކުން، ވެއަތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި މިޞުރުގެ މަގުތަކަށް ބަރު ހަތިޔާރާ އެކު ނުކުމެ، ތިންހާހަށް ވުރެ ގިނަ މުސްލިމުންގެ ފުރާނަ ދުއްވައިލައި ފަނަރަވަރަކަށް ހާސް މުސްލިމުން ޒަޚަމްކޮށް ބިންމައްޗަށް އަޅައިލި އިރު، އޭނާ އޮންނެވީ "ހިނދުކޮޅުގައި" ތޯއްޗެކެވެ! ނުވަތަ މިޞުރުގެ މަގުތަކުގައި ވާނުވާ ބެއްލެވުމެއް ނެތި، ޓީވީ ނިއްވައިލައްވަވައިގެން "ބިރެއް ނެތި މަޖާ ކުރެއްވުމުގެ" ދިގު ޗުއްޓީއެއްގައިތޯއްޗެކެވެ!ނުވަތަ އޭނާއަކީ ސިކުނޑީގެ ސީރިއަސް މައްސަލައެއް ހުރި ބޭފުޅެއް ތޯއްޗެކެވެ!

އިޚްވާން އުވައިލާ!
މި ކަންތައްގަނޑުގެ ތެރޭގައި އިވިގެން ދިޔަ އެންމެ ހިނި އަންނަ ޒާތުގެ އެއް ޚަބަރަކީ މިދިޔަ ހޮނިހިރު ދުވަހު ޢާއްމު ވި ޚަބަރެކެވެ. އެ ޚަބަރުގައި ބުނެފައި ވަނީ، އިޚްވާނުލް މުސްލިމޫން ޖަމާޢަތަކީ ޣައިރުޤާނޫނީ ޖަމާޢަތެއް ކަމަށް އަނެއްކާވެސް ކަނޑައަޅައި، އެ ޖަމާޢަތް ރޫޅައިލާން ޖެހޭ ކަމަށް މިޞުރުގެ ބާޣީ ބޮޑުވަޒީރު ހާޒިމް އަލްބިބްލާވީ ވިދާޅުވި ވާހަކައެވެ. ހަމަ އެ ދުވަހު، ސަރުކާރުގެ ތަރުޖަމާނެއް ކަމަށް ވާ ޝަރީފް ޝައުޤީ ރޮއިޓަރޒްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ސަރުކާރުން ގެންދަނީ އަލްބިބްލާވީގެ ހުށަހެޅުމާ މެދު ސީރިއަސްކޮށް ވިސްނަމުންނެވެ.

1954 ވަނަ އަހަރު، އެއިރު މިޞުރުގެ ރިޔާސަތުގައި އިންނެވި ޖަމާލް ޢަބްދުއްނާޞިރުގެ ލާދީނީ އަސްކަރީ ސަރުކާރުން ވެސް އިޚްވާނުލް މުސްލިމޫން ޖަމާޢަތަކީ ޣައިރުޤާނޫނީ ޖަމާޢަތެއް ކަމަށް ކަނޑައެޅިއެވެ. އިޚްވާނުގެ މެންބަރުން ހާހުންހާހުން ކަތިލައި، ޖަމާޢަތުގެ ލީޑަރުން ހައްޔަރުކޮށް ޖަލަށް ލައި ވޭންދެނިވި އަނިޔާތައް ދީ އަވަހާރަ ކޮށް ހެދިއެވެ. އިޚްވާނުގެ މަޝްހޫރު ލީޑަރެއް ކަމަށް ވާ، އަދި މި ޒަމާނުގެ އިސްލާމީ ދުނިޔެ ދުށް އެންމެ މަތިވެރި އެއް ޢާލިމް، މުފައްސިރު އަދި މުފައްކިރު އައްޝަހީދު ސައްޔިދު ޤުޠުބް ދަން ޖައްސައި އަވަހާރަ ކޮށްލީ ވެސް އަނިޔާގެ މި ދިގު ސިލްސިލާގެ ތެރޭގައެވެ. 1966 ގައެވެ.

މިޞުރުގެ ސިޔާސީ ޙަރަކާތްތަކުގެ ތެރެއަށް ފާޅުކަން ބޮޑު ގޮތެއްގައި އިޚްވާން އަނެއްކާވެސް މަޑުމަޑުން ވަންނާން ފެށީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއިރުވެސް އިޚްވާނުލް މުސްލިމޫން އޮތީ ޤާނޫނީ ޙައިޘިއްޔަތެއް ނެތް ޖަމާޢަތެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރު ބޭއްވުނު ބަރުލަމާނީ އިންތިޚާބުގައި އިޚްވާނުގެ މެންބަރުން ވާދަ ކުރީ ވެސް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ. އެ އިންތިޚާބުގައި އިޚްވާނުގެ މިނިވަން ކެންޑިޑޭޓުން މިޞުރުގެ ޤާނޫނު ހަދާ މަޖިލިހުގެ 20 އިންސައްތަ ކާމިޔާބު ކުރިއެވެ. އެއީ ޖުމުލަ 88 ގޮނޑިއެވެ.

މި ކާމިޔާބީ ވެގެން ދިޔައީ އެއިރުގެ ރައީސް ޙުސްނީ މުބާރަކާއި، އޭނާގެ ލާދީނީ ސަރުކާރުގެ ވެރީންގެ ނިގުލުގައި އަލިފާން ރޯވުން ކަހަލަ ކަމަކަށެވެ. އެހެންކަމުން، މުބާރަކުގެ ސަރުކާރުން އިޚްވާނާ ދެކޮޅަށް އަނިޔާވެރިކަމާއި ބަލިކޮށް ނިކަމެތި ކޮށްލުމުގެ ވަރުގަދަ އައު ޙަރަކާތްތަކެއް ފެށިއެވެ. މި ޙަރަކާތުގައި ވެސް އިޚްވާނުގެ އެތައް މުޙައްރިކުންނެއް މަރައިލައި، އެތައް ސަތޭކަ މެންބަރުން ޖަލަށް ލައި، އެންމެ ނުބައި ޒާތްޒާތުގެ އަނިޔާތައް ދީފައި ވެއެވެ. އިޚްވާނުގެ ލީޑަރުން ހައްޔަރު ކޮށްގެން، ޖަމާޢަތުގެ ޤިޔާދަތާއި ޒަޢާމަތު ފުނޑުފުނޑު ކޮށްލާން އެތައް މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. އަނިޔާގެ މި ފަހަރުގެ ސިލްސިލާ ނިމުމަކަށް އައީ މުބާރަކުގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް 2010 ވަނަ އަހަރުގެ ފަހުކޮޅު ރައްޔިތުން ކެކިއަރާން ފެށުމުންނެވެ.

އިޚްވާނުލް މުސްލިމޫނަށް ޤާނޫނީ ޙައިޘިއްޔަތު ލިބުނީ 2011 ވަނަ އަހަރުގެ އިންޤިލާބަށް ފަހުގައެވެ. މުބާރަކުގެ ޚުދުމުޚުތާރު ސަރުކާރު ވެއްޓުމަށް ފަހުގައެވެ.

އިޚްވާނުލް މުސްލިމޫން މަނާ ކޮށް، އެއީ ޣައިރުޤާނޫނީ ޖަމާޢަތެއް ކަމަށް، ނުވަތަ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ހަދާން ލާދީނީ ބާޣީން ވިސްނާން ފެށުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. މިއީ އިސްލާމް ދީނަށް ނަފްރަތު ކުރާ ލާދީނީ، ޢަލްމާނީ އަނިޔާވެރީން އަބަދުވެސް މަސައްކަތް ކުރާ ގޮތެވެ. އެމީހުންގެ މަންހަޖަކީ އަބަދުވެސް މުސްލިމުންގެ ބޮލުގައި ޙައްދު ފަހަނައެޅީންނޭ، ނިރުބަވެރި ޓެރަރިސްޓުންނޭ ކިޔައި ދޮގު ތުހުމަތުތައް އަޅުވައި، އިސްލާމީ ޙަރަކާތްތައް ފިއްތައި ނިކަމެތިކޮށް، އެ ޙަރަކާތްތަކަށް ޤާނޫނީ ޙައިޘިއްޔަތު ނުލިބޭ ގޮތަށް ކަންތައްތައް ކުރުމެވެ.

ޕްރޮޕެގެންޑާ
އިސްލާމީ އުއްމަތާ ދެކޮޅަށް، އިސްލާމް ދީނުގެ ޢަދުއްވުން މިއަދު ގެންގުޅޭ އެންމެ ވަރުގަދަ ހަތިޔާރަކީ ޕްރޮޕެގެންޑާގެ ހަތިޔާރެވެ. މި ހަތިޔާރަކީ ޓޭންކަރާއި ކްލަސްޓަރ ބޮމާއި ބީ ފަންސާސް ދޭއްގެ މަތިންދާބޯޓުތަކާއި ފާޑުފާޑުގެ މިސައިލްތަކަށް ވުރެ ގެއްލުން ބޮޑު، އެއަށްވުރެ ރަނގަޅަށް ނަތީޖާ ނެރެދޭ ހަތިޔާރެކެވެ.

ޕްރޮޕެގެންޑާގެ ހަތިޔާރަކީ އޭގެ އެތައް މޮޑެލެއް ހުންނަ ހަތިޔާރެކެވެ. ދޮގު ފެތުރުމާއި، ތެދު ފޮރުވުމާއި، ދެބައިކުޅައެއްބައި ތެދު ހާމަ ކުރުމާއި، ކުށް ދެއްކުމާއި، އިސްތިސްނާ ޙާލަތުތަކަކީ ޢާއްމު އުޞޫލުތަކެއް ކަމަށް ދެއްކުމާއި، ޢާއްމު އުޞޫލުތަކަކީ އިސްތިސްނާތަކެއް ކަމަށް ދެއްކުން ފަދަ އެތައް ގޮތަކަށް މި ހަނގުރާމަ ކުރެވެއެވެ. މިޞުރުގެ ބާޣީ ޓެރަރިސްޓް ސަރުކާރުން ގެންދަނީ މި ހުރިހާ ހަތިޔާރުތަކެއް، އިޚްވާނުލް މުސްލިމޫނާ ދެކޮޅަށް ބޭނުން ކުރަމުންނެވެ.

ޕްރޮޕެގެންޑާގެ ހަތިޔާރުތަކުގެ ތެރެއިން ފަހަކަށް އައިސް އެންމެ ޢާއްމު ވެފައި ވާ އެއް ހަތިޔާރަކީ ދީނުގެ ޢަދުއްވުންގެ އަނިޔާވެރިކަމާއި ޙަމަލާތައް އެ ބަޔަކަށް އަމާޒު ކުރެވޭ، އަދި އެ ޙަމަލާތަކުގެޝިކާރައަކަށް ވެގެންދާ މުސްލިމުން "ޑީމަނައިޒް" ކުރުމުގެ އުކުޅެވެ. މި އުކުޅު ބޭނުން ކުރާ އިރު ހަދާ ގޮތަކީ، އެއުރެންގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދު ވާ މުސްލިމުންނަކީ ހަރުކަށި، ރަޙުމު ކުޑަ، ތަހުޒީބު ނުވާ، ޙައްދު ފަހަނައަޅައިފައި ތިބޭ، ލާއިންސާނީ، ޢިލްމެއް ނެތް، ނުވިސްނޭ، ޓެރަރިސްޓް ބައިގަނޑުތަކެއް ކަމަށް ސިފަ ކޮށް ދޮގު ވާހަކަތައް ހަދަހަދައިގެން ފެތުރުމެވެ. މި ވާހަކަތައް ފަތުރަނީ އެއުރެންގެ ބާރުގެ ދަށުގައި ހުންނަ މީޑީއާގެ އެކިއެކި ވަސީލަތްތަކާއި ޢިލްމީ ސާރކަލްތަކާއި ދެންވެސް މަޢުލޫމާތު ފެތުރުމުގެ އެކިއެކި ވަސީލަތްތަކުގެ އެހީގައެވެ. މިފަދަ ދޮގު ދަޢުވާތަކުގެ ސަބަބުން، އެއުރެންގެ ބަޑިތަކުގެ އަމާޒަކަށް ވާ މުސްލިމުންނަކީ ޝައިޠާނުންތަކެއް ފަދަ ނުބައި ބައެއް ކަމުގެ ވިސްނުމާއި، އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ދުނިޔެއާއި އިންސާނިއްޔަތުގެ ސަލާމަތާއި ރައްކައުތެރިކަމާއި އަމާންކަމަށް ޓަކައި ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމުގެ ވިސްނުން ފެތުރިގެން ދެއެވެ. އެއަށްފަހު، އެއްކަލަ މުސްލިމުން ކަތިލެވި އެ މީހުންގެ ލޭގެ ކޯރުތައް ދަމައިލުމަށް ފަހުގައި "އެމީހުންނަށް ލިބުނީ ހަމަ ޙައްޤު އަދަބޭ، އެމީހުންނަކީ ޓެރަރިސްޓުންނޭ" މިހެން ބުނެގެން ސަލާމަތް ވެގަނެވެއެވެ.

އިސްލާމް ދީނާއި މުސްލިމުންގެ ޢަދުއްވުންގެ ތެރެއިން، މި ނުރައްކައުތެރި އަދި މަކަރުވެރި ހަތިޔާރު އެންމެ ފުރިހަމައަށް ބޭނުން ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި އިސްރާއީލު ހިމެނެއެވެ. ތާރީޚަށް ބައްލަވާށެވެ! އިސްރާއީލުން ފަލަސްޠީނުގެ ޅަދަރީންނަށް ދާންދެން އެންމެ ޒަމާނީ ހަތިޔާރުތަކުގެ އެހީގައި ކަތިލަމުން ދާއިރު، އެ ކުދީންވެސް މި ވަނީ "ޓެރަރިސްޓުންނާ" ދެކޮޅަށް އިސްރާއީލު ކުރާ ދިފާޢީ ހަނގުރާމައިގެ ތެރޭގައި މަރުވާ ބަޔަކަށެވެ.

މިޞުރުގެ ބާޣީ ޓެރަރިސްޓުން ވެސް ބޭނުން ކުރަމުން ގެންދަނީ ހަމަ މިފަދަ އުކުޅުތަކެވެ. އެމީހުން ދަޢުވާ ކުރާ ގޮތުގައި، މިޞުރުގެ ރައްޔިތުން މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއްގައި ހޮވި އިސްލާމީ ސަރުކާރު ބަޣާވާތަކުން ވައްޓައިލުމުން އެކަމާ ދެކޮޅަށް ޝުޢޫރު ފާޅު ކުރާން ނުކުތް މުސްލިމް ރައްޔިތުންނަކީ "ޓެރަރިސްޓުން" ނެވެ. ޤާނޫނާ ޚިލާފަށް، ޤާނޫނު މުގުރާން ނުކުމެގެން އުޅޭ"އައުޓްލޯވ" ތަކެކެވެ. ޙައްދުފަހަނައަޅައިފައި ތިބި "އެކްސްޓްރީމިސްޓްސް" އެވެ. މުސްލިމުންގެ މުޒާހަރާތަކަކީ "ބްރޫޓަލް ޓެރަރިސްޓް ޕްލޮޓް" އެކެވެ. އެ "ޓެރަރިސްޓުން" ނާ ދެކޮޅަށް ރުކުރުވިގެން ތިބި ސިފައިންނާއި ފުލުހުންނަކީ، ބާޣީ ޓެރަރިސްޓް ސަރުކާރުގެ ބަހުގައި "ގްރޭޓް އިޖިޕްޝަން ފޯރސަސް" އެވެ.

އަޅުގަނޑު މި ދެންނެވި ލަފުޒުތަކާއި ޢިބާރާތްތަކަކީ އަމިއްލަ ޚިޔާލުން ނެރެގެން ބޭނުން ކޮށްފައި ވާ ޢިބާރާތްތަކެއް ނުވަތަ ލަފުޒުތަކެއް ނޫނެވެ. މި ލަފުޒުތަކާއި ޢިބާރާތްތަކަކީ ބާޣީ މާފިއާ ސަރުކާރުގެ ރިޔާސަތާއި، ދާޚިލީ ވުޒާރާ އާއި، ޚާރިޖީ ވުޒާރާ އާއި، ޢަސްކަރިއްޔާއިން ނެރެމުންދާ ބަޔާންތަކާއި، ބަސްދީގަތުންތަކާއި، ނޫސް ކޮންފަރެންސްތަކުގައި ބޭނުން ކޮށްފައި ހުރި ލަފުޒުތަކާއި ޢިބާރާތްތަކެވެ. ބާޣީ ސަރުކާރުގެ ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމާއި، ޚާރިޖީ ވަޒީރު ނަބީލް ފަހުމީ ފަދަ ބޭބޭފުޅުން ބޭނުންފުޅު ކުރައްވަމުން ގެންދަވާ ލަފުޒުތަކާއި ޢިބާރާތްތަކެވެ. މީގެ އެއް މިސާލަކީ މިދިޔަ ހޮނިހިރު ދުވަހު އޮތް ނޫސް ކޮންފަރެންސެއްގައި، ބާޣީ ރައީސް ޢަދުލީ މަންޞޫރުގެ މުސްތަޝާރު މުސްޠަފާ ޙިޖާޒީ ދެއްކެވި ވާހަކަތަކެވެ. "އަހަރެމެން މި ކުރާ ހަނގުރާމައަކީ ހައްދުފަހަނައަޅައިފައި ވާ ބާރުތަކުން ފަށައިފައިވާ ހަނގުރާމައެއް. ކޮންމެ ދުވަހަކާ އެކު އެ ހަނގުރާމަ ދަނީ ޓެރަރިސްޓް ހަނގުރާމައެއްގެ ސިފަ އިޚްތިޔާރު ކުރަމުން. ޙައްދުފަހަނައަޅައިފައި ވާ ބާރުތަކުން ގެންދަނީ އުޖާލާ އަދި އަލި މުސްތަޤުބަލަކަށް އަހަރެމެން ކުރާ ދަތުރު ޚަރާބު ކޮށްލައި، އެ ދަތުރު ހުއްޓުވައިލާން މަސައްކަތް ކުރަމުން. އެމީހުންގެ މަޤްޞަދަކީ މިޞުރުގެ މުޅި ދައުލަތް ފޭލި ކޮށްލުން." ޙިޖާޒީ ވިދާޅުވިއެވެ. ޙިޖާޒީގެ ވާހަކަފުޅު ނިންމަވައިލެއްވީ "މައްސަލަ ޙައްލު ކުރާނީ ސަލާމަތީ ބާރުތަކާ އެކު ޤާނޫނީ އިމުގެ ތެރޭގައި" ކަމަށް ވިދާޅުވަމުންނެވެ.

ޙިޖާޒީގެ މި ދެއުޅިއެއްނުވާ، އަޖާއިބެއް ފަދަ ތަސައްރަފު ނުފުދޭ ވާހަކަތަކަށް އެންމެ ރަނގަޅު ޖަވާބެއް ދެއްވީ ތުރުކީ ވިލާތުގެ މުސްލިމް ބޮޑުވަޒީރު، ރަޖަބް ޠައްޔިބު އުރްދުޣާނެވެ. "މިޞުރުގެ ރައްޔިތުން އެދެމުން ދަނީ އެ މީހުންގެ ވޯޓަށް އިޙުތިރާމު ކުރުމަށް. އެކަމަކު ބައެއް މީހުން އެ ރައްޔިތުން ސިފަ ކުރަނީ ޓެރަރިސްޓް ނިރުބަވެރީންގެ ގޮތުގައި. ނަމަވެސް އަޅުގަނޑު މި ދަންނަވަނީ، މިޞުރުގައި މިހާރު ޓެރަރިޒަމް ހިންގަމުން ގެންދަނީ އެ ޤައުމުގައި އޮތް ސަރުކާރުން. މިހާރު މިޞުރުގައި ހިނގާ ކަމަކީ ސަރުކާރީ ޓެރަރިޒަމް." ޙިޖާޒީގެ ވާހަކަ ޢާއްމު ވިތާ ގަޑިތަކެއްގެ ފަހުން، ތުރުކީގެ ބުރްސާގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވިއެވެ.

ބާޣީ ޓެރަރިސްޓުންގެ އަނެއް މަކަރަކީ އެމީހުންގެ ޙަމަލާތަކުގައި މަރު ވާ، އަދި ޒަޚަމް ވާ ޢާއްމު ރައްޔިތުންގެ ޢަދަދުތައް އޮޅުވައިލުމެވެ. 19 އޯގަސްޓާ ހަމަޔަށް މަރު ވި މީހުންގެ ޢަދަދަކީ 1200 ކަމަށް ސަރުކާރުގެ އިދާރާތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިނިވަން، އިންސާފުވެރި އެއްވެސް އިދާރާއަކުން މި ބުނުން ޤަބޫލެއް ނުކުރެއެވެ. ބައިނަލްއަޤްވާމީ މުޙައްލިލުންނާއި އިންސާނީ ޙައްޤުތަކަށް ޓަކައި މަސައްކަތް ކުރާ މުޙައްރިކުން ގެންދަނީ މި މަޢުލޫމާތު ދޮގު ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ގޯހެއް
އެންމެ ބޮޑަށް ދެރަ ވެ ހިތާމަ ކުރާން ޖެހޭ އެއް ކަމަކީ، މިޞުރުގެ ބާޣީ ޓެރަރިސްޓް ސަރުކާރުން އެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް ފަތުރާ ޕްރޮޕެގެންޑާ، ހުޅަނގުގެ މީޑިއާ އިދާރާތަކުން ފެތުރުމުން، ދިވެހިރާއްޖެ ފަދަ އިސްލާމީ ޤައުމުތަކުގެ މީޑިއާގައި އެ ދޮގުތައް ތަކުރާރު ކުރަމުން ދާ ކަމެކެވެ. އަޅުގަނޑުމެންގެ މީޑިއާގައި ލިޔާ ޚަބަރުތަކާއި ރިޕޯޓުތަކުގައި އެ ޕްރޮޕެގެންޑާގެ ލަގަން އެޅުވިފައި ވާ ކަމެވެ. އަޅުގަނޑުމެންގެ ނޫސްތަކުން "ރޮއިޓަރޒް" އާއި "އޭއެފްޕީ" ފަދަ ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކަކީ މަޞްދަރުތަކެއް ކަމަށް ބަލާހައި ހިނދަކު، މިކަން އޮންނާނީ މި ގޮތަށެވެ.

މިޞުރުގެ ނިކަމެތި މުސްލިމުންނަށް ޖެހެމުންދާ ޙާލު ފުރިހަމައަށް ބަޔާން ކޮށް، އެމީހުންގެ ޙައްޤުތަކުގެ ދިފާޢުގައި އަޑު އުފުލުމުގައި އަޅުގަނޑުމެންގެ މީޑިއާ ވެސް މި ވަނީ ވަރަށް ބޮޑަށް ފޭލި ވެފައެވެ. މިސާލުތަކެއް ދަންނަވައިލާނަމެވެ.

އެއް ކަމަކަށް، ބާޣީ ސަރުކާރުގެ ހިތެއްފިތެއް ނެތް އަނިޔާވެރި ޙަމަލާތަކުގައި މަރުވާ މުސްލިމުންގެ ޢަދަދާ މެދު ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް އަޅުގަނޑުމެންގެ މީޑިއާގައި ޝާއިޢު ކުރަމުންދާ ރިޕޯޓުތަކަކީ ޢަދުލީ މަންޞޫރުގެ ސަރުކާރުގެ އިދާރާތަކުން ހާމަ ކުރާ މަޢުލޫމާތެވެ. އެ މަޢުލޫމާތު ބާޣީ ސަރުކާރުން ހާމަ ކުރާ ގޮތަށް ހުޅަނގުގެ މީޑިއާ އިދާރާތަކާއި ދެންވެސް ބައެއް މެއިންސްޓްރީމް މީޑިއާ އިދާރާތަކުން ހާމަ ކުރުމުން، އަޅުގަނޑުމެން މި ގެންދަނީ އެ ދޮގު މަޢުލޫމާތު ފަތުރަމުންނެވެ. މަރު ވާ އަދި ޒަޚަމް ވާ ޢަދަދުތަކާ މެދު އިޚްވާނުގެ ފަރާތުން ހާމަކުރާ މަޢުލޫމާތު އެއްގޮތަކަށް ވެސް ގެނެސްދެވިފައެއް ނެތެވެ.

ދެވަނަ ކަމަކަށް، ދިވެހި މީޑިއާ ގައި ވެސް ވަރަށް ގިނަ ފަހަރު ދައްކަމުންދާ އެއް ވާހަކައަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން މިޞުރަށް އެމެރިކާއިން ދޭ 1.3 ބިލިއަން ޑޮލަރުގެ އެހީއެއްގެ ވާހަކައެވެ. މި އެހީގެ ވާހަކައާ އެކު، ދިވެހި މީޑިއާގައި ވެސް ވަނީ ހުޅަނގުގެ ނޫސްވެރީން ތަކުރާރުކޮށް ކުރަމުންދާ ދަޢުވާއެއް އެތައް ފަހަރަކު ނަކަލު ކޮށްފައެވެ. އެ ދަޢުވާއަކީ، ރައީސް މުރްސީގެ ސަރުކާރު ވައްޓައިލެވުނީ ބަޣާވާތަކުން ކަމަށް ޔޫއެސްއޭއިން ރަސްމީކޮށް ޤަބޫލު ނުކުރަނީ، އެގޮތަށް ރަސްމީކޮށް ކަނޑައަޅައިފި ނަމަ، އެއްކަލަ 1.3 ބިލިއަން ޑޮލަރުގެ އެހީ މިޞުރަށް ދިނުމުގައި ހުރަހެއް އެޅޭނޭތީ ކަމަށެވެ. އެހެނީ، ޔޫއެސްއޭގެ ޤާނޫނު އޮތް ގޮތުން، ޢަސްކަރީ ބަޣާވާތަކުން ވެރިކަމަށް އައިސްފައި އޮތް ކަމަށް ޔޫއެސްއޭގެ ސަރުކާރުން ކަނޑައަޅާ ޤައުމަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މަނާ ކަމެކެވެ.

މި ދަޢުވާ މިގޮތަށް ކުރުމަށް ފަހު އިތުރު ޝަރަޙައެއް ނުދީ ދޫކޮށްލުމުން، ދޭހަވާ މާނައަކީ މުރްސީގެ ސަރުކާރާ ދެކޮޅަށް ގެނައި ބަޣާވާތް އެއީ ބަޣާވާތެއް ކަމަށް ކަނޑައަޅައި، އެ ބަޣާވާތް ކުށްވެރި ކުރާން އެމެރިކާ ދެކޮޅު ހަދަނީ، މިޞުރުގެ ރައްޔިތުން ދެކެ ލޯބިން، މިޞުރަށް ވެދޭ އެހީ ކުރިޔަށް ގެންދިޔުމުގައި ހުރަހެއް އެޅުނަ ނުދޭން ކަމަށެވެ.

ނަމަވެސް ޙަޤީޤަތުގައި ކަން އޮތީކީ އެހެންނެއް ނޫނެވެ. ޔޫއެސްއޭއިން ދުވަހަކުވެސް މިޞުރުގެ ރައްޔިތުންނަށް ހެޔޮ އެދިގެން، މިޞުރު ދެކެ ލޯބިން އެންމެ ސެންޓެއް ވެސް އެ ޤައުމަކަށް ނުދެއެވެ. މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު މިޞުރަށް 1.3 ބިލިއަން ޑޮލަރުގެ އެހީ ޔޫއެސްއޭއިން ދީފައި ވަނީ، އެ ޤައުމުގައި އޮތް ލާދީނީ ސަރުކާރާއި، ޢަސްކަރިއްޔާއަށް ދޭ އެހީއެއްގެ ގޮތުގައެވެ. މި އެހީގެ މަޤްޞަދަކީ ލާދީނީ ޖަމާޢަތްތަކުގެ ބާރާއި ނުފޫޒު މިޞުރުގައި ދެމެހެއްޓުމެވެ. އަދި ރިޝްވަތުގެ ޒަރީޢާއިން އެމީހުން އަބަދުވެސް ޔޫއެސްއޭގެ ޖީބުތެރޭގައި ބެއިތިއްބުމެވެ. މިޞުރުގެ ޢަސްކަރިއްޔާއަށް ވެދޭ އެހީގެ ބޭނުމަކީ އެ ޢަސްކަރިއްޔާއަކީ އެމެރިކާގެ "ކަރިކިޔުލަމަށް" ކިޔަވައިދެވިފައި ވާ، އަދި އެމެރިކާގެ ފިކުރުތަކާ އެއްގޮތް ޤިޔާދަތެއް އޮންނަ ލަޝްކަރަކަށް ހެދުމެވެ. އިސްރާއީލާ ހަނގުރާމަ ކުރާނޭ އިސްލާމީ ފިކުރު ހުރި ލަޝްކަރަކަށް އެ ލަޝްކަރު ވިޔަނުދިނުމެވެ. ޚުދުމުޚްތާރު އަދި ލާދީނީ ލީޑަރެއް ކަމަށް ވާ ޙުސްނީ މުބާރަކު މިޞުރުގެ ވެރިކަމުގައި 30 އަހަރު ވާންދެން ހުންނެވީ މި ފައިސާތަކުގެ އެހީގައެވެ. މިއަދު މިޞުރުގައި އިންތިޚާބު ކުރެވުނު "ޑިމޮކްރެޓިކް" ސަރުކާރު ވައްޓައިލުމުގެ ބާރު އެ ޤައުމުގެ ލާދީނީންނަށް ލިބުނީ މި ދެންނެވި ފައިސާތަކުގެ ބާރުގައެވެ. އެހެންކަމުން، ޔޫއެސްއޭއިން މިޞުރަށް ދޭ އެހީތަކެއްގެ ވާހަކަ ދެއްކުމަކީ ޙަޤީޤަތުގައި ވަރަށް ބޮޑު އޮޅުވައިލުމެކެވެ.

މުރްސީގެ ސަރުކާރާ ދެކޮޅަށް ގެނައި ބަޣާވާތަކީ ބަޣާވާތެއް ކަމަށް ޤަބޫލު ކުރާން އެމެރިކާ ފަސް ޖެހެނީ، އަދި އެކަމަށް މުޅި ޔޫރަޕު ވެސް ފަސް ޖެހެނީ، އެ ބަޣާވާތަކީ އެމީހުންގެ ހިތްތަކާއި ރޫޙުތަކަށް ފިނިކަން ލިއްބައިދިން، އެމީހުން ލޮލުންބޮލުން އެކަމަކަށް އެދި، އެކަމަކަށް ޓަކައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދު ކުރި ކަމަކަށް ވާތީއެވެ. ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް މާނައެއް ހުރި ފިޔަވަޅުތަކެއް އަޅާކަށް އެމެރިކާ ވެސް، ޔޫރަޕު ވެސް ބޭނުމެއް ނުވެއެވެ. މީސްތަކުންގެ ލޯތަކުގައި އަނދުން އެޅުވުމަށް ޓަކައި، "މީހުން ނުމަރާށޭ، މީހުން މަރާ ނަމަ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމޭ، ޑިމޮކްރަސީއަށް އިޙުތިރާމް ކުރާށޭ، ޞުލްހަވެރި މުޒާހަރާތަކަށް ފުރުޞަތު ދޭށޭ، މީހުން މަރާ ނަމަ ޢަސްކަރީ ތަމްރީނުތައް ވެސް ކެންސަލް ކުރާނީއޭ" ކިޔައިގެން ދައްކާ ވާހަކަތަކަކީ އިނގިރޭސި ބަހުން ދަންނަވާ ނަމަ "ޑިސްހޮނެސްޓް ރެޓޮރިކް" އެވެ. ދޮގާއި ބާޠިލް އެއީ ތެދު ކަމަށް ހަދައި، ދުނިޔޭގެ ލޯތަކުގައި އަނދުން އަޅުވާން ވެގެން ދައްކާ މުނާފިޤު ވާހަކަތަކެވެ. ޢަސްކަރީ ތަމްރީނުތައް ކެންސަލް ކުރުން ފަދަ، މިޞުރުގެ ބާޣީންނަށް ޙަޤީޤީ ގެއްލުމެއް ނެތް ފިޔަވަޅުތައް އަޅަނީ ވެސް ދުނިޔޭގެ ލޯތަކުގައި އަނދުން އަޅުވާން ވެގެންނެވެ.

ކަން މިހެން އޮތުމާއެކު، އިސްލާމީ ދުނިޔޭގެ ކަންކަން ރިޕޯޓު ކުރުމުގައި ހުޅަނގުގެ މީޑިއާއަށް ބަރޯސާވުން ހުއްޓައިލައި، ޙަޤީޤަތް ހާމަ ކޮށްދިނުމަށް ޓަކައި އިސްލާމީ މީޑިއާ އިދާރާތަކުން މަޢުލޫމާތު ހޯދުމަކީ އަޅުގަނޑުމެންގެ ނޫސްވެރީން ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ.

ނަޞާރާއިންނާ ދެކޮޅު ހަރަކާތް
އިޚްވާނުލް މުސްލިމޫންގެ އަގު ވައްޓައިލައި، އެ ޖަމާޢަތަކީ ސަމާހަތްތެރިކަމެއް އަޚްލާޤެއް ނެތް، ހައްދުފަހަނައަޅައިފައި ވާ، ހަރުކަށި ޖަމާޢަތެއްކަން ދެއްކުމަށް ޓަކައި މިޞުރުގެ ބާޣީ ޓެރަރިސްޓް ސަރުކާރާއި، އެ ސަރުކާރުގެ ފަހަތުގައި ތިބި އިސްލާމީ ޤައުމުތަކުގެ މީޑިއާ އާއި ހުޅަނގުގެ މީޑިއާއިން ދޮގުވެރި ޕްރޮޕެގެންޑާތަކެއް ފަތުރަމުން ދާ އިރު، އޭގެ އެންމެ ނުރައްކައުތެރި އެއް ޕްރޮޕެގެންޑާ އަކީއިޚްވާނުގެ މެންބަރުންނާއިސަޕޯޓަރުން މިޞުރުގެ ކޮޕްޓިކް ކްރިސްޓިއަނުންގެ ފައްޅިތަކަށް ހަމަލަ ދީ، އެތަންތަން ތަޅައި ސުންނާފަތި ކުރަމުން ދާ ކަމުގެ ވާހަކައެވެ. ޤިބްޠީ ނަޞާރާއިންގެ ފައްޅިއަކަށް ގެއްލުން ދީފި ކަމުގެ ކޮންމެ ރިޕޯޓެއް، ހުޅަނގުގެ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް ދަނީ އަރުވަމުންނެވެ.

އިޚްވާނުލް މުސްލިމޫންގެ ފަރާތުން ތަކުރާރުކޮށް ބުނަމުން ގެންދަނީ އެ ޖަމާޢަތަށް ވީ ވަރަކުން، ނަޞާރާ ފައްޅިތަކާ ދެކޮޅަށް ހިންގާ ޙަރަކާތްތައް ހުއްޓުވާން މަސައްކަތް ކުރާ ކަމަށާއި، ފައްޅިތަކަށް ޙަމަލާ ދެމުންގެންދަނީ އެ ޖަމާޢަތުގެ މެންބަރުން ކަމަށް ހެދިގެން އުޅޭ ލާދީނީ ގުންޑާއިންގެ ގްރޫޕުތަކުން ކަމަށެވެ.

ޤިބްޠީ ނަޞާރާއިންނަކީ މިޞުރުގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތައެވެ. ބައިމަދު ޖަމާޢަތެއްގެ ގޮތުގައި ނަޞާރާއިން ވެއަތު ވެދިޔަ 1300 އަހަރު މިޞުރުގެ މުސްލިމުންގެ ތެރޭގައި އުޅުނީ އަމަންއަމާންކަމާ އެކުގައެވެ. ސްޕޭނުގެ ކްރިސްޓިއަނުން، ސިސިލީގެ ކްރިސްޓިއަނުން، ޕޯރޗުގަލްގެ ކްރިސްޓިއަނުން އެ ޤައުމުތަކުގެ މުސްލިމް އާބާދީ ތަޅައި މަރައި ކަތިލައި އަންދައި ހުސް ކުރި އިރު ވެސް، މިޞުރުގެ ބައިމަދު ޤިބްޠީން ނަޞާރާއިންނަށް އެ ޤައުމުގައި އަކްސަރިއްޔަތު އޮތް މުސްލިމުންގެ ފަރާތުން އޮތީ އަމާންކަމާއި އޯގާވެރިކަމެވެ. އިޚްވާނުލް މުސްލިމޫންގެ ދިގު ތާރީޚަށް ބަލައިލާ އިރު ވެސް، އެ ޖަމާޢަތުގެ ފަރާތުން އެއްވެސް އިރަކު ޤިބްޠީ ނަޞާރާއިންނާ ދެކޮޅު ސިޔާސަތެއް ގެންގުޅެފައެއް ނެތެވެ.

ކަން މިހެން އޮތުމާ އެކު ވެސް، މިޞުރުގައި 2011 ވަނަ އަހަރު އިޚްވާނުލް މުސްލިމޫންގެ ވެރިކަމެއް ޤާއިމު ވުމާ ގުޅިގެން، ލާދީނީ ޖަމާޢަތްތައް އެކަތިގަނޑަކަށް ވެ ހުޅަނގުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު އިސްލާމީ ރައީސް މުރްސީގެ ސަރުކާރާ ދެކޮޅަށް ފެށި ވަރުގަދަ ބާޣީ ހަރަކާތުގައި ޤިބްޠީ ނަޞާރާއިންބައިވެރި ވިއެވެ. ބަޣާވާތަކުން ރައީސް މުރްސީގެ ސަރުކާރު ވައްޓައިލުމުން އެކަމާ އެންމެ ފުރަތަމަ މަރުޙަބާ ވިދާޅުވި އެއް ބޭފުޅަކީ ޤިބްޠީ ނަޞާރާއިންގެ އިސް ލީޑަރު، އިސްކަންދަރިއްޔާގައި ހުންނަވާ ކޮޕްޓިކް ޕޯޕް ނުވަތަ އަލްބާބާ ތަވާޟުރޫސެވެ. ރައީސް މުރްސީގެ ވެރިކަން ވައްޓައިލުމަށް ޓަކައި "ޖޫން 30 ކޯލިޝަން" ހަދައިގެން، ޖޫން މަހުގެ 30 ވަނަ ދުވަހު މަގުތަކަށް ނުކުތް މީހުންގެ ތެރޭގައި ޤިބްޠީ ނަޞާރާއިންގެ އެތައް ލައްކަ ބަޔަކު ހިމެނުނެވެ. ބަޣާވާތަށް ފަހު، ބާޣީންނަށް ތާއީދު ކޮށް، އިޚްވާނުގެ މުޒާހަރާތަކަށް ޙަމަލާ ދިނުމަށް ނުކުންނަ ގުންޑާއިންގެ ތެރޭގައި ވެސް ޤިބްޠީ ނަޞާރާއިން ހިމެނެއެވެ.

މި ސަބަބަށް ޓަކައި އިޚްވާނުގެ މެންބަރުންގެ ތެރެއިން ޣީރަތްތެރިކަން ތަންކޮޅެއް ވަރުގަދަ މެންބަރުން ޙަޤީޤަތުގައި ވެސް ތިބީ ޤިބްޠީ ނަޞާރާއިން ދެކެ ނުހަނު ބޮޑަށް ރުޅި އައިސްފައެވެ. މިފަދަ ހާލަތުގައި އިޚްވާނުގެ އެތައް ލައްކަ މެންބަރުން ތިއްބައި، ލާދީނީ ޓެރަރިސްޓް ސަރުކާރުން އެމީހުންގެ އަޚުންނާއި އުޚުތުން، މައިންބަފައިންނާއި ދަރީން، އަދި ރަޙުމަތްތެރީންނާއި އެކުވެރީން ތަޅައި މަރައި، އެމީހުންގެ ލެޔާއި ކަރުނައިގެ ސައިލުތައް މުޅި ޤައުމުގައި ހިންގާން ފެށުމުން، އިޚްވާނުގެ ބައެއް މެންބަރުންގެ ކެތްތެރިކަން ކޮޅުން ލައި، ރުޅި އިސްކޮށް، ބަދަލު ހިފުމުގެ ހަރަކާތްތަކެއް ހިންގި ނަމަވެސް، އެއީ ބަޔަކު ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އެހެންނަމަވެސް، އަޅުގަނޑުމެން އަނެއްކާވެސް ހަނދާނަށް ގެންނާން ޖެހޭ ނުކުތާއަކީ، އިޚްވާނުލް މުސްލިމޫންގެ ފަރާތުން މިކަމާ ގުޅިގެން ތަކުރާރުކޮށް ދައްކަމުންދާ ވާހަކަތަކެވެ. އެ ޖަމާޢަތުން ބުނަމުން ގެންދަނީ ފައްޅިތަކަށް ޙަމަލާ ދެނީ، އެ ޖަމާޢަތުގެ ބޮލުގައި އެކަން އަޅުވައި އެ ޖަމާޢަތް ބަދުނާމު ކުރުމުގެ މަޤްޞަދުގައި، އެ ޖަމާޢަތާ ދެކޮޅު ގުންޑާއިން ކަމަށެވެ. މި ވާހަކަ ޤަބޫލު ނުކުރާންވީ ސަބަބެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް، ޓެރަރިސްޓް، ލާދީނީ ބާޣީންނަށް ވުރެ ތެދުވެރީ އިޚްވާން ކަން ސާބިތު ވާން އެބައޮތެވެ. ހަމައެހެންމެ، މުސްލިމުންނާއި އިސްލާމީ ޙަރަކާތްތައް ބަދުނާމު ކުރުމަށް ޓަކައި، ޖާސޫސީ އޭޖެންޓުން މެދުވެރި ކޮށްގެން ޓެރަރިޒަމްގެ ޢަމަލުތަކާއި އިންސާނިއްޔަތާ ދެކޮޅު ބޮޑެތި ޖަރީމާތައް ހިންގައިފައި، އެ ޢަމަލުތައް މުސްލިމުންގެ ބޮލުގައި އެޅުވުމަކީ މިއަދުގެ ދުނިޔޭގައި އެމެރިކާ އާއި، އިސްރާއީލު ފަދަ ޤައުމުތަކުން ވެސް، އަދި އިސްލާމީ ޤައުމުތަކުގައި ތިބޭ ދީނުގެ ޢަދުއްވުން ވެސް ކުރަމުން އަންނަ ކަމެކެވެ. ވީމާ މިޞުރުގައި މި ދަނޑިވަޅު ލާދީނީ ބާޣީން އެފަދަ ކަންތައްގަނޑެއް ނުހިންގާނެޔޭ ބުނެވޭނޭ އެއްވެސް ގޮތެއް ނެތެވެ.

ޓެރަރިސްޓުންނަކީ ބާޣީން
ޙަޤީޤަތުގައި ވެސް ޓެރަރިސްޓުންނަކީ، މިޞުރުގެ ޖެނެރަލް ޢަބްދުލްފައްތާޙު އައްސީސީ އާއި ޢަދްލީ މަންޞޫރުގެ ފައުޖުތަކުގެ އަތުން ކަތިލެވި، މިޞުރުގެ މަގުތަކަށް އުކެމުންދާ ނިކަމެތި މުސްލިމް ރައްޔިތުން ހެއްޔެވެ؟ އެބުނާ "ޑިމޮކްރަސީ" ގެ ވޯޓުފޮށި ކައިރީން ރައްޔިތުން އިންތިޚާބު ކުރި އިސްލާމީ ރައީސް ޖަހައިގަނެގެން ގެންދިޔުމަށް ފަހު، ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތި ކަނޑިބަޑީގެ ބާރުގައި، ގަދަބަދަވިކަމާ އެކު މިޞުރުގެ ވެރިކަމުގެ ގޮނޑިތަކަށް އަރައި ތިބި ލާދީނީ އަނިޔާވެރީންގެ ވަޒަންތަކުން ތޮރުފެމުން ދާ ކުށެއް ނެތް މައުސޫމު މުސްލިމުން ހެއްޔެވެ؟ ހައްދުފަހަނައަޅައިފައި ތިބި ބަޔަކީ ހަމަ އެމީހުން ހެއްޔެވެ؟

ނޫނެކެވެ. ކަން އޮތީކީ އެހެންނެއް ނޫނެވެ. ޓެރަރިސްޓުންނަކީ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ގަދަބާރުން ވައްޓައިލައި، މިޞުރުގެ ރައްޔިތުން އިންތިޚާބު ކޮށްފައި އޮތް ސަރުކާރު އުވައިލައި، ބަޑި އާއި ރޮކެޓާއި ޓޭންކުގެ ބާރުގައި ތިމާމެންގެ ބާރު ދަމަހައްޓާން ވެގެން ރައްޔިތުން ކަތިލަމުން ގެންދާ ލާދީނީ ބާޣީންނެވެ. ހައްދު ފަހަނައަޅައިފައި ތިބި މީހުންނަކީ ވެސް ޓެރަރިސްޓް ބާޣީ ސަރުކާރާއި، އެ ސަރުކާރުގެ ވާގިވެރީންނާއި މަދަދުގާރުންނެވެ. ޝަހީދުވަމުން ދާ ނިކަމެތި މުސްލިމް ރައްޔިތުންނަކީ ޓެރަރިސްޓުންނެއް ވެސް ނޫނެވެ. ޙައްދުފަހަނައަޅައިފައި ތިބި މީހުންނެއް ވެސް ނޫނެވެ.

މިޞުރުގެ މަގުތަކުގައި ވާނުވާ ބަލައިލުމުން އެކަނިވެސް، މި ދެންނެވީ ތެދުކަމުގެ ހެކި ފެންނާން ފަށާނެއެވެ. 18 އޯގަސްޓް 2013 ވީ އާދީއްތަ ދުވަހުގެ ހަވީރު 3:30 ހާ އިރު އަލްޖަޒީރާ އޮންލައިނުގައި ވީޑިއޯ ފުޓޭޖެއް ޝާއިޢު ކުރިއެވެ. މިޞުރުގެ އިސްމާޢީލިއްޔާގެ ސަރަޙައްދެއްގައި، މޯބައިލް ފޯނަކުން ނަގައިފައި ވާ ވީޑިއޯ ފުޓޭޖުން ރީތިކޮށް ފެންނަ މަންޒަރަކީ އިޚްވާނުގެ ސަޕޯޓަރުން ހަތިޔާރަކާ ނުލައި، ޞުލްހަވެރި ހިނގާލުމެއްގައި ކުރިޔަށް ދަނިކޮށް، މިޞުރުގެ ސިފައިންގެ ފައުޖުތަކުން ބަޑީން ހަމަލަ ދީ އެތައް ބަޔަކު މަރައިލާ މަންޒަރެވެ.

މިއީ މިފަދަ އެތައް ޙާދިސާއެއްގެ ތެރެއިން އެއް ޙާދިސާއެވެ. މި ޙާދިސާގައި، ރަޙުމެއް އިންސާނިއްޔަތުކަމެއް ނެތް ސިފައިންގެ އަނިޔާވެރި ޙަމަލާތަކުގައި މަރުވި އެ ނިކަމެތި ރައްޔިތުންނަކީ ވެސް ޓެރަރިސްޓުން ބާވައެވެ! ޙައްދުފަހަނައަޅައިފައި ތިބި މީހުން ބާވައެވެ! އެހެންވިއްޔާ "ޓެރަރިސްޓް" ނުވަތަ "އެކްސްޓްރީމިސްޓް" މިއީ އިސްލާމް ދީނުގެ ދުޝްމަނުންނާ ދެކޮޅަށް ތެދުވެއްޖެ، އަދި އެ ދުޝްމަނުންގެ އަތުން މަރު ވެއްޖެ ކޮންމެ މުސްލިމަކަށް ކިޔާ ނަންތަކެއްތާއެވެ! އެހެންވިއްޔާ މުސްލިމުންނަށް މި ހުތުރު ލަގަބުތަކުން ސަލާމަތް ވެވޭން އޮތް ހަމައެކަނި ގޮތަކީ ދީނުގެ ޢަދުއްވުންގެ ކޮންމެ ބަޔަކު، ކޮންމެ އިރަކު ކުރާ ކޮންމެ އަނިޔާއަކަށާއި ހިންގާ ކޮންމެ ފިތުނައަކަށް ބޯލަނބައި، ފިނޑި، އާރެއް ބާރެއް ނެތް، ޢިއްޒަތެއް ކަރާމާތެއް ނެތް ބަލި މީދާތަކެއްގެ ގޮތުގައި ދުނިޔޭގައި އުޅުންތާއެވެ!