ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްތަލިބުގެ މައްޗަށް އެމްޑީޕީގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އިބްރާހީމް އިސްމާއީލް (އިބްރާ) އަބުރުގެ ދައުވާ ކުރައްވައި ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބާތިލުކޮށްފި އެވެ.

ހައި ކޯޓުގެ އަމުރުގެ ދަށުން ސިވިލް ކޯޓުން އަލުން ބަލަން ފެށި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް އިއްޔެ 9:30ގައި ބޭއްވުމަށް ތާވަލްކޮށްފައި އޮތްނަމަވެސް އިބްރާގެ ފަރާތުން ޝަރީއަތަށް ހާޒިރުވެފައެއް ނުވެ އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ކޯޓަށް ހާޒިރުވުމަށް އިބްރާއަށް ފޮނުވި ޗިޓާ އެއްގޮތަށް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓަށް ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން އެ މައްސަލައިގެ ދައުވާ ފޯމް ބާތިލު ކުރީ ކަމަށެވެ.

މުއްތަލިބުގެ މައްޗަށް އިބްރާ އަބުރުގެ ދައުވާކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްއީއެސް އިމާރާތް މަންދު ކޮލެޖަށް ދީފައި ވަނި އިއުލާން ކުރުމެއް ނެތި ކަމަށާއި ތައުލީމީ ފަންޑުން މަންދު ކޮލެޖަށް ފައިސާ ދީފައި ވަނީ އެ ފައިސާ ދިނުމަށް ބޯޑުން އިއުތިރާޒް ކުރަނިކޮށް ކަމަށް ބުނެފައިވާތީ އެވެ.