21 Aug 2013, 11:27
ޗައިނާގެ ނަންޖިންގައި މިހާރު ކުރިޔަށް ދާ އޭޝިއަން ޔޫތު ގޭމްސްގެ 16 އަހަރުން ދަށުގެ ތްރީ އޮންތްރީ ބާސްކެޓް ބޯޅަ މުބާރާތުގައި ރާއްޖޭގެ ބާސްކެޓް ޓީމް ކުޅުނު ތިން މެޗުން ވެސް ބަލިވެއްޖެ އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ޕިލިޕީންސްއާ ވާދަކޮށް 21 ޕޮއިންޓް 10 ޕޮއިންޓުންނެވެ. ދެ ވަނަ މެޗުން ރާއްޖެ ބަލިވީ އިންޑޮނޭޝިއާ ވާދަކޮށް 21 ޕޮއިންޓު ފަސް ޕޮއިންޓުންނެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗުން ބަލިވީ ސައުދީ އަރަބިއްޔާ އާއި ވާދަކޮށް 17 ޕޮއިންޓު ފަސް ޕޮއިންޓުންނެވެ.
ތިން މެޗުން ވެސް ރާއްޖެ ބަލިވުމުން ގްރޫޕް ސްޓޭޖްގައި ރާއްޖެ އޮތީ ގްރޫޕްގެ އެންމެ ފުލުގަ އެވެ.
މުބާރަތުގައި ވާދަކުރުމަށް ޗައިނާއަށް ދިޔަ 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ޓީމުގައި ހިމެނޭ ކުޅުންތެރިން ނަކީ އަބްދުﷲ ލިޔާއު އާއި ރިޝްފާން ރަޝީދު އާއި މުހައްމަދު ޒައިދާން އަދި މުހައްމަދު ފިރުނަސް އެވެ. ޓީމުގެ ކޯޗަކީ މުހައްމަދު ޒިލާލް އެވެ.
ބާސްކެޓް ޓީމު މާލެއައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.