21 Aug 2013, 10:54
ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރި ކަމުގެ ތުހުމަތުގައި 12 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މއ. ކޮކްނެޓްހައުސް އަލީ އިމްރާން، 45، އާއި ވ. ކެއްކުރި އިބްރާހީމް ޝިހާބް، 25، އާއި ހ. ކަހަފަތި އިލްޔާސް އަހްމަދު، 29، އާއި މއ.ކެނޯވާ ހަސަން ޝިމާޒް، 28، އާއި ގދ.ރަތަފަންދޫ ގުލްދަސްތާގޭ މުހައްމަދު ހަމީދު، 27، އާއި މ. ބޮއިލިންފިޝް އަހްމަދު ވިސާމް، 28،ގެ އިތުރުން އިންޑިޔާގެ ރައްޔިތުންކަމަށްވާ ސަހުބަރާލީ އަބޫބައިދާ، 54، އާއި އެސް.މާރިޔާ އެންތޮނީ ކްރިސްޓޮ، 27، އާއި އެންތޮނީ ސެލްވަރާޖް، 58، އާއި ޑ.ސިލްވަރ ޕަރުތިޕާން، 28، އާއި އޭ.ކިންގްސްޓަން، 29، އަދި އެމް.އާނަންތު ކުމާރު، 23، ގެ މައްޗަށް ކަމަށެވެ.
އެ އެންމެންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ކަނޑުމަގުން އިންޑިޔާ އިން މާލެއައި އެމްއެސްވީ ސިލްވާ ކްލައުޑް ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.
އެމީހުން ހައްޔަރު ކުރީ ބޯޓުން މަސްތުވާތަކެތި ބާލައިގެން އެމްޕީއެލް ސަރަހައްދުގެ ފާރުމަތިން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް މަސްތުވާތަކެތި އަލާފައި ހުރި ޕެކެޓްތަކެއް އުކައި، މަގުމަތީގައި ތިބި މީހުން އެތަކެތި ނަގައިގެން ސައިކަލުތަކުގައި ހިފައިގެން ދަނިކޮށް ރެޑްހޭންޑްކޮށް ކަމަށް ފުލުހުން ވަނީ ބުނެފެ އެވެ.
ފުލުހުން ބުނީ އެމްޕީއެލް ސަރަހައްދުގެ ފާރުމަތިން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް މަސްތުވާތަކެތި އަލާފައި ހުރި ޕެކެޓްތަކެއް އުކާފައި ވަނީ އިންޑިއާގެ މީހުން ކަމަށާއި ދެން އެތަކެތި ނަގާފައި ވަނީ ދިވެހީން ކަމަށެވެ.
އެ މީހުންނާއި އަދި މަސްތުވާތަކެތި ރާއްޖެ ގެނައި ބޯޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ޖުމްލަ 9.9 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތްތަކެއްކަމަށްވާ ޑައިމޯފިން (ހެރޮއިން) އާއި ކެނެބިސް ހުރިކަމަށް ތަހުލީލް ރިޕޯޓުން ދައްކާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އިލްޔާސް އާއި ޝިމާޒު އަކީ މީގެކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ ދެމީހުން ކަމަށެވެ.
މުހައްމަދު ހަމީދު އަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތުގައި މީގެކުރިން ކޯޓުން ހުކުމްކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.