މި އަހަރު ހައްޖަށް ދިޔަ ބައެއް ހައްޖާޖީންނަށް ހައްޖު ފުރިހަމަ ނުވާކަމަށް ދެކެވެނު ވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފި އެވެ.


އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް އިއްޔެ ވިދާޅުވީ ހައްޖަށް ދިޔަ ހުރިހާ އެންމެންނަށް ވެސް ހައްޖު ފުރިހަމަ ވެފައިވާ ކަމަށާއި އެހެން ނަމަވެސް ދިވެހިން ތިބި ބަހަކަށް މުޒްދަލީފާގައި މަޑުނުކޮށް ދެވުނު ކަމަށާއި ނަމަވެސް ފަހުން އެ ބަހުގައި ތިބި މީހުން ވެސް މުޒްދަލިފާ އަށް އެނބުރި ގޮސް ހައްޖުގެ އަޅުކަން ފުރިހަމަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.


ނަމަވެސް އެ ބަހުގައި ތިބީ ކިތައް މީހުން ކަމާއި އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި އެއީ ކޮން ގްރޫޕެއްގެ ހަވާލުގައި ދިޔަ ބައެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.


މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ އަށް ގްރޫޕަކުން 1402 މީހުން މައްކާ އަށް ދިޔަ އެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން 2.5 މިލިއަނާއި 3 މިލިއަނާ ދޭތެރޭގެ އަދަދަކަށް މީހުން ދިޔަ އެވެ.