21 Aug 2013, 10:55
މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި ވަނީ ކޮކާކޯލާ ފުޅީގައި ބަންދުކުރުމާއި ސިމެންތި ކޮތަޅުގައި ބަންދުކުރަން ފަށައިފަ އެވެ. ސިމެންތި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ލަފާޖުން އެސްޓީއޯ ގުޅިގެން ސިމެންތި ތިލަފުށީގައި ބަންދުކޮށްގެން ވިއްކަން ފެށުމުން ބޭރުން އިމްޕޯޓްކުރާ ސިމެންތި ކޮތަޅުގެ އަދަދު މަދުވެ، އަގު ވެސް ހީނުކުރާ މިންވަރަށް ދަށްވެގެންދިޔަ އެވެ.
ކޮކާކޯލާ ވެސް ކ.ތުލުސްދޫގައި ބަންދުކޮށްގެން ވިއްކަން ފެށުމުން ބޭރުން ގެންނަ ކޮކާކޯލާގެ އަދަދު ވަރަށް ބޮޑަށް މަދުވެ، އިމްޕޯޓްކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި އެވެ. އޭގެ ސަބަބުން މިހާރު އެންމެ މަގުބޫލީ ރާއްޖޭގައި ބަންދުކުރާ ކޮކާކޯލާ އެވެ. މިއީ ރާއްޖޭގައި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ބަންދުކުރުމުގެ މަސައްކަތްތަކެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑަސްޓްރިއަލް ފެންވަރުގައި ޕެކޭޖްކުރުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކުރަނީ ސިންގަޕޫރުގަ އެވެ. އެ ގައުމުގައި އުފައްދާ ތަކެއްޗަށް ވުރެ ބަންދުކުރުމުގެ ސިނާއަތް ވަނީ ކުރިއަރައިފަ އެވެ. ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުން އެ ގައުމުގައި އިންވެސްޓްކޮށްގެން ތަފާތު އެކި އުފެއްދުންތައް ފެކްކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓްކުރަން ފެށުމުން އެ ގައުމަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އާމްދަނީގެ ގޮތުގައި ދަނީ ލިބެމުންނެވެ.
ރާއްޖޭގައި ވެސް އެކި ބާވަތްތައް ބަންދުކޮށްގެން ވިއްކުމުގެ ސިނާއަތް ވަނީ ފުޅާކުރަން ޖެހިފަ އެވެ. ބޭރުން ރޯމެޓީރިއަލް ކާބޯތަކެއްޗާއި އެނޫން ވެސް ބާވަތްތައް ބަންދުކޮށްގެން ވިއްކަން ފެށުމުން އެތަކެތި އިމްޕޯޓްކުރަން ހިނގާ ހަރަދުކުޑަވެ، އެތައް ގޮތަކުން ގައުމަށް އޭގެ ފައިދާކުރާނެ އެވެ.
"ޕެކޭޖިން އިންޑަސްޓްރީއަކީ މިހާރު މި ސަރަހައްދުގައި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ކަމެއް. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ސިންގަޕޫރާއި މެލޭޝިއާ، އިންޑޮނޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އެ ގައުމުގެ ވިޔަފާރިވެރިންނާ ގުޅިގެން ދަނި ޕެކޭޖްކުރުމުގެ އިންޑަސްޓްރީ ފުޅާކުރަމުން. ރާއްޖެ އަށް ވެސް ގިނައިން ގެންނަނީ އެ ގައުމުތަކުގައި ބަންދުކުރާ އުފެއްދުންތައް." އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ. "މި ސިނާއަތް ފުޅާކުރެވިއްޖެ ނަމަ އެތައް ސަތޭކަ ވަޒީފާ އުފެދޭނެ. އަދި އެތަކެތި އިމްޕޯޓްކޮށްގެން ލިބޭ އަގަށް ވުރެ އެތައް ގުނައެއް ހެޔޮ ވެސް ވާނެ."
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެސް ކައްކާ ތެލާއި ދޮންނަ ކުނޑި އާއި ހިކިކިރާއި ވޮޝިން ލިކުއިޑް އަދި ޝޭމްޕޫ ފަދަ ބާވަތްތައް ބަންދުކޮށްގެން ވިއްކުމަކީ ފުޅާ ދާއިރާއެއްގައި ކުރެވިދާނެ ކަންތައްތަކެވެ. އަދި އެތަކެތި ރާއްޖޭގައި ބަންދުކޮށްގެން އަވައްޓެރި ގައުމުތަކަށް އެކްސްޕޯޓްކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމަށް ވެސް ތަޖުރިބާކާރު ދެކެވަޑައިގަންނަވަ އެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ދާދިފަހުން ވަނީ ރާއްޖޭގައި ލުއި ސިނާއަތްތަކެއް ތައާރަފްކުރަން ނިންމައިފަ އެވެ. އެގޮތުން ހުޅުމާލެއިން ތިން ބިމެއް ކުޑަ އަގެއް ދޫކުރަން އެ މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ލުއި އިންޑަސްޓްރީ ތައާރަފްކުރުމުގެ ގޮތުން ހިކިކިރާއި ކައްކާތެޔޮ އަދި ދޮންނަ ކުނޑި ބަންދުކޮށްގެން ވިއްކަން އަމިއްލަ ބައެއް ވިޔަފާރިވެރިން ވެސް ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެކަން އާއްމުކޮށް ހުޅުވާލުމުގެ ކުރިން އެކަމަށް ޝައުގުވެރި ވަނީ ކޮންބައެއްތޯ ބަލާލިން. އަޅުގަނޑުމެން ބައްދަލުކުރި އަމިއްލަ ވިޔަފާރިވެރިން ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި އެކަންތައްކުރަން. އަޅުގަނޑުމެން ގަސްދުކޮށްފައި ވަނީ އެކަންކުރާ ފަރާތްތަކަށް ހުޅުމާލެއިން ބިން ވިއްކާ އަގަށް ވުރެ ހެޔޮ އަގެއްގައި ބިން ދޭން. އަދި އިމްޕޯޓްކުރާ ރޯމެޓީއަލްގެ ޑިއުޓީ ފުރަތަމަ އަހަރު މައާފްކޮށްދޭނަން ،" އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޕެކްކޮށްގެން ވިއްކަން އެދޭ ފަރާތްތަކަށް ހުޅުމާލެއިން 12،500 އަކަފޫޓުގެ ތިން ބިމެއް 25 އަހަރަށް ކުއްޔަށްދޭން ނިންމާފައިވާ ކަމަށެވެ. އަދި އެތަނުގައި ފެކްޓްރީ އަޅަން ގެންނަ ސާމާނާއި ރޯ މެޓީރިއަލްގެ ޑިއުޓީ މައާފްކޮށްދޭނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގައި ޕެކޭޖްކުރުން ފުޅާކުރަން. އޭގެ ސަބަބުން އެތަކެތީގެ އަގު މިހާރަށް ވުރެ ހެޔޮވެ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޕެކްކޮށްގެން ވިއްކުމަކީ ރާއްޖޭގައި ކާމިޔާބުކަމާ އެކު ކުރެވިދާނެ ކަމެކެވެ. ބޭނުން ވަނީ އެ ފުރުސަތު އަމިއްލަ ވިޔަފާރިވެރިންނަށް ހުޅުވާލުމެވެ. އޭގެ ސަބަބުން އިގްތިސާދަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.