މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިސްލާމީ ފިކުރުގެ އިޚްވާނުލް މުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކުރުމަށް މިސްރުގެ ސަރުކާރުން ކޮންޓްރޯލްކުރާ މީޑިޔާ އިން މަސައްކަތް ކުރަމުންގެންދާ ކަމަށް ލަންޑަންގައި ނުކުންނަ ދަ ގާޑިޔަން ނޫހުން ބުނެފި އެވެ.

އެ ނޫހުގައި އިޔާން ބްލެކް ލިޔުއްވާފައިވާ ތަޙްލީލީ ރިޕޯޓެއް (ފީޗަރ ސްޓޯރީ) އެއްގައިވާ ގޮތުން މިސްރުގެ އިންޤިލާބީ ސަރުކާރުން ކޮންޓްރޯލްކުރާ ޚަބަރުފަތުރާ ވަސީލަތްތަކުން ގެންދަނީ، އިސްލާމީ ޖިހާދުގެ ނަމުގައި ބޮންގޮއްވުމާއި ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުން ގެންދާ އަލްޤާޢިދާ ފަދަ "ތަކްފީރީ" ޖަމާއަތްތަކުގެ "ޓެރަރިޒަމްގެ ފިކުރާއި" މިފަދަ ހަރުކަށި ޖަމާއަތްތަކާ މުޅިން ޚިލާފު އިސްލާމީ ސިޔާސީ ޖަމާއަތެއް ކަމަށްވާ އިޚްވާނުލް މުސްލިމޫންގެ އިސްލާމީ ސިޔާސީ ފިކުރު އޮޅުވާލައި މި ދެ ފިކުރަކީ އެއްފިކުރެއް ކަމަށް ހެދުމުގެ ޕްރޮޕަގެންޑާ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތަށް ޕްރޮޕަގެންޑާ ފެތުރުމުގައި މިސްރުގައި މިހާރު ވެރިކަންކުރާ އިންގިލާބީ ސަރުކާރުގެ ބޭނުމަކީ މިސްރުގެ ސިފައިން އެގައުމުގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުރުސީގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށް ގެނައި ޢަސްކަރީ އިންޤިލާބު ދިފާޢުކުރުމާ އަދި އެއިންޤިލާބަށް ފަހު ޖެނެރަލުން މިސްރަށް ގެނަސްފައިވާ "ޕޮލިސް ސްޓޭޓް"ގެ ޙާލަތު ދިފާޢުކުރުން ކަމަށް ވެސް ބްލެކް ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން އަލްޤާޢިދާ ފަދަ "ޖިހާދީ""ތަކްފީރީ" ޖަމާއަތްތަކާއި އިޚްވާން ޖަމާއަތް އެއްވަރުކޮށް މިދެފަރާތުގެ އުޑާބިމާހާ ތަފާތު ދެ ފިކުރު އޮޅުވާލުމުގައި މިސްރުގެ ޖެނެރަލުންނާއި އިންޤިލާބީ ސަރުކާރުގެ ބޭނުމަކީ ޑރ. މުރުސީގެ ސަޕޯޓަރުންނާ ދެކޮޅަށް މިދިޔަ ހަފްތާގައި ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި ކުށެއް ނެތް 800 އެއްހާ މީހުން މަރައި ހިންގި ޤަތްލުއާންމުތައް ދިފާއުކޮށް އެޖަރީމާތަކުން ރެކިގަނެ އެކަން ޖަސްޓިފައި ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް ވެސް އިޔާން ބްލެކް އޭނާގެ ތަޙްލީލުގައި ލިޔުއްވާފައިވެ އެވެ.

މިސްރުގެ އިޚްވާނުލް މުސްލިމޫން ޖަމާއަތަކީ ހަރުކަށި އަމަލުތަކާ މުޅިންދުރު އިސްލާމީ ފިކުރުގެ ސިޔާސީ ޖަމާއަތެކެވެ. މީގެ 80 ވަރަކަށް އަހަރު ކުރިން ހަސަނުލްބައްނާގެ ޒަޢާމަތުގައި އިޚްވާން ޖަމާއަތް ވުޖޫދަށް އައިސްފައި ވަނީ "ޕޮލިޓިކަލް އިސްލާމް"ނުވަތަ އިސްލާމީ ފިކުރާއި ޒަމާނީ ޑިމޮކްރަސީގެ ފިކުރުތަކާއި ގުޅުވައިގެން އިސްލާމްދީނުގެ ޝަރީޢަތާއި އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމީ ޑިމޮކްރަސީ ގެ ފިކުރެއް ވުޖޫދަށް ގެނައުމުގެ މަޤްސަދުގައެވެ. އެހެންކަމުން އިޚްވާނުންގެ އިސްލާމީ ފިކުރަކީ އިސްލާމް ދީނުގައި އޮންނަ އިޖްތިހާދުގެ މަތިވެރި އުސޫލުތަކުގެ މަތިން އިޖްތިހާދުކޮށްގެން ޑިމޮކްރަސީ އާއި ޓެކްނޮލޮޖީއާއި ސައެންސާއި އައު އީޖާދުތަކާއި މިނޫން ވެސް ޒަމާނީ ތަރައްޤީއާއި ކުރިއެރުމާ ގުޅިގައިވާ ކަންތައްތައް ކަންތައް އިސްލާމީ ތަރަހައިގެ ތެރެއިން "އިސްލާމް" ކުރުމުގެ ފިކުރު ކަމަށް ބްލެކް ލިޔުއްވާފައިވެ އެވެ.

މިއާޚިލާފަށް އަލްޤާޢިދާ ފަދަ "ތަކްފީރީ" "ޖިހާދީ"ޖަމާއަތްތަކުގެ ފިކުރަކީ އެމީހުންނޫން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ބެލުމުގެ ތަޢައްސުބާއި ހަރުކަށި ކަމުގެ ފިކުރުކަމަށާއި ބާރުގެ ބޭނުންކޮށްގެން (ބޮންގޮއްވުމާއި ޓެރަރިޒަމްގެ ޢަމަލުތައް ހިންގައިގެން) މަޤްސަދްތައް ޙާސިލް ކުރުމުގައި އަލްޤާއިދާ ފަދަ ޖަމާއަތްތަކުން ގެންގުޅޭ ހަރުކަށި ފިކުރަކީ އިޚްވާނުންގެ ފިކުރާއި އުޑާއި ބިމާހާ ތަފާތު ފިކުރެއް ކަމަށް ބެލެކް ލިޔުއްވާފައިވެ އެވެ.

އިޚްވާން ޖަމާއަތަކީ އެއްއިރެއްގައި ވެސް ހަރުކަށި އަމަލުތަކަށް ގޮވާލާ ޖަމާއަތެއްނޫނެވެ. އިޚްވާން ޖަމާއަތުގެ ފިކުރަކީ ތަހުޒީބު ޙަޟާރީ އަދި ޒަމާނީ ތަރައްޤީއާއި އިސްލާމް ދީނުގެ ތަރަހައިގެ ތެރެއަށް ވައްދައި "އިސްލާމް"ކުރުވުމުގެ އިސްލާމީ ޙަޟާރީ ފިކުރެކެވެ. އިޚްވާނުންގެ ލީޑަރުންނަކީ ދީނީ އިލްމުވެރިން ނޫންކަމަށާ އެބޭފުޅުންނަކީ ޕީއެޗްޑީ ލެވެލްއަށް ޒަމާނީ ތަޢްލީމް ޙާސިލް ކުރައްވައިގެން އަދި އިސްލާމް ދީން ވެސް އެނގިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށާ މީގެތެރޭގައި ގިނައީ އިންޖިނޭރުންނާއި ޑޮކްޓަރުންނާއި ސައިންޓިސްޓުންނާއި ސިޔާސީ އިލްމުވެރިންނާއިފިލޯސަފަރުންނާއި އާކިޓެކްޓުން ފަދަ ޒަމާނީ ތައްލީމުގެ ބޭފުޅުން ކަމަށް ބްލެކް ލިޔުއްވާފައިވެ އެވެ.

އިޚްވާނުން މިސްރުގެ ރައްޔިތުންގެ ސަޕޯޓް ހޯދާފައި ވަނީ މިސްރުގެ ސަރުކާރުތަކުން އެގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާ ތަޢްލީމީ، ސިއްޙީ ޚިދްމަތްތައް ހިލޭ ފޯރުކޮށްދީގެން 80 ވަރަކަށް އަހަރުގެ ބުރަ މަސައްކަތުން ކަމަށާ ނަމަވެސް އިޚްވާނުންގެ އަމިއްލަ ވަޒަނުގައި އެމީހުން ނިކަމެތިކޮށް އެމީހުންގެ ދުވަސް ދުއްވާލުމަށް މިސްރުގެ ލާދީނީ ފިކުރުމުގެ މީހުންނާއި ސިފައިންގެ ޖެނެރަލުން މިހާރު އާދަޔާ ޚިލާފަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް މިފީޗަރ ސްޓޯރީގައި ބްލެކް ލިޔުއްވާފައިވެ އެވެ. (ދަ ގާޑިޔަން)