21 Aug 2013, 09:32
އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ ފެށުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، މަޝްހޫރު ސިޔާސީ ނޫސް "ސަންދާނު"ގެ ތިން މުއައްސަސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ސަންދާނު ލުތުފީ ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.
ސ. ހިތަދޫ، ފެންމުލި، އިބްރާހީމް މޫސާ ލުޠުފީ، ޕީޕީއެމްއާ ގުޅިވަޑަގަތްކަން އިއުލާނު ކުރުން އޮތީ، އެމްޑިއޭ އާއި ޕީޕީއެމް ގުޅިގެން ރޭ ހުޅުވި "ބަދަހި ޖަގަހަ" ހުޅުވުމުގެ ރައްމިއްޔާތުގައި އެ ޖަގަހައިގަ އެވެ.
ރާއްޖޭގައި ރަނގަޅު ނިޒާމެއް ގާއިމުކޮށް ހެޔޮ ރައްޔިތެއް އުފެއްދުމުގެ ހެޔޮ ނިޔަތުގައި ރައީސް މުހައްމަދު ނަޝީދާ އެކު، އިސްލާހީ ހަރަކާތްތަކުގެ ބޮޑު ރޯލެއް އަދާކުރެއްވި ލުތުފީ، އެމްޑީޕީގެ ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން މުޅި ސިސްޓަމް "ހިސޯރު ކުރައްވައި" ބޭނުން ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެވެ.
ރައީސް ނަޝީދުގެ ވެރިކަމަށް ފަހު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، 25 ސެޕްޓެމްބަރު 2012ގައި ލުތުފީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރު ކަމުގެ މަގާމަށް ހަމަޖެސެވި އެވެ. އެހެން ނަމަވެސް، އޭގެ އަށް މަސްފަހުން ލުތުފީ ވަނީ އެމަގާމުން ވަކިކޮށްފަ އެވެ.