21 Aug 2013, 01:42
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ އެކު ކޯލިޝަން ހަދާ އެއްވެސް ޕާޓީއެއް މާޔޫސްވިޔަ ނުދެއްވާނޭ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕީޕީއެމް ކޯލިޝަނުން ގުޅިގެން ހުޅުވި ފުރަތަމަ ޖަހަ "ބަދަހި ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން މިރޭ ވިދާޅުވީ ޕީޕީއެމްއަކީ އެޕާޓީއާ އެކު "މަސައްކަތްކުރާ ބަޔަކަށް އިހްތިރާމް ކުރުމާއި ލޯތްބާއެކީ އެބައެއްގެ ހިދުމަތް ބަލައިގަންނާނެ ޕާޓީއެއް" ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީއޭއަކީ މުހިއްމު ބައިވެރިއެއް ކަމަށާއި އަދި އެކަން ޕީޕީއެމް އިން ބަލައިގަންނަކަން ޝުކުރުވެރިކަމާ އެކު ފާހަގަކޮށް އަދި އަމަލުން އެކަން ދައްކަވާނޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ނޫސްވެރިން ... ސުވާލު އުފައްދާތީއާ އެކީ، ދިވެހި ރައްޔިތުންނަށް މިއަދު ކަށަވަރުކޮށްދޭން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންނަށް އެމްޑީއޭއަކީ ވަރަށް މުހިއްމު ބައިވެރިއެއް. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެން މިކުރާ ދަތުރުގެ ރާސްތާގައި އެމްޑީއޭއަކީ ހަމަ ވަރަށް މުހިއްމު ބައެއް. އެހެންވީމާ އަޅުގަނޑުމެން އެމްޑީއޭ، އަޅުގަނޑުމެންނާ ދޭތެރޭގައި އެ ބެހެއްޓެވި ގާތްކަމާއި ބެހެއްޓެވި އިތުބާރު އަޅުގަނޑުމެން ބަލައިގަންނަމުއޭ،" ޔާމީން ވިދާޅުވި އެވެ.
އެމްޑިއޭ އިން ލިބުނު އެއްބާރުލުން އިހްލާސްތެރިކަމާއެކީ ބަލައިގަންނަވާ ކަމަށާއި އަދި ޕީޕީއެމްއަކީ އެފަދަ ކަންތައް ޝުކުރުވެރިކަމާއެކީ ބަލައިގަންނަ ބައެއްކަން، އެމްޑިއޭ މެދުވެރިކޮށް، ރައްޔިތުނަށް ދައްކަވާނޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެކީ ކޯލިޝަން ހެދުމުގެ ފުރުސަތު ތަނަވަސްވެފައި މީގެ ކުރިން ވެސް ޕާޓީތަކަށް އޮވެމެ، އެހެންނަމަވެސް މިކަމުގައި އިސްނެންގެވި ޕާޓީއަކީ އެމްޑީއޭ ކަމަށް ވާތީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހަމަ ތިޔަ ބޭފުޅުންގެ ފުރިހަމަ ހިއްސާ ބަލައި މިގަންނަނީ، ހަމަ އަޅުގަނޑުމެން އެއާ އެއްފަދަ ބަދަލެއް ދޭގޮތުގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ގުޅިވަޑައިގެން މަސައްކަތް ކުރަށްވާ އެމްޑިއޭ މާޔޫސެއް ނުކުރާންނަން،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ ކަންކަން ކާމިޔާބުކޮށް ދިނުމަށް ޓަކައި އަންނަ މަހު ހަތް ވަނަ ދުވަހު ނަގާ ވޯޓަކީ ޕީޕީއެމްއަށް ފަހިކޮށް ނިމިގެންދާ ވޯޓަކަށް ވެއްޖެ ކަމަށްވާ ނަމަ، "ﷲގެ ރަހްމަތާ އެކު ދިވެހި ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭން މިކުރާ މަސައްކަތުގައި ވެސް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ މިކުރާ މަސައްކަތުގައި ހަމަ އެމްޑީއޭއާ އެކީގައި މި އޮންނަ ގާތްގުޅުމަކީ ވަރަށް އިހްތިރާމް ކުރާ ގުޅުމެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނަން،" ކަށެވެ.
ޔާމީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޕީޕީއެމްއާ އެކު ކޯލިޝަން ހައްދަވަން ވިސްނަވާ ބޭފުޅުންގެ ހިތްޕުޅުތަކަށް "ހިތްޕުޅު ހަމަޖެހުމާއި ތަސައްލީއެއް ގެނެސް ދިނުމަށްޓަކައި" އެވާހަކަ ދެންނެވުމުގެ އިތުރުން ކޯލިޝަންގެ ވާހަކަ އިތުރަށް ދައްކަވަން ބޭނުންފުޅުވީ ނޫސްވެރިން ކުރިމަތި ކުރުވާ ބައެއް ސުވާލުތަކުގެ ޖަވާބު ދެއްވުމަށް ޓަކައި ކަމަށެވެ.
"ނޫސްތަކުގައި ނޫސްވެރިންގެ ފަރާތްޕުޅުން ތަފާތު އެކި މަރުހަލާތަކުގައި އަޅުގަނޑުމެންނާ އެބަ ސުވާލު ކުރިމަތި ކުރުވާ... ރައީސް މައުމޫން އެބަ ވިދާޅުވެއެއް ނޫންހޭ. ޔާމީނު އެބަ ބުނަން ނޫން ހެއްޔޭ، ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫނޭ، ބަރުލަމާނީ ނިޒާމުގެ ސިފައެކޭ. އަދި ކޯލިޝަން ހެދުމާ ދެކޮޅަށް އަޅުގަނޑުމެންގެ ޕާޓީގެ އިސްމީހުން، ރައީސް މައުމޫން، ޔާމީން ކޯލިޝަން ހެދުމާ ދެކޮޅަށް ވާހަކަ ދެއްކީމު ނޫންހޭ،" ޔާމީން ވިދާޅުވި އެވެ. "ހަގީގަތުގައި ވެސް ބަރުލަމާނީ ނިޒާމްގެ ސިފައަކީ ކޯލިޝަން ހެދުން. ރިޔާސީ ނިޒާމްގެ ސިފައެއް ނޫން ކޯލިޝަން ހެދުމަކީ، މިއީ ހަގީގަތް. އެކަމަކު އެއީ އެކަމުގައި އަޅުގަނޑުމެން އެދޭގޮތް ކަމަށްވާތީ، ނޫނީ ދެކޭ ގޮތް ކަމަށްވާތީ އަޅުގަނޑުމެން ދެއްކި ވާހަކައެއް ނޫން."
ޔާމީން ވިދާޅުވީ ރާއްޖޭގައި ވެސް ކޯލިޝަން ހަދަންޖެހިގެން އުޅެނީ ދެ ސަބަބަކަށް ޓަކައި ކަމަށެވެ. އެއީ ވެރިޔަކު ހޮވުމަށްޓަކައި ރައްޔިތުންގެ ހިއްސާ ވީހާ ވެސް ބޮޑު ކުރުމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭރަކު އޮންނަ ސަރުކާރަކަށް ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ފަހި ކުރުމަށް ޓަކައި، ރިޔާސީ ނިޒާމެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގައި ވެސް ކޯލިޝަން ހަދަން މަޖުބޫރުވަނީ ކަމަށެވެ.
ބަދަހި ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ، އެމްޑީއޭއާ ޕީޕީއެމްއާ ގުޅިގެން މިހާރު ކުރަމުންގެންދާ މަސައްކަތުގައި މިހާރު ފެންނަމުން ދަނީ، އާހިތްވަރަކާ އެކު، ފަހަތަށް ޖެހިގެން ނުދާނޭ ފަދަ ބާރުމިނެއްގައި ކުރިއަށް އޮތް އިންތިހާބު ފުރަތަމަ ބުރުން ވެސް ކާމިޔާބު ކުރެވިދާނޭ ކަމުގެ ޔަގީންކަން ކަމުގަ އެވެ.
"އަޅުގަނޑުމެންގެ ފަހުރެއް ކަމުގައިވާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުގައްޔޫމުގެ ލަފަޔާއި އިރުޝާދުގެ މަތިން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ، އެއްގޮތަކަށް ވެސް އެހެން މީހުންނަށް އަޅުގަނޑުމެން ކުރަން މިއުޅެނީ ކޮން ކަމެއްކަން ވެސް ނޭނގޭހާ ބާރުމިނެއްގައި މިކަން އަޅުގަނޑުމެން އިރާދަކުރެއްވިޔާ ނިންމާލާނަން،" ސިޔާމް ވިދާޅުވި އެވެ.