21 Aug 2013, 01:20
އދ. މައްޗަފުށީގައި ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ވެއްޖެ އެވެ.
މިރޭ ދަންވަރު ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ ރިސޯޓުގެ އެޑްމިން ބިލްޑިންގަ އެވެ. އަލިފާން ނިއްވުމަށް އެ އަތޮޅު ސަން އައިލެންޑް ރިސޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމާއި އދ. މަހިބަދޫ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ފުލުހުން ބުނީ އަލިފާންގަނޑު ނިއްވުމުގައި މަަސައްކަތް އުޅުނު ބަނގުލަދޭޝްގެ މީހަކަށް ދުނމުގެ އަސަރުކުރުމުގެ ސަބަބުން ނޭވާލާން ދަތިވެގެން އެ ރިސޯޓަށް ގޮސްތިބި ޑޮކްޓަރުން އޭނާއަށް ފަރުވާދެމުންދާ ކަމަށެވެ. ބަންގްލަދޭޝް މީހާގެ ގައިގެ ތިންތަނަކުން ފިހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިސޯޓުގެ އެޑްމިން ބިލްޑިންގައި ހިނގި އަލިފާނުގެ އެ ހާދިސާގައި އެތަނަށް ބޮޑެތި ގެއްލުންތަކެއްވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެ އެވެ.
މައްޗަށް ފުށީގައި ހިންގާ ރިސޯޓުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ސަލާމަތީ ބާރުތަކަށް ލިބުނީ މިރޭ 12:50 ހާއިރު އެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމެއް ވަނީ އެ ރަށަށް ދިއުމަށް ފުރާފަ އެވެ.