ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުއާ ގުޅޭ "ޝަކުވާއެއް" އިލެކްޝަންސް ކޮމިޝަނުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ޑރ. އަބްދުﷲ ވަހީދު މިރޭ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައި ވަނީ ކޮމިޝަނަރު ރިޔާޒު ސިޔާސީ ވާހަކަފުޅު ދައްކަވާ ކަމަށް އޮންނަ "ޝަކުވާއެއް" ކަމަށެވެ.

އޭނާ ވިދާޅުވީ އެ "ޝަކުވާ" ލިބިފައި ވަނީ އިއްޔެ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލު ލިބިފައިނުވާ ކަމަށެވެ.

ރިޔާޒު ސިޔާސީ ވާހަކަތައް ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވެނީ ބަޔަކާ އެކު ނޫން ކަމަށާއި އެ "ޝަކުވާ"ގެ ތަފްސީލުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ބަޔަކާ އެކު ދައްކާފައިވާ ސިޔާސީ ވާހަކަތަކެއް ނޫން. އޭގެ ތަފްސީލުތައް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރަމުން،" ޑރ. ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަޑިހުތުރުބަހުން މުއާމަލާތުކޮށްފައިވާ ސިޓީއެއް ރިޔާޒު ޓުވީޓް ކުރެއްވި މައްސަލައެއް މިއަދު ވަނީ ފެންމަތިވެފަ އެވެ.