20 Aug 2013, 22:34
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓު ނުދިނުމަށް އެދި މީހަކު ފޮނުވި ސިޓީއެއް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ޓުވީޓް ކުރެއްވީ "ޕާސަނަލް ގޮތުން" ކަމަށް "ވެދާނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ފުލުހުން ކުރުން މަނާ ކަމެއްގެ ގޮތުގައި ފުލުހުންގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ވަކިފަރާތަކަށް ނުޖެހި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެ ކަމާ މެދު އާންމު ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިދާނެ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ މަނާ ކަމެކެވެ. އަދި އަމިއްލަ ހައިސިއްޔަތުން ވެސް އެ މައްދާގައި ކަނޑައެޅިފައިވާ ކަމެއް ކުރުމަކީ މަނާ ކަމެކެވެ.
ޏ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިއްމަވާލެއްވުމަށް ފަހު ރައީސް ވަހީދު މާލެ ވަޑައިގަތުމުން "ސަން"އިން ކުރި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ "ޕޮލިސް ކޮމިޝަނަރު އެބާވަތުގެ އެއްޗެއް" ވިދާޅުވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނަޝީދަށް ވޯޓު ނުދޭން އެދި މީހަކު ފޮނުވި ސިޓީއެއް ޓުވިޓާގައި އާންމު ކުރެއްވި ކަމަށް ރިޔާޒު މީޑިއާގައި އެއްބަސްވެފައިވާ ނަމަ އެއީ އެ ޓުވީޓަކީ "ޕާސަނަލް ގޮތުން އެއްޗެއް ވިދާޅުވީ ކަމަށް ވެދާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އޮފިސަރު، ރިޔާޒު އެފަދަ ކަމެއް ކުރެއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއްތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ އެކަމާ މެދު އިތުރަށް އެއްޗެއް ވިދާޅުވެވޭނީ މައުލޫމާތު ފުރިހަމައަށް ލިބިގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މަގާމެއްގައި ހުންނެވި ރިޔާޒު، ރިޔާސީ އިންތިހާބުގައި ނަޝީދަށް ވޯޓު ނުދިނުމަށް އެދިފައިވާ ސިޓީ ޓުވިޓާގައި އާންމުކޮށްފައިވާ އިރު، އިންތިހާބަށް ނުފޫޒު ފޯރުއްވުމަށް ސިޔާސީ ވާހަކަތައް އޭނާ ދައްކަވަމުންދާ ކަމަށް ބުނެ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)އިން ދަނީ ތަހުގީގެއް ހިންގަމުންނެވެ. އެކަން އެ ކޮމިޝަނުން ބަލަން ފަށާފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅައި ގެންނެވެ.
ރިޔާޒުގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވަ އެވެ. ރިޔާޒު "ހަވީރު" ނޫހަށް ވިދާވެފައި ވަނީ "އެއީ ވަކި މަގުސަދެއް އޮވެގެން ކުރި ކަމެއް ނޫން" ކަމަށާއި "މީހަކު ފޮނުވި ސިޓީއެއް ޓްވީޓްކޮށްލީ" ކަމަށެވެ.
ރިޔާޒު ޓުވިޓާގައި އާންމު ކުރެއްވި ސިޓީގައި ބުނެފައި ވަނީ އެއްބުރުން ނަޝީދު އިންތިހާބުން ފެއިލްވެދާނެތީ އޭނާ ފުލުހުންނަށް މާ އޯގާތެރި މީހަކަށް އެމަނިކުފާނު ދައްކަން އުޅޭ ކަމަށެވެ. އަދި ނަޝީދަށް އިޝާރާތްކޮށް އެ ސިޓީގައި ވަނީ އެމަނިކުފާނަކީ "މަކަރުވެރި ނުލަފާ އިންސާނާ" ކަމަށެވެ. އަދި އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ނޫނެކޭ ބުނުމަށް ވެސް ޓުވިޓާގައި އާންމުކުރެއްވި ޓުވީޓުގައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ ކޮމިޝަންގެ މެންބަރު ކަމާމެދު މަޖިލިހާއި ސުޕްރީމް ކޯޓާދެ މެދު އުފެދިފައިވާ ދުސްތޫރީ ހިޔާލުތަފާތުވުންތަކުގައި، ސުޕްރީމް ކޯޓު ތެރޭގައި ވެސް ހިޔާލުތަފާތުވުން ބޮޑުވެފައި ވާތީ ރައީސް ވަހީދު މިރޭ ވިދާޅުވީ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ބޭފުޅުންގެ ތެރޭގައި އެފަދަ ދެބަސްވުމެއް ހުރި ނަމަ އަމިއްލައަށް ހައްލު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސީއެސްސީ ރައީސް ފަހުމީ ފުރުއްވެވި އެ ކޮމިޝަންގެ ގޮނޑި ހުސްވެފައިވާ ކަމަށް މަޖިލީހުން ފާސްކޮށްފައި ވާތީ ސީއެސްސީގެ ރައީސް ކަމަށް ޑރ. މުހައްމަދު ލަތީފު މިއަދު އައްޔަން ކުރައްވާފައި ވާތީ ރައީސް ވަހީދު ވިދާޅުވީ އެކަމާމެދު އަމަލު ކުރާނެ ގޮތެއް ލަފާ އެޓާނީ ޖެނަރަލާއި އެހެން ފަރާތްތަކުން ހޯއްދަވާނެ ކަމަށެވެ.