16 Nov 2010, 21:29
ޕްރިންސް ވިލިއަމްގެ ވާންއުޅޭ އަނބިކަނބަލުން ކޭޓް މިޑްލްޓަން އުފަންވެ ވަޑައިގަތީ 1982 ވަނަ އަހަރުގެ ޖެނުއަރީ މަހު ނުވަނަ ވަނަ ދުވަހު އެވެ. މިހާރު އުމުރުފުޅަކީ 28 އަހަރެވެ.
އާންމު ކޮށް ކިޔާ ނަމުންނަމަ "ކޭޓް" ކުޑައިރު އުޅުއްވީ އިނގްލޭންޑްގެ އިރު ދެކުނުގައި އޮންނަ ސްޓޭޓެއް ކަމުގައިވާ ބާކްސްގަ އެވެ. އެކަމަނާ ފުރަތަމަ ވަޑައިގަތީ މާލްބްރޯ ކޮލެޖަށެވެ. އެއަށްފަހު ޔުނިވާސިޓީ އޮފް ސެއިންޓް އެޑްވާޑް އަށް ވަޑައިގެންނެވި އެވެ. ޕްރިންސް ވިލިއަމް އާއި ފުރަތަމަ ބައްދަލުވެ ވަޑައިގަތީ އެ ޔުނިވަސިޓީން 2001 ވަނަ އަހަރު އެވެ. އެއަށްފަހު އެ ދެ ބޭފުޅުން ލޯބީގެ ގޮތުން ގުޅިވަޑައިގަތެވެ. ކޭޓް އާއި ވިލިއަމްގެ ލޯބީގެ ގުޅުން މީޑިއާގައި ތަފާތު ގޮތްތަކަށް ދެކެވެމުން ދިޔައެވެ. ހާއްސަކޮށް ޔުރަޕްގެ މީޑިއާތަކުގައި މި ވާހަކަތަކައް ހާއްސަ ސަމާލުކަމެއް ދެވިފައިވާކަން ފާހަގަކޮށްލެވެ އެވެ. އެންމެ ފަހުން މީޑިއާގައި ފެތުރުގެންދިޔަ ހަބަރަކީ ޕްރިންސް ވިލިއަމް އާއި ކޭޓް އެންގޭޖް ކުރެއްވިކަން އެ ދެ ބޭފުޅުން ރަސްމީކޮށް އިއުލާނު ކުރެއްވިކަމުގެ ހަބަރެވެ. އެ އެންގޭޖް މަންޓުގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ވިލިއަމް، އޭނާގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ އާއި އޭނާގެ ބައްޕާފުޅު ޗާލްސް މީގެ 30 އަހަރު ކުރިން އެންގޭޖް ކުރެއްވި އަގޮއްޓި ކޮޅު ކޭޓްއަށް ދެއްވި ދެއްވުމެވެ. އެ އަނގޮށްޓި އަކީ ނޫކުލައިގެ މުތެއްޖަހައި އޭގެ ވަށައިގެން ހުދު ކުލައިގެ ޖަވާހިރު ޖަހާފައިވާ އަނގޮއްޓިކޮޅެކެވެ. އެންގޭޖް ކުރެއްވި ކަން އިއްޔެ ރަސްމީކޮށް އިއުލާނު ކުރެއްވި ކަމުގައިވިއަސް އެ ދެބޭފުޅުން އެންގޭޖް ކުރައްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހު ކެންޔާގައި އެވެ. ކޭޓްގެ މަންމަ ކެރޮއެލް އެލިޒަބަތް ކުރިން އެއާ ހޮސްޓެސް އެއްގެ ވަޒީފާ އަދާކުރެއްވި އެވެ. އަދި އޭނާގެ ބައްޕަ މައިކަލް ފްރޭންސިސް މިޑްލްޓޮން މަތިންދާ ބޯޓުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިން ކުރެއްވި އެވެ. ނަމަވެސް މިހާރު ކޭޓްގެ ބައްޕަ އަކީ މެއިލް އޯޑަރިން ފާމެއް ހިންގަވާ މިލިއަނަރެ ކެވެ. ވިލިއަމް އާއި ކޭޓްގެ ގުޅުން މީޑިއާއަށް ހާމަވީފަހުން އޭނާގެ ފަހަތުން ހުއްޓުމެއްނެތި ނޫސްވެރިން ހަރަކާތްތެރިވަމުން ގެންދިޔަ އެވެ. މިހެންކަމުން އޭނާއަށް ތަފާތު އުނދަގޫތައް ކުރިމަތިވެވަޑައިގަތުމުގެ ސަބަބުން 2005 ވަނަ އަހަރު އޭނާ އެ މައްސަލަ ކޯޓުގައި ޖެއްސެވި އެވެ. އަދި ޖެހިގެން އައި އަހަރު ރޯޔަލް އެންޑް ޑިޕްލޮމަޓިކް ޕްރޮޓެކްޝަން ޑިޕާޓުމަންޓުން އޭނާއަށް 24 ގަޑީރު ހިމާޔަތް ދިނުމަށް ކޯޓުން އަމުރުކުރި އެވެ. ކޭޓް އާއި ވިލިއަމް 2007 ވަނަ އަހަރު ވަކިވެ ވަޑައިގެންނެވި ކަމަށް އިނގިރޭސި ވިލާތުގެ ބައެއް މީޑިއާތަކުގައި ހަބަރު ފެތުރިގެން ދިޔަ އެވެ. މިކަން ބީބީސީން ވެސް ކަށަވަރު ކޮށްދީފައިވެ އެވެ. މީޑީއާތަކުން ބުނާ ގޮތުގައި އެ ދެބޭފުޅުން ވަކިވެވަޑައިގަންނަވަން މެދުވެރިވި ސަބަބަކީ އެ ދެބޭފުޅުންގެ ގުޅުމަށް އެކަށީގެންވާ ވަރަށް ވިލިއަމް ސަމާލުކަން ނުދެއްވުމެވެ. ބައެއް އެހެން ޒުވާން އަންހެން ކުދިންނާއެކު ވިލިއަމް ވަގުތު ހޭދަކުރައްވާކަމަށް ވެސް މީޑިއާތަކުގައި އަޑު ފެތުރިގެން ދިޔަ އެވެ. އޭރު ދެ ބޭފުޅުންގެ ވެސް އުމަރަކީ 24 އަހަރުފުޅު ކަމުން ކައިވެނި ކުރުމަށް "އަދި އަވަސްކަމަށް" ވިލިއަމް ވިދާޅުވި ވިދާޅުވުމަކީ ވެސް ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތް ސަބަބެއް ކަމަށްވެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. ޕްރިންސް ވިލިއަމް އަކީ އިނގިރޭސި ވިލާތުގެ އެއާ ފޯސްގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ވިލިއަމްގެ ބައެއް ރަހުމަތްތެރިން ބުނާ ގޮތުގައި އޭނާއަށް ކޭޓް އާއި އެކު ގިނަވަގުތު ހޭދަނުކުރެވޭ މައިގަނޑު ސަބަބަކީ ވަޒީފާގައި ބުރަކޮށް އުޅުއްވުމެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޝާހީ ބައެއް ހަފުލާތަކުން ދެ ބޭފުޅުން އެކުގައި ފެންނަން ފެށި އެވެ. އަދި އޭގެ ދެ އަހަރުފަހުން ދެ ބޭފުޅުން އެންގޭޖްވެ ވަޑައިގަތީ އެވެ. ކޭޓް އެންމެ ފުތަރަތަމަ ކުރެއްވި މަސައްކަތަކީ ވިޔަފާރި ކުރެއްވުމެވެ. ނަމަވެސް 2007 ވަނަ އަހަރު ވިޔަފާރި ކުރުން ހުއްޓަވާލެއްވުމަށްފަހު ފޮޓޯގުރާފަރަކަށްވެ ވަޑައިގަތެވެ. އޭނާ ޕްޓޯގްރަފީ ކިޔަވާ ވިދާޅުވީ މާރިޔޯ ޓެސްޓީނޯ ކިޔާ ބޭފުޅެއްގެ ކުލާހަކުންނެވެ. ޓެސްޓީނޯ އަކީ ވިލިއަމްގެ މަންމާފުޅު ޑަޔާނާގެ ވަރަށް ފާހަގަކޮށްލެވޭ ފޮޓޯތައް ނެންގެވި ބޭފުޅެކެވެ. އަދި ކޭޓް އާއި ޓެސްޓީނޯ ދިމާވެފައިވަނީ ވިލިއަމްގެ ފަރާތުންނެވެ. ކޭޓް އަކީ ފެޝަނާއި ފުރިހަމައަށް ހެދުން އެޅުއްވުމަށް ވަރަށް ވެސް ޝައުގުވެރިވާ ބޭފުޅެކެވެ. ޝަހީ ހަފްލާތަކުގައި ކޭޓް ބައިވެރިވެ ވަޑައިގަންނަވާއިރު އެ ކަމަނާ ހެދުން އަޅުއްވާގޮތުގެ ސަބަބުން އެންމެ ފުރިހަމައަށް ހެދުން އަޅުއްވާ ލިސްޓުގައި އެކަމަނީ ވަނީ ހިމެނިވަޑައި ގެންފައި އެވެ. މިގޮތުން ފެޝަން މެގަޒިންތަކުން 2006 ވަނަ އަހަރުން ފެށިގެން އޭނާ އަށް ތަފާތު ވަނަތައް ލިބިލައްވާފައިވެ އެވެ.