ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރައްވާފައިވާ އިސްލާމުދީނާއި ހިލާފު ލާދީނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް "މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޝަހްޞިއްޔަތު"ގެ ނަމުގައި ފޮތެެއް ނެރެފި އެވެ.

މޫކައި ހޮޓެލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލީ ޝިއާޒު ލިޔުއްވި އެ ފޮތް ނެރެދެއްވީ ޕީޕީއެމްގެ ކުރީގެ އިންތިގާލީ ނާއިބް ރައީސް އުމަރު ނަސީރެވެ.

ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިއާޒު ވިދާޅުވީ މިހާރު ރާއްޖޭގައި ހިނގަމުން މިދަނީ ސިޔާސީ ކަންތައްތަކެއް ނޫން ކަމަށާއި މިހާރު ކުރިއަށް މިދަނީ ޑިމޮކްރަސީގެ ނަމުގައި މުސްލިމު މުޖުތަމައުތައް ހަލާކު ކޮށްލުމަށް ބަޔަކު ރާވައިގެން ހިންގާ ނުބައި މަކަރުވެރި ރޭވުންތަކެއް ކަމަށެވެ. އަދި އެކަމުގެ "އެޖެންޓެއް"ގެ ގޮތުން ރާއްޖެ އަށް ފޮނުވާފައި ހުރި މީހަކީ ކެނެރީގޭ މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ ޝިއާޒު ވަނީ ނަޝީދުއަށް ފާޑުވިދާޅުވެފަ އެވެ.

ޝިއާޒު ވިދާޅުވީ ފޮތުގައި ނަޝީދާ ބެހޭ ގޮތުން އާއްމު ނުވެހުރި ގިނަ ވާހަކަތެއް ހިމަނާފައި ހުންނާނެ ކަމަށެވެ. އަދި ފޮތް ލިޔުމުގައި މައިގަނޑު ގޮތެއްގައި ހަބަރު ނަގާފައި ހުންނާނީ ރާއްޖޭގެ މަޝްހޫރު މީޑިއާގެ ވަސީލަތްތަކުން ކަމަށާއި އެގޮތުން އެ ހަބަރެއްގެ ސައްހަ ލިންކު ރިފަރެންސެއްގެ ގޮތުގައި ފެންނަން ހުންނާނެ ކަމަށް ޝިއާޒު ވިދާޅުވި އެވެ.

ފޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން "މުހައްމަދު ނަޝީދުގެ 50 ދޮގު" އަދި މުހައްމަދު ނަޝީދުގެ 150 ދޮގު" ލިޔުއްވި އުމަރު ވިދާޅުވީ އެ ފޮތަކީ ސުކޫލު ތަކާއި ކޮލެޖު އަދި ޔުނިވާސިޓީ ދަރިވަރުން ފަހުގެ ދިވެހި އިސްލާމީ ތާރީހުގެ މައުލޫގައި ދިރާސާ ކުރެއްވުމަށް ހާއްސަ ފޮތެއް ކަމަށެވެ. އަދި މި ފޮތުގައި ކޮންމެ ދިވެހި ރައްޔިތަކަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތުތަކެއް އެއްތަނަކުން ބެލުމަށް އެކުލަވާލި މުހައްމަދު ނަޝީދާ ބެހޭ ގޮތުން ލިޔެވޭ ފުރަތަމަ ފޮތް ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މި ފޮތް ތައްޔާރުކޮށްފައި ވާނީ ކޮޕީ ރައިޓުގެ އެއްވެސް ވައިލޭޝަނެއް ފޮތުގައި ނުހިމެނޭނެ ކަމަށެވެ.

"މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޝަހްޞިއްޔަތު"ނަމުގައި މިއަދު ނެރުނު އެ ފޮތުގައި 630 ސަފްހާ ހިމެނޭ އިރު ފޮތުގައި 11 ބައެއް ހިމެނިފައިވާނެ ކަމަށް މައުލޫމާތު ދިނެވެ.