އެމްޓީސީސީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބްދުﷲ އާއި އެ ކުންފުނީގެ އެޗުއާރު ޑިޕާޓްމަންޓްގެ އެކްޒެކެޓިވް، އާބިދާ ރަޝީދުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފި އެވެ.

އެ މައްސަލަ އޭސީސީ އަށް ހުށައަޅާފައިވާ، މިހާރު އެ ކުންފުނީގެ ހުޅުމާލޭ ފެރީ ސެކްޝަންގެ އެކްޓިންގް މެނޭޖާގެ މަގާމްގައި ހުންނެވި ޝަޒްބާން ފަހުމީ މިއަދު "ސަން" އަށް ވިދާޅުވީ އޭނާ އެ މައްސަލަ އޭސީސީ އަށް ހުށައެޅީ އެ ދެ ބޭފުޅުން އެކުންފުނީގެ ހުޅުމާލޭ ސެކްޝަންގެ މެނޭޖަރަކަށް ވަކި ބޭފުޅަކު މަގާމްގެ ނުފޫޒް ބޭނުންކޮށްގެން ހަމަޖެއްސުމަށް މަސައްކަތް ކުރާތީ ކަމަށެވެ.

އޭނާ ވަނީ އެ މައްސަލަ އޭސީސީ އަށް ހުށައެޅި ފޯމްވެސް ސަން އާއި ހިއްސާކޮށްފަ އެވެ.

"އެމްޓީސީސީގެ އާންމު އުސޫލުން މަގާމަކަށް އިއުލާންކުރާނަމަ ސީނިއާ ޕޯސްޓަކަށް އިއުލާން ކުރާނީ އިންޓާނަލީ އެމަގާމަށް މީހަކު ހޯދާފަ، ނަމަވެސް އާންމު އުސޫލާއި ހިލާފަށް މިހާރު އަޅުގަނޑު ވަގުތީ ގޮތުން އަދާކުރަމުންދާ މަގާމަށް މީހަކު ހޯދުމަށް މިމަހު އެކެއްގައި ވަނީ ގެޒެޓް ކޮށްފަ" ޝަޒްބާން ވިދާޅުވިއެވެ.

ޝަޒްބާން ވިދާޅުވީ އޭނާވެސް އެމަގާމަށް ކުރިމަތިލާފައިވާއިރު އެދެ ބޭފުޅުން އޭނާ އެމަގާމަށް ހޮވަން ބޭނުންނުވާ ކަމަށެވެ. އަދި އެމަގާމަށް މިހާރު ހަމަޖައްސަން މަސައްކަތް ކުރާ މީހާގެ ސީވީ ހުށައަލާފައިވަނީ އެކަމަށް އެދި ހުށައަޅަންޖެހޭ މުއްދަތު ހަމަވެފައިވަނިކޮށް ސީއީއޯ އަދުހަމް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމައްސައާއި ގުޅިގެން އަދުހަމް ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އެމައްސަލާގައި އޭނާ އިތުރު ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެ މައްސަލަ އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ މައްސަލަ ބައްލަވަމުން އަންނަ ކަމަށެވެ.