ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވޯޓު ދިނުމަށް ކަމަށް ގައުމައިގެން ކުރިއަށް ކޯލިޝަނުން ހިމެނޭ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ގައުމައިގެން ކުރިއަށް ކޯލިޝަނުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރުމުގައި ރޮޒައިނާ ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކަށް ކުރި ދަތުރުތަކުން ރައީސް ވަހީދަށް ބޮޑު ތާއީދެއް އޮތްކަން އެނގިގެންދާ ކަމަށާއި އޭގެ ތެރެއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނަށް ވޯޓު ނުދޭން ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އެބަތިބި ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ރަށްތަކަށް ވަޑައިގެންނެވުމުން އެމަނިކުފާނާ ސަލާމް ކުރުމަށް ނިކުންނަ އެންމެނަކީ އެއްގޮތަކަށް ވެސް ޔާމިނަށް ވޯޓުދޭން ތިބި މީހުން ނޫންކަން އެ މީހުންގެ ވާހަކަތަކުން އެނގޭ ކަމަށާއި ޖަލްސާތަކުންނާއި ރާއްޖެ ތެރޭގެ ރަށްތަކުން ފެންނަ މަންޒަރުތަކާ ވޯޓުގެ ނަތީޖާ ވަރަށް ބޮޑަށް ތަފާތުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ގޭގެއަށް ގޮސް ވާހަކަދެއްކިއިރު ކިތަންމެ ބަޔަކާއި ދިމާވި ޕީޕީއެމްއަށް ނިސްބަތްވާ، ޕީޕީއެމްގެ ކުލަ ގޭގޭގައި ލައިގެން ތިބި. އެކަމަކު ވެސް ތިމަންނަމެން ޕީޕީއެމްގައި ތިއްބަސް ޔާމިނަށް ވޯޓު ނުދޭނަމޭ ވިދާޅުވި ވަރަށް ގިނަ މީހުން. އަދި ރައީސް ވަހީދާއި މެދު ދެކޭ ގޮތާއި ބެހޭ ގޮތުން ސުވާލުކުރިއިރު ރައީސް ވަހީދާއިމެދު ހިތްހަމަ ނުޖެހޭ އެންމެ މީހަކާ ވެސް ދިމައެއް ނުވޭ، މިހެން ދަންނަވާއިރު ވެސް އެމްޑީޕީ ތެރޭގައި ރައީސް ވަހީދާމެދު ހިތްހަމަ ނުޖެހޭ މީހުން ތިބޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ވަހީދަކީ ކެތްތެރި އަދި ގާބިލް ބޭފުޅެއް ކަން ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ފާހަގަކުރާ ކަމަށާއި ޕީޕީއެމްގެ ކުލަ ލައިގެން ތިބި ގޭތަކުން ވެސް ރައީސް ވަހީދަށް ވޯޓުދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

ގައުމީ އިއްތިހާދު ޕާޓީގެ މަޖިލިސް މެންބަރު އަހުމަދު ޝަރީފް ވިދާޅުވީ ސިޔާސީ ކަންކަމުގައި ނޫޅެ ހަމަހިމޭނުން ތިބި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންގެ ވޯޓް ލިބިގެން ދާނީ ރައީސް ވަހީދަށް ކަމަށެވެ. އޭގެ އިތުރުން ރައީސް މައުމޫނަށް ތާއިދު ކުރައްވާނަމަ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމިނަށް ވޯޓުދިނުމަށް މައުމޫނު އެދިވަޑައިގެންފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ "ބޭބޭ މޮޅުވުމަކީ ކޮއްކޮ މޮޅުވާނެ ސަބަބެއް ކަމަށް ގަބޫލުކުރަން ނުޖެހޭ" ކަމަށެވެ. އަދި މިހާރު ޕީޕީއެމް މިހާރު ހިނގަމުންދަނީ ރައީސް މައުމޫނު ގެ ސިޔާސަތުތަކާއި އެއްގޮތައް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރައްވާފައިވާ ޝަރީފް ވިދާޅުވި އެ ކޮމިޝަނުގެ މަސައްކަތްތަކާއިމެދު ޕީޕީއެމް މިހާރު ދައްކަމުންދާ ވާހަކަތަކީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރުމަށްޓަކައި ދައްކާ ބަހަނާއެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގައި ރަނގަޅު ކުރަން ޖެހޭ ކުދި ކުދި ކަންކަން ހުރި ނަމަވެސް ވަކި ފަރާތަކަށް ބުރަ ވެގެން އެ ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެ ކޮމިޝަނަށް ގައުމައިގެން ކުރިއަށް ކޯލިޝަނުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ޝަރީފު ވިދާޅުވި އެވެ.