20 Aug 2013, 16:39
އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ކެނޑިނޭޅި އެޓޭކް ކުރަމުން ގެންދާ ކަމަށާއި އެ ކަމަށް އެ ކޮމިޝަނުން ސަމާލުވެ ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަންގެ ވެބްސައިޓާއި ވޯޓާސް ރަޖިސްްޓްރީ ހިމަނާފައިވާ ޑޭޓާ ބޭސް ސިސްޓަމް ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ދޮގު ކުރައްވައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިލެކްޝަންސްގެ ވެބް ސައިޓަށް އެޓޭކް ކުރަމުންދަނީ އެމެރިކާ އާއި އޮސްޓްރޭލިއާ އާއި ރަޝިޔާގެ އިތުރުން ރާއްޖެއިން ކަމަށެވެ.
"ވަރަށް ގިނަ އެޓޭޓްތަކައް ދުނިޔޭގެ ހުރިހާ ސަރަހައްދަކުން ވެސް ކެނޑިނޭޅިދަނީ ދެމުން. އަޅުގަނޑުމެންގެ އައިޓީ ޑިޕާޓްމަންޓުން 24 ގަޑިއިރު އެކަންތައް ސަމާލުވެ ގެންދަނީ ބަލަމުން. އެފަދަ ހުރިހާ އެޓޭކްތަކެއް އެ މީހުން ގެންދަނީ ބްލޮކް ކުރަމުން،" ފުއާދު ވިދާޅުވި އެވެ.
ވޯޓާސް ރަޖިސްޓްރީގެ މަސައްކަތް މިއަދު ހަވީރުގެ ވަގުތެއްގައި މުޅިން ނިންމާލެވޭނެ ކަމަށާއި ކޮމިޝަންގެ ޑޭޓާތައް ހުރީ އެ ކޮމިޝަންގައި ރައްކާތެރިކަމާ އެކުގައި ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ބައެއް އިންތިހާބްތަކުގައި އިލެކްޝަންސް ކޮމިޝަންގެ ޑާޓާއަށް އެޓޭކް ކުރަން ބަޔަކު މަސައްކަތް ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެކޮމިޝަންގެ ޑާޓާތަކާ ކުޅެވިފައި ނުވާ ކަމަށާއި އޭރު ވެސް އެ ޑާޓާތައް ހުރި ރައްކާތެރިކޮށް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.