ތައިލެންޑްގެ އޮސޮޓްސްޕާ އެފްސީއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމް ކުޅުނު ރަހްމަތްތެރި ކަމުގެ މެޗު، 3-2 އިން ރާއްޖެ ކާމިޔާބުކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް ތައިލެންޑަށް ކުރާ ތަމްރީން ދަތުރުގައި މިއަދު މެންދުރު ފަހު އޮސޮޓްޕާގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ކުރި ހޯދީ އޮސޮޓްސްޕާ އެވެ.

ރާއްޖޭގެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ދެވަނަ ހާފްގެ ފުރަތަމަ ފަނަރަ ވަރަކަށް މިނިޓުގެ ތެރޭގައި ނިއުގެ ފޯވާޑް އަދި ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެހެން ނަމަވެސް އޮސޮޓްޕާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދާފަ އެވެ.

ރާއްޖޭގެ ޓިމަށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކޮށްދިނީ، ބީޖީގެ ހުނަރުވެރި މިޑްފީލްޑަރު ހަސަން އަދުހަމް (ސަޑޭ) އެވެ. އަދި މެޗު ނިމެން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ރާއްޖެކޮޅަށް މެޗުގެ ނަތީޖާ އަނބުރާލަދިނީ އީގަލްސްގެ ޒުވާން ފޯވަޑް އަހްމަދު އިމާޒް (އާއްކޮ) އެވެ.

ގައުމީ ޓީމްގެ މެނޭޖަރު އިބްރާހީމް އާމިރު (ސަލްސާ އާމިރު) ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިއަދުގެ މެޗު ކުޅެމުން ދިޔަ ވަގުތު ކުޑަކޮށް މޫސުން ގޯސް ނަމަވެސް ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"މެޗު ކުޅެމުން ދިޔަ ގަޑީގައި ކުޑަކޮށް ވާރޭ ވެހުނު. އެކަމަކު ހުރިހާ ކުޅުންތެރިންގެ ޕާފޮމެންސްވެސް ވަރަށް ރަނގަޅު،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ހުރިހާ ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި، އަދި ޓީމުގެ ފަރިތަކުރުންތައް ވަރަށް ރަނގަޅަށް ކުރިއަށް ދާކަމަށެވެ.

ގައުމީ ޓީމު ތައިލެންޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާ ދުވަސްވަރު ކުޅެން ހަމަޖެހިފައިވާ ރަހްމަތްތެރިކަމުގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ ތައިލެންޑްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެވެ.

ތައިލެންޑްގައި ކުރަމުންގެންދާ ފަރިތަކުރުންތައް ނިންމާލުމަށްފަހު މިމަހުގެ 24 ވަނަ ދުވަހު ކުޅުންތެރިން "ރެސްޓް" ކުރުމަށް ފަހު ގައުމީ ޓީމް މާލެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

ސާކް ސަރަހައްދުގައި ހިމެނޭ އަށް ގައުމު ވާދަކުރާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދާނީ މި މަހުގެ 31 އިން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގަ އެވެ.