ބޯޑަކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް މެލޭޝިއާގެ ނެކްސްބިޒްއާ އެކު ދިވެހި ސަރުކާރުން ސޮއިކުރި އެއްބަސްވުން އުވާލި މައްސަލައިގައި ރާއްޖޭގެ ސްޕްރީމްކޯޓުން ނެރެފައިވާ އަމުރަށް އިހުތިރާމް ކުރުމަށް ނެކްސްބިޒުން އެމެރިކާ ސަރުކާރަށް ގޮވާލައިފި އެވެ.

އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ބޯޑަކޮންޓްރޯލް ސިސްޓަމް އިމިގްރޭޝަނުން ރޭ ބޭނުން ކުރަން ފެށުމުން ނެކްސް ބިޒް އިން މިއަދު ނެރުނު ބަޔާނެގައި ބުނީ "ސްޕްރީމް ކޯޓްގެ އަމުރަށް އިހުތިރާމް ކުރުމަށް އާ ސިސްޓަމް ދިން ފަރާތަށް ގޮވާލާ" ކަމަށެވެ.

"ކުންފުނިން ގޮވާލަނީ އަދި ގަބޫލު ކުރަނީ ސްޕްރީމް ކޯޓްގެ އަމުރަށް، އާ ސިސްޓަމް ދި ފަރާތުން، އިހުތިރާމް ކުރާނެ ކަމަށެވެ. އަދި ގައުމުގެ ޝަރުއީ އެންމެ މަތީ ބާރުގެ ނިންމުމާ ހިލާފު ނުވާނެ ކަމަށެވެ،" ނެކްސްބިޒް އިން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ހައިކޯޓްގެ ހުކުމަކަށް ބިނާކޮށް އެއްބަސްވުން އުވާލީ ޑިފެންސް މިނިސްޓަރް ނާޒިމްގެ އިސްނެންގެވުމަކުން ކަމަށާއި އެހެން ނަމަވެސް ހައިކޯޓްގެ ހުކުމް ނެސްކްސްބިޒުން ސްޕްރީމްކޯޓްގައި އިސްތިއުނާފު ކުރި ކަމަށެވެ. އަދި ސްޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނިންމަންދެން އެމައްސަލައިގާ ދައުލަތުން ވެސް އަދި އެއްވެސް މީހަކު ވެސް އެއްވެސް ކަމެއް ނުކުރުމަށް ސްޕްރީމްކޯޓުން 2012 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ނެރުނު އަމުރުގައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބޯޑަކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ނެކްސްބިޒްއާ އެކު ވެފައިވާ އެއްބަސްވުން އުވާލި މައްސަލައިގާ އެކުންފުނިން މިމަހުގެ 14 ވަނަ ދުވަހު ވެސް ބަޔާނެއް ނެރުނެވެ.

ބޯޑަކޮންޓްރޯލް ސިސްޓަމެއް ގާއިމް ކުރުމަށް ނެކްސް ބިޒްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.